ޚަބަރު
ބަންގްލަދޭޝްގައި އޮން-އެރައިވަލް ވިސާ މެދުކަނޑާލަނީ!
ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލްކުރުމަށް ދިރިއުޅޭ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އެ ގައުމުން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާތީ އެ ގައުމަށް ދަތުރުކުރާ ދިވެހިން އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ  އިންތިހާބާ ގުޅިގެން، 15 ޖެނުއަރީ އިން ފެށިގެން 15 ފެބްރުއަރީގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެ ގައުމުން ނިންމާފައިވާ ކަމަށެވެ.

"އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެ އެވެ. 

ބަންގްލަދޭޝްގެ ވިސާ އާއި ބެހޭ އިތުރު މައުލޫމާތު ހިމެނޭ ލިންކެއް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނާއެކު ހިއްސާކޮށްފައިވެ އެވެ.

އަންނަ މަހު ބަންގްލަދޭޝްގައި އިންތިހާބު ބާއްވަނީ ޒަމާންތަކެއް ވަންދެން ބަންގްލަދޭޝްގައި ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ޝެއިހު ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި ހިންގަމުން އަންނަ ވެރިކަމުގެ އިންތިގާލީ މަރުހަލާ ނިމުމަކަށް ގެނައުމަށެވެ.

އޮގަސްޓު 2024، އިން ފެށިގެން ބަންގްލަދޭޝްގައި ހިނގަމުން އަންނަނީ ވަގުތީ ސަރުކާރެކެވެ. އެ ސަރުކާރު ހިންގެވުމާ އިސްކޮށް ހަވާލުވެ ހުންނެވީ ނޮބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ ޔޫނުސް އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު