
ރައީސް މިފަދައިން ވިދާޅުވީ މިއަދު ސްރީލަންކާގައި ކުރިއަށްގެންދާ އިންވެސްޓާ ފޯރަމު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރާއްޖެ ގެންދަން މިސްރާބު ޖަހާފައިވަނީ ފުރިހަމައަށް ތަރައްގީވެފައިވާ ދެމެހެއްޓެނެވި ގައުމަކަށް ހެދުމަށް ކަމަަށެވެ. މި ތަސައްވުރަކީ ދުރު ހުވަފެނެއް ނޫންކަމަށާއި، އެއީ ސަރުކާރުން އެކަށައަޅާ ކޮންމެ ސިޔާސަތެއްގެ ފަހަތުގައި އޮތް އިސްތިރާޖީ ތަސައްވުރުކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތައް ފާހަގަކުރެއްވުމަށްފަހު މި ފޯރަމުގެ ބައިވެރިންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ މިއަދު ރާއްޖެއިން ބޭނުންވަނީ މިހާރަށްވުރެ ތަނަވަސް ފުދުންތެރި އިންޑިޔާ ކަނޑެއް އުފެއްދުމުގައި އަވައްޓެރި ގައުމުތަކުގެ އެހީތެރިކަން ކަމަށެވެ. އަދި ލަންކާގެ ތަޖުރިބާއާއި ގާބިލުކަމާއި ރާއްޖެއާއި އޮތް ގާތްކަމުގެ ސަބަބުން އެ ގައުމަކީ ރާއްޖޭގެ އިގުތިސާދީ ތަރައްގީގެ ދަތުރުގައި މަރުކަޒީ ދައުރެއް އަދާކުރެވޭނެ ގައުމެއް ކަމަށް ވިދާޅުވިއެވެ. މިހާރުވެސް ފަތުރުވެރިކަމާއި ދަތުރުފަތުރާއި އިމާރާތްކުރުމާއި ހިދުމަތުގެ ސިނާއަތްތަކުގައި މުހިއްމު ދައުރެއް ލަންކާ ވިޔަފާރިތަކުން އަދާކުރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ފޯރަމުގައި ބައިވެރިވާ ލަންކާ ވިޔަފާރިތަކަށް ރާއްޖޭގައި ހުރި ތަފާތު އިގުތިސާދީ ފުރުސަތުތައް ދެނިގަތުމަށް ހާއްސަ ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ. ލަންކާގެ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ދައުވަތު ދެއްވުމާއެކު ރައީސް ފާހަގަކުރެއްވީ ދެ ގައުމުގެ މެދުގައި ދައުރުކުރާ އިންވެސްޓުމެންޓުތަކުގެ މުހިއްމު ކަމެވެ. އަދި ދިވެހި ވިޔާރިތައް ރާއްޖޭގެ އަސްދަނޑިން ބޭރުވުމަށް މަސައްކަތްްކުރާއިރު ލަންކާއަކީ ދިވެހި ވިޔަފާރިތަކަށް ވަރަށް ތަބީއީ އަދި އިސްތިރާޖީ މަންޒިލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.