ވިޔަފާރި
ކަޅު ބާޒާރުން ބޭރު ފައިސާ ހޯދާކަމަށް ބުނާ ވާހަކަތައް ބީއެމްއެލުން ދޮގުކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ގަވާއިދާ ހިލާފު، ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ ގޮތުގައި ބްލެކް މާކެޓްގައި އެކްސްޗޭންޖްކުރާ ފަރާތްތަކުން ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނެ ކާކު ކަން ނޭގޭ ފަރާތަކުން ސޯޝަލްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު، އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެ ބެންކުން ބުނެފި އެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސައީދު ރޭ ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލުން އަބަދުވެސް އަމަލުކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށެވެ.

ބޭންކުން ކަޅު ބާޒާރުގެ ޑީލަރުންގެ އަތުން ފައިސާ ހޯދާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.


މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ބޭންކުން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިޔަން ޔޫއެސް ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް ދޫކުރި 106.2 މިލިޔަން ޑޮލަރު ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ އެވްރެޖާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެއްކަން ސައީދު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މި ހިސާބުތަކަކީ ބޭންކުގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އޮތް ރައްދެއް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، ދެފުށް ފެންނަ ގޮތެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ޚިދުމަތް ކުރުމުގައި ބީއެމްއެލުން އަބަދުވެސް ދެމިހުންނާނެ ކަމަށެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށާއި، ބޭރުގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އިދާރާއަކީވެސް އެ ބޭންކުކަން ބީއެމްއެލްގެ އޮފިޝަލް ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު