ޚަބަރު
ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ތައުލީމީ ނިޒާމުވެސް ބަދަލުވާން ޖެހޭ: ނައިބު ރައީސް
ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ތައުލީމީ ނިޒާމު ވެސް ބަދަލުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބް ރައިސް ވިދާޅުވީ ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން އަދާކުރައްވާ ދައުރު ވަރަށް މުހިންމު ކަމަށެވެ.

ޓީޗަރުންގެ ކޮންފަރެންސްތަކަކީ ގައުމުގެ މުސްތަގުބަލް ބިނާކުރުމަށް ޓީޗަރުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ލިބިގެންދާ ވަރަށް މުހިންމު ބާރެއްކަން ފާހަގަ ކުރައްވާ ނައިބް ރައީސް ވިދާޅުވީ އޭގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ތައުލީމީ ދާއިރާގައި ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއް ކަމަށާއި، ފުރިހަމަ ތަޢުލީމީ ނިޒާމެއްގައި ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރެއްގެ ފުރިހަމަ ގާބިލުކަމަށް ވާސިލްވުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެ ކަމަށެވެ. އަދި ޓީޗަރުންވެސް ތައުލީމު ފޯރުކޮށްދޭންވާނީ އެ ކުއްޖަކާ ގުޅޭގޮތްތަކަށް ބަލައިގެން ކަމަށާއި ކްލާސްރޫމްތައްވެސް ގާއިމުވެފައި ހުންނަންވާނީ އެ ކުދިންނަށް އެ ފުރުސަތުތައް ފަހިވާގޮތަށް ކަމަށް ވިދާޅުވިއެވެ.

ޒިންމާދާރު، ހަރުދަނާ ޖީލެއްގެ ގޮތުގައި ދަރިވަރުން މުޖުތަމައަށް ނެރެދިނުމުގެ އެންމެ މުހިންމު މަސައްކަތް ކުރެވޭނީ ޓީޗަރުންނަށް ކަމަށާއި ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ޓީޗަރުންނަށް ބޭނުންވާ ޒަމާނީ އިލްމާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލުގައި މިއަދު ފެށި ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވާން ރަޖިސްޓަރީ ކޮށްފައިވާއިރު އޭގެ ތެރެއިން 106 ފަރާތަކުން 70 ޕްރެޒެންޓޭޝަން ހުށަހަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު