ސްރީ ލަންކާގައި 2019ގައި ދިން އީސްޓާ ސަންޑޭގެ ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގުގެ ބައެއްގެ ގޮތުން، ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމުން ބޭރަށް ދަތުރުކުރުން އެ ގައުމުގެ ކޯޓަކުން މަނާކޮށްފި އެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން އިމިގްރޭޝަން އިދާރާތަކަށް އިއްޔެ ވަނީ ގޮޔަބަޔާގެ އިތުރުން މިލިޓަރީ އިންޓެލިޖެންސްގެ އެހެން ދެ އޮފިސަރަކު ވެސް ގައުމުން ބޭރަށް ފުރުން މަނާކޮށްފަ އެވެ.ކޯޓުން މި ފިޔަވަޅު އަޅާފައި މިވަނީ، ލަންކާގެ ތާރީހުގައި ވެސް ހިންގި އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ހަމަލާ ކަމަށްވާ އީސްޓާ ސަންޑޭގެ ހަމަލާތަކާ ގުޅިގެން އިހުމާލުވި ފަރާތްތަކާއި އޭގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ހޯދުމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އީސްޓަ ދުވަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ވެރިރަށް ކޮލަމްބޯގެ އަގުބޮޑު ތިން ހޮޓަލަކަށާއި، ރޯމަން ކެތޮލިކް ދެ ފައްޅިއަކަށާއި، އަދި ސިޓީން ބޭރުގައި ހުރި އިވެންޖެލިކަލް ޕްރޮޓެސްޓަންޓް ފައްޅިއަކަށެވެ.
މި ހަމަލާތަކުގައި މަރުވި 279 މީހުންގެ ތެރޭގައި ބޭރު ގައުމުތަކުގެ 45 މީހަކު ހިމެނޭއިރު، 500 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ. މި ހަމަލާގެ ތުހުމަތު އޮތީ އެ ގައުމުގެ ދީނީ ހަރުކަށި ގްރޫޕަކަށެވެ.
އީސްޓާ ސަންޑޭގެ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ ލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކޭ ގެ ރިޔާސީ ވައުދެކެވެ.