ޚަބަރު
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފި އެވެ.

ކުންފުނީގެ ފައިސާއަށް އޭނާ ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ، އޭނަ ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ ސެޕްޓަމްބަރު މަހު އެވެ.

ސައީދު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އިއްޔެ އެވެ. ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.

ސައީދު މިހާރު ތަންފީޒު ކުރަމުންދަނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. އެ ޖަލު ހުކުމުގައި ހުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.

އޭގެއިތުރުން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ވެސް ސައީދުގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. 

އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު