ޚަބަރު
ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދި އިދިކޮޅުން ރައީސާ ބައްދަލުކޮށްފި
މާފުށީ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީން ގޭބަންދަށް ބަދަލުކޮށްދޭން އެދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން މިކަމަށް އެދިފައިވަނީ މިއަދު ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތީވެ ރައީސް ސޯލިހާއި މަޝްވަރާ ކުރެއްވުމަށް ބައްދަލުވުމަކަށް އެދިވަޑައިގެންފައިވާތާ ދުވަސްތަކެއް ފަހުން ރައީސް ސޯލިހާ މިއަދު ބައްދަލުވެފައިވާ ކަމަށެވެ. މިއީ އިދިކޮޅުން އެދިގެން ބޭއްވި ބައްދަލުވުމެކެވެ.

"އަޅުގަނޑުމެން މިއަދު ރައީސް ސޯލިހާއި މި ބައްދަލުކުރީ އެންމެ ކުޑަމިނުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާތޯ. އަޅުގަނޑުމެން ހަމައެކަނި ދެއްކި ވާހަކައަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކޭ އިދިކޮޅު ލީޑަރު ޖަލުގައި އޮންނެވުމަކީ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމޭ، އަޅުގަނޑުމެން ދެ ޕާޓީގެ އެދުމަކީ ރައީސް ޔާމީން ވީހާވެސް އަވަހަށް ގެއަށް ބަދަލުކޮށް ދިނުމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ވާހަކަ ރައީސަށް ދެންނެވުމުން ދެެއްވީ ކޮން ޖަވާބެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަަމަށެވެ. މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވެން އޮތް ވަރަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އުއްމީދުކުރަނީ އަޅުގަނޑުމެންގެ މިއަދުގެ ބައްދަލުވުމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާ އިން ވަނީ ހޯމް މިނިސްޓްރީގައި އެދިފަ އެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރަން ޖެހެނީ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

ޔާމީނަށް ޖަލު ހުކުމެއް އައީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ސާބިތުވެގެންނެވެ. ފަސް އަހަރަށް އިއްވި މި ހުކުމް އިންސާފުވެރި ނޫން ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު