
13،000އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، އިއްޔެ މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލީ ބޭނުން ކުރެވޭ ވަރަށް ވުރެ ފެން ރައްކާތެރި ނޫން މިންވަރަކަށް ތަގައްޔަރުވެފައިވާތީ އެވެ.މިކަން ހައްލު ކުރުމަށް ދެ ދުވަސް ނަގާނެ ކަމަށް ފެނަކައާ ހަވާލާދީ ފުވައްމުލަކު ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.ކައުންސިލްގެ ބަޔާނުގައި ވަނީ އެ ރަށުގެ ފެނުގެ ހިދުމަތަށް ދިމާވަމުންދާ މައްސަލަތައް "ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެވުނު" ކަމަށެވެ. އެގޮތުން އެންމެ ފަހުން، މި ހިނގާ ނޮވެމްބަރު 4، ގައި ރައީސް މުހައްމަދު މުއިއްޒު ފުވައްމަލަކަށް ކުރެއްވި ދަތުރުގައި ވެސް ރަށުގެ ފެނުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން އެދުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.އޭގެ ކުރިން، ފުވައްމުލަކު ފެނަކަ ބްރާންޗުން ފާހަގަކުރި މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ވެސް ގެނެސް، މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން ދިޔަ އެވެ.އެ މައްސަލައާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ، ފުވައްމުލަކުގެ ސަޕްލައި ފެނުުގައި މައްސަލަތަކެއް އުޅޭކަން އެނގޭތާ އެތައް ދުވަހެއް ވީއިރުވެސް، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ފެނަކަ ނުކުޅެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައްޔިތު މީހާގެ އަސާސީ ހައްގުތައް ރައްކާތެރި ކުރުމާއި، ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރު ފެއިލް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝާހިދު އިތުރަށް ވަނީ, މި ސަރުކާރަކީ ދެއްކުންތެރިކަން އިސްކުރާ, ނާގާބިލު ސަރުކާރެއްކަން ފަޅާއަރާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފުވައްމުލަކާއި އެހެން އަތޮޅުތަކާއި ސިޓީތަކުގައި ވެސް ކެނޑިނޭޅި މިފަދަ މައްސަތައް އިތުރުވަމުން ފުނިޖެހެމުން ދާއިރު، ސަރުކާރުން ކުރި މަސައްކަތާ ދޭތެރޭ ޝާހިދު ސުވާލު އުފެއްދެވި އެވެ.އެއާއެކު، އޭނާ ވަނީ ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.