އައްޑޫ އެކްސިޑެންޓުގައި ރަމީޒް ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި
އައްޑޫ ސިޓީގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވުމާ ގުޅިގެން، އެ ހާދިސާގެ ޖިނާއީ ބޮޑު ތަހުގީގެއް ފުލުހުން ފަށައިފި އެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އެ އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ބޮޑުމަގުން ބާރު ސްޕީޑުގައި ނުބައި ފަޅިން ދިޔަ ސައިކަލެއް އެ ދިމާލުން މަޑުން ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި ތަނެވެ.
އެ ހާދިސާގައި ބޮޑުވަރުވީ ރަނގަޅު ފަޅިން ދުއްވި ފެނަކަ، ހިތަދޫ ބްރާންޗުގެ މުވައްޒަފު ރަމީޒަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ގެއްލުންތަކެއް ލިބުނުއިރު އައްޑޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވީ އެވެ. ފުލުހުން މިއަދު ބުނީ، ދެވަނަ ސައިކަލު ދުއްވި މީހާގެ ލައިސަންސް އެބައޮތް ކަމަށާއި މި މައްސަލަ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.