ޚަބަރު
އެކި ސްކީމްތަކުން ގޯތި ލިބިފައިވާ މީހުންނަށް ފްލެޓަށް ލެވޭގޮތަށް ހުޅުވާލަނީ
ގުޅިފަޅުން ބިންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ ތެރެއިން: -- ފޮޓޯ/ ހައުސިން މިނިސްޓްރީ
'ބިންވެރިޔާ' ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށް ފަހު މި ސަރުކާރުން އަޅަން މަސައްކަތްކުރާ ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށް ފަހު ސަރުކާރުން މިހާރު އަޅަން މަސައްކަތްކުރާ ފްލެޓުތަކަށް ކުރިމަތިލެވިދާނެތޯ ވަރަށް ގިނަ ރައްޔިތުން އެދެމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ގޯތި ލިބިފައިތިބި މީހުންނަކީ ކުރިން އެއްވެސް ތަނަކުން ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހުންނަށް ވުރެ ރަނގަޅު ހާލަތެއްގައި ތިބި ބަޔަކަށް ވުމުން، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިން ނަމަވެސް އެ ހާލަތަށް ރިއާޔަތް ކުރާނެ ކަމަށެވެ. މި ފުރުސަތު ހުޅުވާލުމަށް ޓަކައި ޕޯޓަލްގެ ތެރެއިން ޖާގަ ހަދަން ވަގުތުކޮޅެއް ނަގާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެންމެ ލަސްވެގެން ނިންމާފައި، ބިންވެރިޔާ ސްކީމްގެ ތެރެއިން [މިދިޔަ ވެރިކަމުގައި] ގޯތި ލިބިފައި ތިބި ފަރާތްތަކަށް އެ ގޯތިތައް ދޫކޮށްލާފައި ފްލެޓު ހޯދުމުގެ ފުރުސަތު ހުޅުވާލާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން ވެސް އަންނަނީ ގިނަ އަދަދެއްގެ ފްލެޓް އެޅުމަށް ޓަކައި މަސައްކަތް ކުރަމުންނެެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަަހަރު މާލެއާއި އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން 27،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ފަށާނެކަން އިއުލާނުކުރައްވާފައެވެ. އެގޮތުން، މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އެޅުމަށާއި ރަށްތަކުގައި 12،940 ހައުސިން ޔުނިޓު އަޅަން ރައީސް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު