ޚަބަރު
ކެމްޕެއިންތަކާ ގުޅުވައިގެން ސިޔާސީ ވަޒީފާ ދިނުން ހުއްޓާލައިފި ކަމަށް ރައީސް ވިދާޅުވެއްޖެ
ތަޖުރިބާ އާއި ތައުލީމު އަދި ފަންނީ ފެންވަރަށް ބެލުމެއް ނެތި ސިޔާސީ ގޮތުން ވަޒީފާ ދިނުން ހުއްޓާލަން ނިންމިކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ލިބުނު ނާކާމިޔާބީއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ކެމްޕެއިނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން ވިޔަސް އެއްވެސް މީހަކަށް ވަޒީފާ ދިނުން ހުއްޓާލަން ވެއްޖެ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށެވެ. 

"އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނީ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން މި އޮތީ ބުނެފައި. އެހެންވީމާ އަޅުގަނޑު ވެސް ދަނީ އެގޮތަށް ދެން،" ރައީސް ވިދާޅުވި އެވެ. 

އެއްވެސް މީހަކަށް ދެން ވަޒީފާ ދޭނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުން އައްޔަންކުރުމަކީ ރައީސަށް ގާނޫނުއަސާސީން ލިބިދޭ ބާރަކަށްވާތީވެ، އެ މަނިކުފާނަށް އެ ފުރުސަތު އޮންނާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް، އެ ބާރުގެ ތެރެއިން، މުވައްޒަފުން ދެން ނަގާނީ އުސޫލުތަކެއްގެ ތެރެއިން ފެންވަރަށް ބަލައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު