ޚަބަރު
ޗެއާޕާސަން އިންތިހާބު ފަސްކުރަން މީކާއިލް އަދި ފައްޔާޒު ވެސް ދެކޮޅު!
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ލަސްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެއީ ގަބޫލު ކަމެއް ނޫން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ގަޕޯ ވަނީ ޕާޓީގެ އެތެރޭގެ ދެ އިންތިހާބު ފަސްކުރަން ފެންނަ ދެ ސަބަބެއް ހާމަކުރައްވާފަ އެވެ. 

އިންތިހާބު ފަސްކުރަން އެދިވަޑައިގަންނަވާ ސަބަބަކަށް ގަފޫރު ވިދާޅުވީ:

  • އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ

  • މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުން

"ވީމާ އަޅުގަނޑު މި ހުށަހަޅަނީ ޕާޓީ ހިންގުމަށްޓަކައި އިސް ފަރާތްތައް ވާހަކަދައްކައި، އިންޓަރިމް އެރޭޖްމަންޓެއް (އަޅުގަނޑު ނުހިމަނާ) ދިއުމަށެވެ. އަދި އެކަން ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކުރުމަށެވެ،" ގަފޫރު ފޮނުއްވި މެސެޖުގައިވެ އެވެ.

އިންތިހާބު ފަސްކުރުމަށް ތާއީދުނުކުރައްވާކަން ހާމަކުރައްވަމުން ފައްޔާޒު އެކްސްގައި ވިދާޅުވީ، އިންތިހާބު ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަަމަށާއި އަވަސްކުރަންވީ ކަމަށެވެ.

"އިންތހާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިހާބު އަވަސްކުރަންވީ،" ފައްޔާޒު ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި މީކާއީލް ވިދާޅުވެފައިވަނީ ޕާޓީން ކުރިން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. އަދި ވަކި ބަޔަކަށް ފައިދާވާނެ ގޮތަކަށް އިންތިޚާބުގެ ތާރީޚުތަކާ ނުކުޅުއްވުމަށާއި، ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް އިހްތިރާމް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

"ޕާޓީގެ ޗެއާޕާސަން އިންތިޚާބު ލަސްކުރަން އުޅޭ އުޅުމަކީ އަޅުގަނޑު ވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން. ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބު ލަސްކުރުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، އޭނާއާއި އޭނާގެ ޓީމު އޮތީ އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ. މި މައްސަލައިގައި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެ އެވެ.

މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް ގައުމީ މަޖިލީހުން ވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އިންތިހާބު ބާއްވާ ގޮތަށް ނިންމާފައެވެ. މި މައްސަލައިގައި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޗެއާޕާސަން އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އަސާސީ ގަވާއިދުން ދީފައިވަނީ އޭނާއަށް ކަމަށާއި އޭނާއަށް އެންގުމެއް ނެތި އިންތިހާބުގެ ޓައިމްލައިން އިއުލާންކުރުމަކީ ގަވާއިދާ ހިލާފު ބާތިލު ނިންމުމެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު