ޚަބަރު
މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި
ކުރީގެ ޔޫތު މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަޅޮޅު ދެކުނު ދާއިރާގެ މެންބަރުކަން ދެ ދައުރަކު އަދާކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

މަހުލޫފް ވަނީ އިދިކޮޅު އެމްޑީޕީން ވަކިވާން ނިންމައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް މިއަދު ފޮނުއްވައިފަ އެވެ. އެ ސިޓީގައި، 2015 އިން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރަން ލިބުނު ފުރުސަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މަހްލޫފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރެއްވުނީތީ އުފާކުރައްވާ ކަމަށެވެ.

އޭނާ ވަނީ ތާއިދުކުރި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެމްޑީޕީ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވާން ނިންމި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. މި ފަހުން އޭނާ އެ ޕާޓީގެ އެއްވެސް ހަރަކާތެއްގައި ނޫޅުއްވަ އެވެ.

މަހުލޫފް ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެވެ. މަހުލޫފް އެ ހާތަނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުންގޯސްވި ހިސާބުންނެވެ. އޭރު މަޖިލިސް މެންބަރަކަށް ހުންނަވައިގެން ޔާމީންގެ ވެރިކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މަހުލޫފް ކުރެއްވެވި އެވެ.

އެއަށް ފަހު ދެން އުފެދިގެން އައި ޞާލިހުގެ ވެރިކަމުގައި މަހުލޫފް ވަނީ ފަސް އަހަރު ވަންދެން ޔޫތު މިނިސްޓަރުކަން ކުރައްވައިފައެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތަށް ސަސްޕެންޝަނެއްގައި ހުންނަވަން ޖެހިވަޑައިގަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު