ރިޕޯޓް
ރަށުގައި ތިބެގެން އަދާކުރާނެ ވަޒީފާ ބޭނުން: ހޯރަފުށީ ޒުވާނުން
ވަޒީފާތަކުން މީހުން ވަކިކުރާތީ މެންބަރު އަލީ މޫސާގެ އިސްތިއުފާއަށް ބަޔަކު ގޮވަނީ
މަދަރުސީ ދައުރު ނިންމާލީ މުޅި ސުކޫލުން އެއްވަނަ ހޯދައިގެންނެވެ. ރަށުގައި 11،12 ކިޔެވެން ނެތުން ޖެހުނީ އާއިލާ ދޫކޮށް މާލެ ގޮސް ދުރު ބައެއްގެ ގާތުގައި ހުރެގެން އޭލެވެލް ނިންމާށެވެ. އެއަށްފަހު ސިއްހީ ދާއިރާ ރަށަށް ހިދުމަތް ކުރުމަށް ނަރުހަކަށްވެ މުވަށް ހެދި ކޯސްތައް ނިންމާލީ މުޅި ކޯހުން އެއް ވަނަ ހޯދައިގެންނެވެ. ކޯހުގައި އުޅުނު ދުވަސްވަރު ހޯރަފުށީގައި ހޮސްޕިޓަލްއެއް އަޅަން ސޯލިހު ސަރުކާރުން އިއުލާން ކުރުމުން ރަށުން ވަޒީފާ ލިބޭނެ ކަމަށް ވަރަށް އުންމީދުކުރެވުނެވެ. އަދި އާއިލާގާތަށް ރަށަށް ހިދުމަތް ކުރަން ފުރުސަތު ލިބުނީ ކަމަށް ވެސް އުންމީދު ކުރީމެވެ، ކޯސް ނިންމި ހިސާބުން އޭނާ އަމަލީ މައިދާނަށް ކުރިމަތިލީ ރަނގަޅު ވަޒީފާއަކާއި ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ އުއްމީދާ އެކު އާއިލާއާއިއެކު ރަށުގައި ހުރެގެން ވަޒީފާ އަދާކުރުމަށެވެ. 

ނަމަވެސް ކަންދިމާވި ގޮތް ވަރަށް ތަފާތެވެ. ރަށުގައި ކުރީ ސަރުކާރުން އަޅަން ފެށި ހޮސްޕިޓަލް ވެސް ހުރީ ނުނިމި އެވެ. ރަށުން ވަޒީފާއެއް ހޯދަން އުޅޭތާ އަހަރެއްހާ ދުވަސް ވީއިރު އަދިވެސް ވަޒީފާއެއް ނުލިބެ އެވެ. ޖުމްލަ 5 އިންޓަވިއުއަށް ހިނގައްޖެ އެވެ. މުޅިން ވެސް މާލެ ކޮޅުން ނެވެ. ދެން މި ޖެހެނީ ރަށުން ވަޒީފާ ނެތުމުން ފުރައިގެން މާލެ ދާށެވެ. ރަށަށް ހިދުމަތް ކުރެވެން ނެތީ އެވެ. ރަށުގައި ވަޒީފާގެ ފުރުސަތުތައް އަދި ނުހުންނާތީ އެވެ.

މީ ހޯރަފުއްޓަށް ވަރަށް ގިނަ ދާއިރާތަކުން ކިޔަވައިގެން އައިސްތިބި ތިބި ޒުވާނުންގެ އަދުގެ ޝަކުވާ އެވެ. ރަށުގައި ހުރެގެން އަދާކުރާނެ ވަޒީފާ އެއް ނެތެވެ. ހުރި މަދު ވަޒީފާ ވެސް ލިބެނީ ސިޔާސީ ގޮތުން "ސިޔާސަ" ވީމަ އެވެ.

ޒުވާނުން އެދޭ އެދުމަކީ ރަށުން ވަޒީފާގެ ފުރުސަތު ފަހިވުމެވެ. އަދި ވަޒީފާގެ ބިރުން މިންޖުވުމެވެ. ހޯރަފުށިން މިފަހުން ވަނީ އެރަށުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މަސައްކަތް ކުރަމުން އަންނަ 15 މުވައްޒަފުން ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފައި އެވެ. އެކަމާއި ގިނަ ޒުވާނުން ތިބީ ވަރަށް ބޮޑަށް ނުރުހިފަ އެވެ. ރުޅި އައިސްފަ އެވެ. ދެރަވެފަ އެވެ. ސިޔާސީ ވިސްނުން ތަފާތުވުމުން ވަޒީފާއިން ވަކިކުރަން ނުޖެހޭ ކަމަށް އެ ޒުވާނުން ގަބޫލުކުރެ އެވެ.

ފެނަކައިން ދިން ނޯޓިހާއެކު ވަޒީފާއިން ވަކިކުރި މުވައްޒަފުން ބުނީ އެމީހުން ވަޒީފާއިން ވަކިކުރީ ރައީސް ޑރ. މުއިއްޒު އާއި ދާއިރާގެ އެމްޕީ އަލީ މޫސާ އަށް ތާއީދު ނުކުރާ ކަމަށް ބުނެ ކަމަށެވެ. އެމީހުން ބުނީ ރާއްޖޭގެ މިނިވަން ދުވަސް މިއަހަރު ފާހަގަ ކުރާއިރު މިނިވަން ކަމުގެ އިހްސާސް އެމީހުންގެ ހިތުގައި ނުޖަހާ ކަމަށެވެ. އަދި މިއަދު އެމީހުން ތިބެން ޖެހިފައި ވަނީ އަޅުވެތިކަމެއްގެ ދަށުވެ ވަޒީފާ ގެއްލިފަ ކަމަށެވެ. އަދި އެމީހުން އަލުން އަބުރާ މިނިވަންކަން ހޯދާނީ "ވޯޓު ފޮށިން" ކަމަށެވެ.  

ހޯރަފުށިން "ހޯރަ އޮންލައިން" އަށް ވާހަކަ ދެއްކި ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ އަދި ކުއްޖަކު ވެސް ހުންނަ ޒުވާނަކު ބުނީ ތައުލީމް ހާސިލްކުރީ ސަރުކާރުން ދޭ ސްޓޫޑެންޓް ލޯން ނަގައިގެންކަމަށާއި އެ ލޯނަށް ކޮންމެ މަހަކު 2،000ރ. ދައްކަން ޖެހޭއިރު ވަޒީފާއެއް ނުލިބުމަކީ ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.

މިއީ އެތައް ޒުވާނުންނެއްގެ ހާލެވެ. ރާއްޖެ އާއި ބޭރުން ތައުލީމު ހާސިލްކޮށްގެން އަހަރަކު އެތައް ހާސް މީހުން ރާއްޖެ އަންނައިރު އެމީހުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތު ރާއްޖެއަކު ވެސް ނެތެވެ. ޕައިލެޓުން ފެށިގެން ވިޔަފާރި އާއި ގާނޫނީ ދާއިރާގެ އިތުރުން އެހެން ފަންނުތަނުން މަތީ ތައުލީމު ހާސިލްކޮށްފައިވާ އެތައް ޒުވާނުންނެއް ތިބީ ރަށުގައި ވަޒީފާއެއް ނެތިފަ އެވެ.

އެއް ސަބަބަކީ ޓެކްނިކަލް ގިނަ ވަޒީފާތަކުގައި ބިދޭސީން މާ ގިނަވުމެވެ. ދެން އޮތީ ސިޔާސީ ނުފޫޒުގެ ސަބަބުން ތައުލީމީ މީހުންގެ ބަދަލުގައި، ދަށް ފެންވަރުގެ މީހުންނަށް ވަޒީފާ ލިބުމެވެ.

އިއުލާންކުރާ ކޮންމެ ވަޒީފާއަކަށް މަޖިލިސް މެމްބަރުންނާއި ސިޔާސީ އެކި މީހުން ލިސްޓް ފޮނުވުން އަދިވެސް ނިމުމަކަށް ނާދެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތައުލީމީ ބައެއް ޒުވާނުން ތިބީ ބާކީވެފަ އެވެ. އެ މީހުން ވެސް ވަޒީފާއެއް ބޭނުން ނަމަ ފަސޭހަ ގޮތަކީ ކޮންމެވެސް ސިޔާސީ މީހަކަށް އާދޭސްކުރުމެވެ.

ކޮންމެ އަކަސް ވަޒީފާގެ މައްސަލައަށް ހައްލެއް ގެންނަން ޖެހެ އެވެ. ކިޔަވައިގެން ތިބި ރަނގަޅު އެތައް ޒުވާނުންނެއް އެ ގެންދަނީ ވަޒީފާގެ ފަހަތުން ދުވަމުންނެވެ. އިންޓަވިއުތަކަށް ދިޔަ ނަމަވެސް ލިބެނީ މާޔޫސްވާ ކަހަލަ ނަތީޖާތަކެކެވެ. މުޅިހޯރަފުށިން ވެސް މިއަދު ފެންނަނީ ހަމަ މި މަންޒަރެވެ. މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ. އަދި ސަރުކާރުން ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު