ޚަބަރު
ލަންކާ އާއި ރާއްޖެއާ ދެމެދު ވިސާ އުވާލަން ޖެހޭ: ނަޝީދު
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ އާއި ވޯކް ޕާމިޓް ނަގަން ނުޖެހޭ ގޮތަށް ހެދުމުން ވަރަށް ބޮޑަށް ފައިދާވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު ރާއްޖެ އާއި ލަންކާގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވީ ލަންކާ އިން ދިވެހިންނަށް ވިސާ ހޯދުމަށް އުނދަގޫވެފައިވާ ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މަސްއޫދު އިމާދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ. 

ސަފީރު މަސްއޫދު ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ވިދާޅުވީ ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލުމުން ދެ ގައުމަށް ވިޔަފާރީގެ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ވެސް ފައިދާތައް ލިބިގެންދާނެ ކަމަށެވެ.

"ރާއްޖެ އާއި ލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލުމުން ދެ ގައުމަށް ވެސް ފައިދާވާނެ،" ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

މަސްއޫދު ވިދާޅުވީ ތައުލީމު ހާސިލް ކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ކަމަށް ވިޔަސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާ ދާ ވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ލަންކާގެ އިމިގްރޭޝަންގެ އޮފީސް ތެރޭގައި ދިވެހިންނާ ދިމާލަށް އޮފިޝަލުން ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކުރާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 


މި މައްސަލަ ބޮޑުވީ އީސްޓަ ސަންޑޭގެ ހަމަލާގެ ފަހުން ކަމަށް ވާތީ، އެ ހަމަލާގެ ފަހުން ރާއްޖެއަކީ ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ގައުމެއް ކަމަށް ކަނޑައެޅީތޯ ސާފުކުރަން ލަންކާގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް މަސްއޫދު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު