ޚަބަރު
ރާއްޖޭގެ ޑްރަގް ގާނޫނު ހަރުކަށިކުރުމުން އެކަމަށް ސަމާލުވާން އިލްތިމާސްްކޮށްފި
ކަސްޓަމްސް އިން ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި.--- ފައިލް ފޮޓޯ: ކަސްޓަމްސް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހުން އިންޑިއާގެ މީހުން އިތުރުވެފައިވުމާ ގުޅިގެން އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ހާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ.

މަސްތުވާތަކެތީގެ ކުޑަ މިންވަރެއް އަތުން ފެނުނަސް ބޮޑެތި އަދަބުތައް ލިބޭއިރު، ސީރިއަސް ކުށްތަކަށް އުމުރަށް ޖަލަށްލުމާއި މަރުގެ އަދަބު ވެސް މިހާރު ވަނީ ގާނޫނުގައި ހިމަނައިފަ އެވެ. 

 މިދިޔަ އަަހަރުގެ ޑިސެމްބަރު މަހު މަސްތުވާތަކެތީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަން:

  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،
މިފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ޖެހެ އެވެ. 

އިންޑިއާގެ ނާކޮޓިސް ބިޔުރޯގެ އެޑްވައިޒަރީގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުއަން އުޅުމުގެ ތުހުމަތުގައި މިފަހުން ގިނަ އަދަދެއްގެ ބިދޭސިން އަތުލައިގަނެފައިވާ ކަމަށާއި އޭގެ ތެރޭ އިންޑިއާ ރައްޔިތުން ވެސް ހިމެނޭކަން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ ޑްރަގާ ބެހޭ ގާނޫނުތައް ހަރުކަށިކޮށް، ޑްރަގް އެތެރެކުރިކަން ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލުހުކުމް ފަދަ ހަރުކަށި އަދަބު ދެވޭ ގޮތަށް އޮންނަކަން ވެސް އިންޑިއާގެ ނާކޮޓިސް ބިޔުރޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ އިދާރާ އިން ބުނީ ކާކުކަން ނޭނގޭ މީހުން ހަވާލުކުރާ ޕާރުސަލް އަދި ބެގޭޖު ފަދަ ސާމާނާ ހަވާލުނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. މީގެ އިތުރުން، ވައިގެ ބަނދަރުތަކާއި ކަނޑުދަތުރުކުރާ ޕޯޓުތަކުގައި އުޅޭ އިރު ވެސް ނުދަންނަ މީހުން ދޭ އެއްޗެއްސާ ހަވާލު ނުވުމަށާއި އަމިއްލަ ބެޖޭގަށް އަބަދު ވެސް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ގައުމުން ބޭރުގައި އުޅޭއިރު، އެ އުޅޭ ގައުމެއްގެ ގާނޫނާއި ގަވައިދަށް ފުރިހަމައަށް ބޯލަނބަން ވެސް އިންޑިއާގެ ނާކޮޓިސް ބިޔުރޯ އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު