ޚަބަރު
ހިމަބިހި ކޭސްތައް އިތުރު ؛ އައިޖީއެމްއެޗުގައި ހެލްޕު ޑެސްކެއް!
ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ހުމާއި ރަތްބިހީގެ އަލާމާތެއް ހުރި ނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޖީއެމްއެޗުގައި ހެލްޕު ޑެސްކެއް ގާއިމުކޮށްފި އެވެ. 

އައީޖީއެމްއެޗްއިން ބުނީ، މި ދުވަސް ވަރުގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، ހުމާއި އެކު ރަތްކުލައިގެ ބިހީގެ އަލާމާތެއްހުރި ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރު ކޮށްދިނުމަށްޓަކައި ބޮޑެތިމީހުންގެ ކުއްލި ފަރުވާދޭ (މެއިން އީއާރް)ގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައި " ހެލްތް ޑެސްކް" އެއް ހެނދުނު 8:00 އިން ރޭގަނޑު 23:00 އަށް ގާއިމުކުރެވިފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭ ގޮތަށް އެއްވެސް މީހެއްގެ ކިބައިން ހުމާއި ރަތްކުލައިގެ ބިހި ނެގުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ޑޮކްޓަރަށް ދެއްކުމަށް ހެލްޕް ޑެސްކަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ. އޭރުން ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ލިބޭނެ ކަމަށް ބުންޏެވެ. 

އެފަދަ ބަލި މީހުން އެ ގަޑީގެ ފަހުން ފަރުވާ ބޭނުން ނަމަ، މެއިން އިމަޖަންސީ ރޫމްގެ ޓްރިއަޖްގެ ނަރުހުންނަށް އެކަން އެންގުމަށް އެދިފައިވެ އެވެ. އަދި ކުޑަކުދިންގެ ފަރާތުން ބަލީގެ އަލާމާތް ފެނިއްޖެ ނަމަ، ކުޑަކުދިންގެ އިމަޖަންސީ ރޫމްގެ ޓްރިއަޖް ނަރުހުންނަށް އެކަން އެންގުމަށް ހޮސްޕިޓަލުން އެދެ އެވެ. 

ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން، ހުން އައިސް ރަތްބިހި ނަގާފައިވާ ބަލި މީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށް އިރުޝާދިނުމަށާއި ބަލި މީހާއާ އެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ. 

ރާއްޖެއިން ހިމަބިހި ނައްތާލާފައިވަނިކޮށް އެ ބަލި ޖެހިފައިވާ ދެ މީހަކު ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނީ މިމަހުގެ 13 ގަ އެވެ. އެކަމާ ގުޅިގެން އާއްމުކޮށް އަމަލުކުރާ އުސޫލުތަކުގެ މަތިން ކޭސް އިންވެސްޓިގޭޝަން ހަދައި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ. 

މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު