ރިޕޯޓް
ގިނަ ބައެއްގެ ވަޒީފާ ގެއްލި، ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓިފަ!
ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓް
ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ފެނަކަ ކޯޕަރޭޝަނުން އެންމެ ފަހުން ބުނީ 11 ޖޫން 2025 ގައި އެވެ.

އެދުވަހު ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާ އެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު މަޝްރޫއު މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގައި ވަށައިގެން އިންފާރެއް ރޭނުން ފިޔަވާ އެއްވެސް މަސައްކަތެއް ދެ އަހަރު ދުވަސް ވަންދެން ކޮށްފައި ނުވާ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ އެ މަޝްރޫއުއަށް އެ ކުންފުނިން 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައި ވިޔަސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިމިފައި އޮތީ މަޝްރުއޫގެ 70 ޕަސެންޓް މަސައްކަތް ކަމަށެވެ. އެ މަޝްރޫއަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއި ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ހަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށް އެ ކުންފިނިން ބުންޏެވެ.

ފެނަކަ އިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު، އަންނަ މަހު މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކުރާނެ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފެނަކައިން ދިން ނޯޓިހާއެކު ވަޒީފާއިން ވަކިކުރި މުވައްޒަފުން ބުނީ އެމީހުން ވަޒީފާއިން ވަކިކުރީ ރައީސް ޑރ. މުއިއްޒު އާއި ދާއިރާގެ އެމްޕީ އަލީ މޫސާ އަށް ތާއީދު ނުކުރާ ކަމަށް ބުނެ ކަމަށެވެ. އެމީހުން ބުނީ ރާއްޖޭގެ މިނިވަން ދުވަސް މިއަހަރު ފާހަގަ ކުރާއިރު މިނިވަން ކަމުގެ އިހްސާސް އެމީހުންގެ ހިތުގައި ނުޖަހާ ކަމަށެވެ. އަދި މިއަދު އެމީހުން ތިބެން ޖެހިފައި ވަނީ އަޅުވެތިކަމެއްގެ ދަށުވެ ވަޒީފާ ގެއްލިފަ ކަމަށެވެ. އަދި އެމީހުން އަލުން އަބުރާ މިނިވަންކަން ހޯދާނީ "ވޯޓު ފޮށިން" ކަމަށެވެ.

ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމި މައްސަލައިގައި ޝަރީއަތަށް ދާން ނިންމާފައިވާ ކަމަށް ހޯރަފުށި ކައުންސިލުން ވަނީ ބުނެފަ އެވެ. 

ހޯރަފުށިން ފެނަކަ ގޮވައިގެން ކޯޓަށްދާން ނިންމާފައި ވާއިރު، ކުޅުދުއްފުށީ ސިޓީއަށް ކަރަންޓުދިނުމުގައި ފެނަކައިން ސިޓީ ކައުންސިލާއެކު އެއްބަސްވުން ހަދަން ދެކޮޅު ހަދާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ވަނީ ނިންމައިފަ އެވެ. 

ބޮޓްލިންގ ޕްލާންޓުން ފުރަތަމަ 7 މުވައްޒަފުން ވަކި ކުރީ ޖޫން މަހުގެ 11 ވަަނަ ދުވަހުއެވެ. ބުދަ ދުވަހު ވަކި ކުރީ އަށް މުވައްޒަފުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލި މުވައްޒަފުންނަކީ:

1. އައިޝަތު ސައުދާ، ރަތަން / ހއ. ހޯރަފުށި

2. މުހައްމަދު ޝާހީން ،ޑޭޒީމާގެ / ވ. ގެޔޮދޫ

3. އާމިނަތު ހަނާ، ވިލުދޯޅި / ހއ. ހޯރަފުށި

4. އަހްމަދު ހަލީލް، ރުބީ / ހއ. ހޯރަފުށި

5. ފާތިމަތު ތަސްލީމާ، ހެޕީނައިޓް / ހއ. ހޯރަފުށި

6. ޔުމްނާ އިބްރާހީމް، ހަތިހާ / ހއ. ހޯރަފުށި

7. އާމިނަތު އަބްދުއް ސައްތާރު، ސާޔާ / ހއ. ހޯރަފުށި

8. ހުސައިން މުހައްމަދު، ސަބްނަމްގެ / ހދ ހަނިމާދޫ

9. ޝިފްލާ ހުސައިން، ގްރީންހެވަން / ހއ. ހޯރަފުށި

10. މަރިޔަމް އަބްދުލް މުހުސިން، އައިވަންހައުސް / ހއ. ހޯރަފުށި

11. މަރިޔަމް މާޔާ، ސާޔާ / ހއ. ހޯރަފުށި

12. ޝިފްލާ އަހްމަދު، ޝިރޯ / ހއ. ހޯރަފުށި

13. ހަމީދާ މުހައްމަދު، ގްރީންގްރާސް / ހއ. ހޯރަފުށި

14. ހައްވާ ނާޝިދާ، ހިކިފިނިފެންމާގެ / ‏ހއ. ހޯރަފުށި

15. އަބްދުއް ރަޝީދު އުސްމާން، ފޯޅަވަހި / ހއ. ހޯރަފުށި

ހޯރަފުށީ ޕްލާންޓުން ގިނަ ބަޔަކު ވަޒީފާ އިން ވަކި ކުރުމާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިމްދާހު ވިދާޅުވީ ހޯރަފުށީ ދާއިރާގެ އެމްޕީ އަލީ މޫސަގެ އުންމީދީ ބަދަލުތަކުން ރައްޔިތުންނަށް ލިބެމުން އަންނަ ސަޕްރައިޒްތައް މިއީ ކަމަށެވެ. 

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީވެ އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ހޯރަފުށީގައި މިފަހުން ވަނީ މުޒާހަރާކޮށް އެ ދާއިރާގެ މެންބަރު އަލީ މޫސާގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު