ވާހަކަ
ކުރަމޭ ބަޔާން... 17

"މައިޓު ރުއްސަން ފަންޑިތަ ހަދަންވީނު..." އާހިލް އަނެއްކާވެސް ހީގަތެވެ.

"ނިކްގެ މަންމަ އެކްސިޑެންޓެއްވިތަ؟..." އަހަރެން ސުވާލު ކުރީމެވެ.

"އެކްސިޑެންޓެކޭ؟..." އާހިލްގެ މޫނުން ފެނުނީ ހައިރާންކަމެވެ. "ކޮންއިރަކު؟..."

********

އާހިލްގެ މޫނުން ފެނުނު އަސަރުތައް، ޖަވާބަކަށް ފުދުނެވެ. ނަހީކު އަހަންނަށް ދޮގުހެދީއެވެ. އޮޅުވާލީއެވެ. އަހަރެންދެކެ އެހާ ލޯބިވާކަމަށް ނަހީކު ބުނާއިރު، ލޯބިވާ މީހަކަށް އެވަރުގެ ބޮޑު ދޮގެއް ހެދީ، ކީއްވެ ހެއްޔެވެ؟ ހިތުގައި ޝަކުވާތައް ފުނިޖެހުމާއިއެކު، ދެލޮލަށް ޖަމާވީ ކަރުނައެވެ. އަމިއްލަ އިހުތިޔާރެއް ނެތިއެވެ. އެ ކަރުނަތައް ފޮރުވަން އުޅުނަސް، އާހިލްއަށް އެކަން ސިއްރެއް ނުވިއެވެ.

"ރިވާ!..." ސަމާސާގެ ރާގެއް އާހިލްގެ އަޑުގައި ނުވެއެވެ. "އަހަންނަކަށް ނޭނގެ، ރިވާ ކީއްވެ ކުރި ސުވާލެއް ކަމެއް ތީ... އެކަމަކު، އަހަންނަށް ހީވަނީ..."

ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އާހިލް އުޅުނީ، ނަހީކު ދިފާއުކުރަންހެން އަހަންނަށް ހީވިއެވެ. ނޫނީ ނަހީކުގެ އަނދިރިފަރާތެއް ހާމަކުރަންހެންވެސް ހީވިއެވެ. އަހަރެން ހުރީ، އެފަދަ ކަމަކަށް ތައްޔާރުވެގެނެއް ނޫނެވެ. އަހަރެން އާހިލްގެ ވާހަކަ ހުއްޓުވީ، ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބުންނެވެ.

"އެއީ ވަކި ކަމެއް ވެގެން ކުރި ސުވާލެއް ނޫން..." އަހަރެން ބުނީމެވެ.

"ރިވާ!..." އާހިލް ދޫކޮށްލީ، ފުން ނޭވާއެކެވެ. "ބޭނުމެއްނޫންތަ އެއްވެސް ސުވާލެއް ކުރާކަށް؟..."

އަހަންނަށް ދެންވެސް އެއްޗެއް ނުބުނެވުނެވެ. އަހަރެންގެ ހިތުގެ ހާލު އާހިލްއަށް ބޭޒާރުވެއްޖެއެވެ. އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ. ކުރިއަށް ހިނގަމުންދިޔަ ނަމަވެސް، އަހަރެންގެ ވިސްނުންވީ، އެހެން ދިމާއެއްގައެވެ.

"އަހަންނަށް އެނގޭ، ރިވާ ކުރަން ބޭނުންވާ ބައިވަރު ސުވާލު އެބަ ހުރިކަން... އަދި އަހަންނަށް ޖަވާބު ދެވޭނެ ކަންވެސް..." އަހަރެންގެ ހިތުގެ ހާލު އެނގުނު ފަދައަކުން އާހިލް ބުންޏެވެ.

"އެނބޫގަސް..." ކުރިމަތީގައި ހުރި ބޮޑު އެނބޫގަސް ފެނުމާއިއެކު، އެހެން ހުރިހާ ކަމެއްގެ މަތީން ހަނދާންނެތުނެވެ. "ހާދަ ބޮޑު ގަހެކޭ..."

އާހިލް ބުނިހެން، ދޮން އެނބޫތަކުން ގަސް އޮތީ ފުރިފައެވެ. އަތްފޯރާފަށުގައިވެސް ފުދޭ ވަރަކަށް އެނބޫ ހުއްޓެވެ. އަހަރެން ގޮސް އެނބޫ ބިންނަން ފެށުމުން، އާހިލް ދިޔައީ، އުނިގަސްތަކާއި ދިމާއަށެވެ. އުނިފަތުން ދެތިން ގޮށި ހަދައިގެން އައިސް އަހަރެންގެ އަތަށް އެއް ގޮށި ލައިދިނެވެ.

"ބަލައިގެން އުޅެއްޗޭ... ކަށި އެޅިއްޖެއްޔާ، ކޫރުމެއް އެޅޭނެ..." އަހަރެން ފުންމަފުންމާފައި އުޅެން ފެށުމުން އާހިލް ބުންޏެވެ.

އެނބޫ ބިންނަން ހުރި އިރުވެސް، އަހަންނަށް ވިސްނެމުންދިޔައީ ނަހީކާއި މެދުގައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ނަހީކު ފުރައިގެން ދިޔުމާއި ހަމައަށްވެސް، ލޯބި ނޫން އެއްޗެއް އެ ދެލޮލުން އަހަރެން ނުދެކެމެވެ. އެތައް އަހަރެއް ދެ މީހުން އެކީގައި ހޭދަކުރުމަށްފަހުވެސް، އެ ލޯތްބަށް ފަނޑުކަމެއް ނާދެއެވެ. އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމައަށް ދިނެވެ. އަހަންނަށްޓަކައި ކެތްތެރިވިއެވެ. އެންމެ ބޭނުންވި ވަގުތު ކައިރީގައި ހުރެދިނެވެ. ވަޒީފާއަށްވުރެ، ނަހީކަށް މުހިއްމުވީ އަހަންނެވެ. އޭނާ ކުރިއަށްދާން ބޭނުންވި ދާއިރާ ދޫކޮށްލީވެސް އަހަންނަށްޓަކައެވެ. އަހަންނަށް ވަގުތު ހުސްކުރުމުގެ ގޮތުންނެވެ. ވީއިރު، ނަހީކުގެ ގޯސް ވާހަކައެއް އަހަރެން އެހެންމީހުންގެ ކައިރީ ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ އެފަދަ ވާހަކައެއް ދައްކައިގެން، ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. އަނެއްކޮޅުން، އަހަރެން އާހިލްއަކަށް އިތުބާރެއް ނުކުރަމެވެ. އޭނާގެ އަމަލުތައް ހުންނަނީ، އިތުބާރު ކުރެވޭ ކަހަލަ ގޮތަކަށް ނޫނެވެ.

އެނބޫ ބިނދެ ނިންމައިގެން ވަލުން ނުކުންނަން ހިނގައިގަނެފައި އާހިލް ގޮވައިލިއެވެ. އަހަރެން ބަލައިލުމުން، އެއްޗެއް ބުނަން އުޅެފައިވެސް، ޚިޔާލު ބަދަލުވި ގޮތަކަށް ބޯ ހޫރައިލިއެވެ.

"މުޙައްމަދު މި ދަތުރުގަ ބައިވެރިވިކަން އެއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް..." އާހިލް ފެށީ، އޭނާ ދައްކަން އުޅުނު ވާހަކަ ނޫންކަން އަހަންނަށް އެނގުނެވެ. "މީ އަހަރެމެންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް... ރިވާއާ އެއް ގެއަކުން މުޙައްމަދުގެ ހުރުން ހަމަޖެއްސީ އަހަރެން... އެއީ އަހަރެމެންގެ މަސައްކަތަށް ފަހިކުރަން... ރަނގަޅު ދަނޑިވަޅެއް ބަލާފަ، މިރޭ ރިވާގެ މަސައްކަތް ފަށަން ވާނެ..."

********

ރޭގަނޑުގެ ވަގުތެވެ. އާހިލް އާއިއެކު މަޝްވަރާ ކުރެވުނު ފަދައިން، ކައިގެން ގޯތިތެރެއަށް ނުކުމެލީމެވެ. ހަނދުވަރުގެ ރިހި އަލިން މުޅި ސަރަހައްދު އަލިވެފައި ވިއެވެ. ތިރިތިރިކޮށް ރާނާފައިވާ ފާރު ކައިރީގައި އިރުކޮޅަކު ހުރެލީމެވެ. މާހައުލު ހަމަހިމޭނެވެ. އެއިން ހިސާބަކުންވެސް މީހަކު ފެންނާކަށް ނެތެވެ. އެހާ އަވަހަށް މުޅި ރަށް ނިދާފައިވާ ކަހަލައެވެ. ގޯތި ތެރޭގައި ހައްދާފައިވާ ފޭރުގަހުގައި އެލުވާފައިވާ ޖޯލީގައި އަހަރެން އޮންނަތާ ގިނައިރެއްނުވެ، މުޙައްމަދު އައިސް ގޯތިތެރެއަށް ވަންތަން ފެނުނެވެ. ގޭތެރެއަށް ވަންނަން ގޮސްފައި، އަހަރެން ފެނުމުން އޭނާ މަޑުޖެހިލިއެވެ.

"އަހަނ!... މިތާ އެކަނި ކީއްވެފަ؟..." މުޙައްމަދު އައިސް ޖައްސައިލީ އަހަރެންގެ ކުރިމަތީގައި ހުރި ޖޯލިފަތީގައެވެ. "ކައިފިންތަ މިހާރު؟..."

"ކައިގެން މިއައީ..." އެކުވެރި ރާގަކަށް ވާހަކަ ދައްކަން ޖެހުމުން އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ.

"ރިވާއަށް ހަމަ އަހަރެން ނޭނގުނުތަ؟..." މުޙައްމަދު އަހައިލިއެވެ.

އަހަރެން ކުޑަކޮށް ސިހުނެވެ. ޖޯލި ހެއްލަން އިނދެފައި، ވަގުތުން ހުއްޓައިލީމެވެ.

"ސްކޫލުގަ އުޅުންއިރު ފަސްވަނަ ފްލޯއިން ދިމާވިއެއްނު..." މުޙައްމަދު ގާތްގޮތަކަށް ބުންޏެވެ.

އަހަރެންގެ ދެލޯ ބޮޑުވިއެވެ. މާޒީގެ ހަނދާނެއް އައުވުމުންނެވެ. މުޙައްމަދު އެ ބުނާ ދުވަހު، އިސްކޫލުގެ ފަސްވަނަ ފަންގިފިލާއިން ތިރިއަށް ފުންމައިލަން އުޅެނިކޮށް، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީ އަހަންނެވެ.

"ހަނދާންވެއްޖެ ދޯ؟... ކޮބާ ކޮބާ..." މުޙައްމަދު ހީގަތެވެ.

ހިތަށް އެރިއެވެ. އެހާ އުމުރުން ހަގު މީހަކު ދައްތަ އާއި ކައިވެނި ކުރީ، ކީއްވެ ހެއްޔެވެ؟ ހަމަ ޔަގީނުންވެސް ދެ މީހުންގެ އުމުރުގެ ފަރަގު ހަތް އަހަރަށްވުރެ މަތިވާނެއެވެ. މުޙައްމަދު ދައްތަ އާއި ކައިވެނި ކުރީ، ދައްތަގެ ފައިސާގެ ބޭނުމުގައި ހެއްޔެވެ؟ އެކަމަކު، އަހަންނަށް އެނގިފައި އޮތް ގޮތުން، މުޙައްމަދަކީ، ނިކަމެއްޗެއް ނޫނެވެ. އޭނާގެ އާއިލާ އަކީ ތަނަވަސް އާއިލާއެކެވެ.

"ވަރަށް ހޯޕްލެސްވެފަ އެ ދުވަހު ހުރީ... ރިވާއާ ދިމާނުވިނަމަ، އެ ދުވަހު...." މުޙައްމަދު ދޫކޮށްލީ ފުން ނޭވާއެކެވެ. "މިއަދު އަހަރެން ދިރި މިހުރީ ރިވާގެ ސަބަބުން... އަހަރެން ރިވާއަށް ޝުކުރުއަދާކުރާނެ ގޮތެއްވެސް ނޭނގެ..."

އަހަރެންގެ ހިތް ތެޅިގަތެވެ. އަހަރެންގެ ސަބަބުން އިންސާނެއްގެ ފުރާނަ ސަލާމަތްވީތީ، އުފާކުރި ދުވަހެއް އައެވެ. އެކަމަކު، މިއަދު ވާންވީ އުފާކަމެއް ކުރަންވީ ހިތާމަ ކަމެއް ނޭނގުނެވެ. ޝައިބާ މަރާލީ މުޙައްމަދު ކަމުގައިވާނަމަ، މުޙައްމަދުގެ ފުރާނަ ސަލާމަތްކޮށްގެން އަހަންނަށް ހެދުނީ ގޯހެއް ހެއްޔެވެ؟ އެކުވެރިޔާގެ މަރުގެ ޒިންމާ އަހަންނަށް ވެސް ނަގަންޖެހިދާނެ ހެއްޔެވެ؟

"ހައިރާންވެއްޖެދޯ؟..." އަހަރެން ދެ ލޯ ބޮޑުކޮށްގެން ބަލަން ފެށުމުން، މުޙައްމަދު ހީލިއެވެ. "އަހަރެން ވަރަށް ދުވަސްވެއްޖެ ރިވާ ހޯދާތާ..."

"ކީއްވެ؟..." އަހަރެންގެ ހިތް ތެޅިގަތެވެ.

"ކީއްވެހެން ރިވާއަށް ހީވަނީ؟..." މުޙައްމަދު އަހައިލިއެވެ.

އޭނާގެ ވާހަކައިގެ މިސްރާބު ގެންދަމުން ދިޔައީ އަހަރެން ބޭނުންވި ދިމާއަށް ނަމަވެސް، އަހަރެންގެ ނަފުސު އެކަމަކަށް ތައްޔާރެއް ނުކުރެވުނެވެ.

"ހާދަ ބިރުންނޭ ތި އިންނަނީ؟..." މުޙައްމަދު ޖޯލިން ތެދުވަމުން ބުންޏެވެ.

އޭނާ އަހަންނާއި ދިމާއަށް އަންނަން ފެށުމުން، އަހަރެންގެ ނޭވާ ހުއްޓުނުހެން ހީވިއެވެ.

"އަހަރެން ގައިގަ ބިރުވެރި އެއްޗެއް ވައްތަރު ޖަހަނީތަ؟..." މުޙައްމަދު ލާނެތް ގޮތަކަށް އަހައިލިއެވެ.

ނަހީކު ގުޅުން އެއީ، އެވަގުތަށް އަހަންނަށް ލެއްވި ރަހުމަތެކެވެ. ނޫންނަމަ، އަހަންނަށް ހަޅޭއްލަވައިގަނެވުނީހެވެ. ނޫނީ ބުނަންނުވާ ވަރުގެ އެއްޗެއް ބުނެވުނީހެވެ. ފުރުސަތުގެ ބޭނުންހިފައި އަހަރެން އަވަހަށް ޖޯލިން ތެދުވީމެވެ. ހިނގަމުން ގޮސް އަހަންނަށް ނުކުމެވުނީ، މަގުމައްޗަށެވެ. ފަހަތުން މުޙައްމަދުވެސް ނުކުތެވެ. ބިރުގަނެފައި ހުރި ވަރުން، ވަކި މިސްރާބެއްނެތި، ހިނގައިގަތީމެވެ. ވަކި ހިސާބަކަށް ގޮސްފައި، ފަސްއެނބުރި ބަލައިލިއިރު، މުޙައްމަދު އޭނާ ހުރި ތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެވަރުންވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތަށް އެރިއެވެ. ކުރެވުނީ ރަނގަޅު ކަމެއް ބާއެވެ؟ އެކަމުގެ ސަބަބުން އަހަރެންގެ ދިރިއުޅުން އަނދަވަޅަކަށް ވެއްޓިދާނެ ހެއްޔެވެ؟

"ކީއްކުރަނީ؟... ހާދަ އަނދިރިއޭ؟... ބޭރުގަތަ؟..." އަހަރެން ފެނުމުން ނަހީކު އެހިއެވެ.

"ބޭރުގަ މިއުޅެނީ...." ވަށައިގެންވި މަންޒަރު ދައްކައިލަމުން ބުނީމެވެ.

"އަހަރެން އައިފަހުން އަބަދު ބޭރުގަ ދޯ؟..." ނަހީކު ދިމާކޮށްލިއެވެ. "މާލެއަކު ނޫންތަ ތިއުޅެނީ؟..."

"ހޫމްމް... ކީއްކުރަނީ ތި؟..." އަހަރެން އަހައިލީމެވެ.

"މި އޮތީ، ޓެޑީ މިސްވާތީ..." ނަހީކު އޭނާ އޮތް އެނދު ދައްކައިލިއެވެ. "މިތަނަށް އައިސްބަލަ... ވަރަށް މިސްވޭ... ކޮން ރަށެއްގަ ތި އުޅެނީ؟... ކީއްވެ ބުނެވެސްނުލާ ދިޔައީ؟..."

"މަންމައާ އެކީ އައީ..." ރަށުގެ ނަން ބުނަން އަހަރެން ފަސްޖެހުނެވެ. "ނިކް ބިޒީކޮށް އުޅޭތީ ނުބުނީ..."

"އެކަމަކުވެސް ބުނަންވާނެއެއްނު..." ޝަކުވާގެ ރާގަކަށް ނަހީކު ބުންޏެވެ.

"ގެއަށް ގޮއްސަ ގުޅަންތަ؟..." ދައްކަންޖެހޭ ވާހަކަ އާއިމެދު ވިސްނައިލަމުން އަހައިލީމެވެ. "މިހާރު މިދަނީ ގެއަށް... ނިދަންތަ ތިއުޅެނީ؟..."

"ނޫނޭ... ޓެޑީ ބޭރުގަ ހުއްޓާ ކިހިނެއް ނިދާނީ؟... މީހަކު ލަވް ޖަހައިގަނެފިއްޔާ ޔޯ؟..." ނަހީކު ސަމާސާ ރާގެއްގައި ބުންޏެވެ.

ފޯނު ކަނޑައިލިއިރު އަހަރެންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އެކަމަކު އެ ހިނިތުންވުން މާ ގިނައިރަކަށް ދެމިގެނެއް ނުދިޔައެވެ. ކުއްލިއަކަށް ހަނދާނަށް އައީ، އާހިލް ދެއްކި ވާހަކައެވެ. ނަހީކު އަހަންނަށް ހެދި ދޮގެވެ. މިރޭ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދަން އަހަރެން ބޭނުމެވެ.

ގެއަށް އައިސް ވަންއިރު، މުޙައްމަދު ފެންނާކަށް ނެތެވެ. އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. ކޮޓަރިއަށް ވަންއިރު، މަންމަ އާއި ކޮއްކޮ އޮތީ، ނިދާފައެވެ. އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި ޖައްސައިލިތަނާ ނުދަންނަ ނަންބަރަކުން ގުޅަންފެށިއެވެ.

"ބޭރަށް ނުކުމެގެން ދިޔަގޮތުން ގެއަށް އައީތޯ ބަލާލަންވެގެން މިގުޅީ... ފަހަރެއްގަ، މަގު އޮޅިފަވެސް ހުރެދާނެނު..." އިވުނީ މުޙައްމަދުގެ އަޑެވެ. ގުޅީ މުޙައްމަދުކަން އެނގޭނަމަ، އަހަރެން އެ ކޯލު ނުވެސް ނެގީމުހެވެ.

"ކިހިނެއް ނަންބަރު ހޯދީ؟..." އަހަންނަށް އަހައިލެވުނެވެ.

"ޝައިބާ ރިވާގެ ނަންބަރު ނުދިނަސް، އަހަންނަށްވެސް ރިވާގެ ނަންބަރު ހޯދިދާނެ ކިތަންމެ ގޮތެއް އޮންނާނެ ދޯ؟..." މުޙައްމަދު ބުންޏެވެ. "ރިވާއާ ބެހޭގޮތުން ޝައިބާ ދިނީ ހުސް ދޮގު މައުލޫމާތު..."

"އޭނ؟..." އަހަރެން ސިހުނެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
64%
23%
5%
9%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު