ޚަބަރު
ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރަނީ
ފޮޓޯ: މިހާރު
އެެއްގަމުދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން ކުރާނެ އެންމެ ވަރުގަދަ މަސައްކަތަކީ ހުރިހާ ވަގުތެއްގައި މުޅި މާލެ މޮނިޓާކުރެވޭ ވަރުގެ ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމްކުރުން ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވީ އަލަށް ތަސްދީގު ކުރެވުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ސެންޓަރު ގާއިމުކުރުމަށް ކަމަށެވެ. މިމަސައްކަތުގައި ބޭރުގެ އެހީތެރިކަމާއި ޒަމާނީ ވަސީލަތްތައް ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މުޅި މާލެ އެެއްކޮށް ޓްރެފިކް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމްކުރުން، ރިއަލްޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމްކުރުމަކީ މީގެ އެންމެ ވަރުގަދަ އެއް މަސައްކަތް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ސެންޓަރެއް ގާއިމުކުރުމާ ގުޅިގެން މަގުތަކުގެ ޓްރެފިކްގެ ހާލަތު ވަގުތުން ވަގުތަށް ފުލުހުންނަށް ބަލައިލެވޭނެ ކަމަށެވެ. އަދި ޓްރެފިކާ ގުޅޭ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް އަމާޒެއް އެބައޮތް ކަަމުގައިވެސް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކްގެ މައްސަލަތައް ހައްލުކުރާނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއާ އެކުގައި ކަމަށެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށި، އެ މަސައްކަތް އެއްކޮށް ނިމޭއިރު މަގުތަކަށާއި ޓްރެފިކް މައްސަލައަށްވެސް ޒަމާނީ ހައްލުތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން އަންނަ އިރު ޓްރެފިކް މައްސަލަވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރަން މަސައްކަތްކުރަން. އެއީ ވިޝަންއަކީ،" މިނިސްޓަރު ވިދާޅުވި އެވެ. 

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިހާރު ތަސްދީގުކުރައްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން  މާލެ ސަރަހައްދުގެ އެއްގަމުދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުވެ އެވެ. 

 "މާލެ ސަރަހައްދަށް ހިނގާ ހާއްސަ އުސޫލު"ގެ ނަމުގައި ބިލަށް އިތުރުކުރި އަށް ވަނަ ބާބުގައިވާ ގޮތުން އެ ބާބުގެ ބޭނުމަކީ ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް މާލެ ސަރަހައްދުގައި އާބާދީ ބޮޑުވެ، އުޅަނދުތައް އިތުރުވުމުގެ ސަބަބުން ޓްރެފިކް މެނޭޖްކުރަން ދަތިވެފައިވާތީ އެ މައްސަލަ ހައްލުކުރުމަށެވެ. އެހެންވެ އެ ބިލުގައިވާ އުސޫލުތަކާއި ޝަރުތުތައް މާލެ ސަރަހައްދުގައި ހިންގާނީ ތަފާތު ގޮތަކަށް ކަމަށް ވެސް އެ ބާބުގެ ތައާރަފްގައިވެ އެވެ.  އެކަމަށް  "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފައްދާނެ އެވެ.

އާ ގާނޫނުގައި، ނުރައްކާކޮށް ދުއްވާ މީހުންނަށް ބޮޑެތި ޖޫރިމަނާތައް ކަނޑައަޅައި ވެހިކަލް މަދުކުރުމަށް ހާއްސަ އުސޫލުތަކެއް ވެސް ހަދާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު