
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުއިއްޒު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުން ވަނީ ބޭސްފަރުވާގެ ނިޒާމާއި ގުޅޭގޮތުން ގިނަ ޝަކުވާއާ މަޝްވަރާ ރައީސަށް ދެއްވާފައެވެ. އެގޮތުން ކުލިނިކްތަކަށް އާސަންދަ ދިނުމަށް ވެސް ރައްޔިތުން ވަނީ އެދިފައެވެ.އެންސްޕާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި ލިބުނު ހިޔާލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުލިނިކްތަކަށް އާސަންދަ ދިނުމުގެ މަސައްކަތް އެ އެޖެންސީން ފަށާފައިވާ ކަމަށެވެ.އެންސްޕާ އިން ބުނީ އާއްމުންގެ ޝަކުވާ ލިބުނު ބޭސްފަރުވާގެ ނިޒާމާއި އާސަންދައިގެ މައްސަލަތަކަށް ވެސް އަންނަނީ ހައްލުތަކެއް ހޯދައިދެމުން ކަމަށެވެ.އެއް ކަމަކަށް، އާސަންދައިގެ ހިދުމަތް ބޭނުންވާ ކްލިނިކްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. އާސަންދައިގެ ހިދުމަތް އަންނަ މަހުގެ 31 ގެ ކުރިން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވެސް އެންސްޕާ އިން ބުންޏެވެ.