ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލު ހަރުކަށި ކުރަންޖެހިދާނެ: މަސްއޫދު އިމާދު
އިސްމާއިލް ރިޒާ
08 ޖެނުއަރީ 2026 - 11:25
0 comments
ރާއްޖޭން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު - ފޮޓޯ: ޕީއެސްއެމް
ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލު ހަރުކަށި ކުރަންޖެހިދާނެ ކަމުގެ އިންޒާރު އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު ދެއްވައިފި އެވެ.
މަސްއޫދުގެ މިފަދަ އިންޒާރެއް މިއައީ އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ އިމިގްރޭޝަންގެ "އުދަނގޫ" ޖެހިފައިވަނިކޮށެވެ.ލަންކާގެ ޑެއިލީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވިދާޅުވީ، ލަންކާއަށް ދާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަނުން ކަންތައް ކުރަނީ "ދޮންދަރި"އަކާމެދު އަމަލުކުރާ އުސޫލުން ކަމަށެވެ. މިގޮތުން، ލަންކާގައި އުޅޭ ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ޖަހަންދެން ދިގު ކިޔުތަކުގައި ބައިތިއްބާއިރު، ހަމުގެ ކުލަ އަލި މީހުންނަށް ފަސޭހައިން ހިދުމަތް ލިބޭކަމަށް ވިދާޅުވެ، މަސްއޫދު ވަނީ ލަންކާގެ އިމިގްރޭޝަނަށް ނަސްލީ ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ވެސް ކުރައްވައިފަ އެވެ. "އަޅުގަނޑު ހަމަ ހައިރާންވޭ، ހަމައެކަނި ހަމުގެ ކުލަ އަލި މީހުންނަކީ ޓޫރިސްޓުން ކަމަށް ދެކޭތީ،" އޭނާ ވިދާޅުވި އެވެ. މި މައްސަލަ ހައްލު ނުވާނަމަ، ރާއްޖެއިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު ވެސް މުރާޖާކުރަން ޖެހިދާނެކަމުގެ އިންޒާރު ހައި ކޮމިޝަނަރު ވަނީ ދެއްވާފައެވެ. އޭނާ ވަނީ ސިއްހީ އަދި ތައުލީމީ ކަންކަމުގައި ރާއްޖެއިން ލަންކާއަށް ދަތުރުކުރާ މީހުންގެ އަދަދު 8،000 އިން މިހާރު 1،500 އަށް މަދުވެފައިވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.ހައި ކޮމިޝަނަރު ވަނީ ދެ ގައުމަކީ ޒަމާންވީ ރަހުމަތްތެރިންކަމާއި ރާއްޖެއިން އަބަދު ވެސް ލަންކާއާ އެކު މަސައްކަތްކުރާކަން ވެސް ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ޝުއޫރު