ކުރީގެ ޑެޕިއުޓީ މޭޔަރު އަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީއަކަށް އައްޔަންކޮށްފި
މާލެ ސިޓީ ކައުންސިލަށް ދެވަނަ ދައުރަކަށް ވާދަކޮށް އިންތިހާބުން ނާކާމިޔާބުވި ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުން އަރީޝް މިހާރު އިންނެވީ އެ އޮފީހުގެ އަންޑަ ސެކްރެޓަރީއެއްގެ މަގާމުގަ އެވެ.އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ޖަވާބެއް އަދި ނުލިބެ އެެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި އެ އޮފީހުގައި މިހާރު ވެސް ހަތް ވަރަކަށް އަންޑަ ސެކްރެެޓަރީން ތިއްބަވަ އެވެ. އޭގެ ތެރޭން ފަސް ބޭފުޅަކު ތިއްބަވަނީ ސީނިއާ އަންޑަ ސެކްރެޓަރީންގެ ގޮތުގަ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އެކި ދާއިރާތަކަށް ވާދަކޮށް ކާމިޔާބުނުވި ކެންޑިޑޭޓުންނަށް ރައީސް މުަހައްމަދު މުއިއްޒު ގެންދަވަނީ ސިޔާސީ މަގާމުތައް ދެއްވަމުންނެވެ.