ވާހަކަ
ކުރަމޭ ބަޔާން... 27 (ފަހުބައި)

އިރުކޮޅަކު ބަހަނާ ދައްކާފައިވެސް ނަހީކު އެއްބަސްވިއެވެ. އެންމެން ނުކުތްއިރުވެސް، އާހިލްއަކަށް ނާދެވުނެވެ. ކުއްލިއަކަށް ކަމެއް ޖެހުނީކަމުގައި ބުނެ، ނާދެވޭނެކަމަށް އާހިލް ބުންޏެވެ. އާހިލް ފޮނުވި އެޑްރެހަށް ގޮސް، ބެލް ޖަހައިލީމެވެ. ދޮރު ހުޅުވައިލުމާއިއެކު، ފެނުނު ސޫރައަކުން، އަހަންނަށް ލިބުނީ ސިހުމެކެވެ.

********

ކުރިމަތީގައި އެހުރީ ނަހީކުގެ މަންމައެވެ. ނަހީކު ފެނުމުން، އޭނާ އުނދަގޫ ގޮތަކަށް ހިންދިރުވައިލިއެވެ. ނަހީކުގެ މޫނުން އަހަރެންގެ މޫނަށް ބަލައިލިއިރު، މަންމަގެ މޫނުން ފެނުނީ ރުޅިވެރިކަމެވެ. އެހެންނަމަވެސް، އަހަރެންގެ އަތުގައި އޮތް ދަރިފުޅު ފެނުމާއިއެކު، އެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އަހަރެން އެތެރެއަށް ވަނުމުން ފަހަތުން ނަހީކުވެސް އެތެރެއަށް ވަންނަން އުޅުނެވެ.

"ދަރިފުޅު މަޑުކޮށްލަބަލަ..." މަންމަ ބުންޏެވެ.

އަހަންނަށް ފަސްއެނބުރި ނަހީކުގެ މޫނަށް ބަލައިލެވުނެވެ. ހަދަންވީގޮތެއް ނޭނގިފައި ކަހަލަ ގޮތަކަށް އަހަރެންގެ މޫނަށް ނަހީކު ބަލައިލިއެވެ. އެ މޫނުން ފެންނަމުން ދިޔައީ ހާސްކަމެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ. މަންމަ ދައްކާ ވާހަކަ އަޑުއަހައިލަން އެދޭފަދަ ގޮތަކަށެވެ. އަހަރެންގެ އެދުމާއި ނަހީކު އެއްބަސްވިކަން އެނގުނީ، އިސްޖަހައިލިގޮތުންނެވެ.

ނަހީކުމެންގެ އަޑު އިވޭ ހިސާބުގައި އަހަރެން މަޑުކޮށްލީމެވެ. ސިއްރުން ވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެއް ނޫނެވެ. ނަހީކަށްޓަކައެވެ. އަހަރެންގެ އެހީތެރިކަން ބޭނުންވެދާނެތީއެވެ.

"ދަރިފުޅާ... ތިހެން މަންމައަށް ފިލައިގެން ކިހާ ދުވަހަކު އުޅޭނަންތަ؟..." މަންމަ ބުނި އަޑު އިވުނެވެ. "މަންމަ ކައިރީ މިހާރު އެކަކުވެސް ނެތް... ބައްޕަވެސް މަންމަ ދޫކޮށްލާފަ ގޮއްސި... ނޭޕާލު ކުއްޖަކާ އިނދެގެން ބައްޕަ އެދިޔައީ ހުރިހާ އެއްޗެއް ދޫކޮށްލާފަ.... މަންމަ ހަމަ އެހާ ގޯހީތަ؟..."

"މަންމާ... މަންމަގެ މައްސަލައަކީ، ހަމައެކަނި ރިވާއަށް އަނިޔާވެރިވުމެއް ނޫނޭ... ނޫނީ ރިވާ މަރާލަން ބަޔަކަށް ފައިސާ ދިނުމެއްވެސް ނޫން... މަންމަގެ މައްސަލައަކީ، މަންމަދެކެ ލޯބިވާން ތިބި މީހުންގެ އުފާތަކާ ދޭތެރޭ ނުވިސްނާތީ... ބަލިހާލުގަ ބައްޕަ އުޅުނުގޮތް އަހަރެން ދެކުނީމޭ... މަންމަ އަޅާލިންތަ؟... މަންމާ!... މީހަކު މަރައިގެން މަންމައަށް އުފަލެއް ލިބޭނެތަ؟... އަހަރެން ރިވާދެކެ ވާ ލޯތްބެއް ބަދަލެއްވެސް ނުކުރެވޭނެ... ފައިސާއަކުން ލޯތްބެއް ނުވެސް ގަނެވޭނެ..." ނަހީކުގެ އަޑުގައި ނުފިލާ ރިހުމެއްގެ އަސަރު ވިއެވެ.

"މަންމަ އެ އަންހެންކުއްޖާއަށް ގެއްލުންދިނީ ކީއްވެކަން ދަރިފުޅަށް އެނގެއެއްނު... އެއީ ސުންޕާމީހުންގެ ގޮތް... މުއްސަނދިން ފަހަތުން އެކަހަލަ މީހުން އުޅޭނެ... އެހެންނޫނަސް، މަންމަ ދޫކޮށްލާފައޭ ދަރިފުޅު ގޮސް އެ އަންހެނާއާ ކައިވެނިކުރީ... އެންމެން ކައިރީ ދަރިފުޅު ބުނީ ކީކޭ... މަންމަ މަރުވެއްޖޭ... ދިރިހުއްޓާ ދަރިފުޅު ތިހުރީ މަންމަ މަރާލާފަ... އެހެން ހެދީމަ، ދަރިފުޅަށް ވަކި އުފަލެއް ލިބުނުތަ؟... ޖޭސްމީން ދަރިފުޅަށް އެހީނުވިނަމަ..." މަންމަ ރޯން ފެށިއެވެ.

"މަންމާ!... އެއްވެސް މީހަކަށް ގެއްލުން ދިނުމުގެ ހައްގެއް އަނެކާއަކަށް ނޯންނާނެ..." ނަހީކު ތަންކޮޅެއް ބާރަށް ބުންޏެވެ. "ރިވާއަކީ މަންމަ ތި ހީކުރާކަހަލަ އަންހެންކުއްޖެއް ނޫން... އަހަރެން މިއަދު އުފާކުރަން ރިވާއާ ކައިވެނިކުރެވުނީމަ... އަހަރެން ރިވާއަށް ދޮގުހެދީ ހަމައެކަނި ރިވާގެ ރައްކާތެރިކަމަށް... މަންމައެއްނު ބުނީ، ރިވާއާ ކައިވެނިކޮއްފިއްޔާ، މަންމަ މަރުވީކަމަށް ބަލާށޭ..."

"ދަރިފުޅާ!..." މަންމަ ރޯންފެށިއެވެ. "މީ ދަރިފުޅުގެ މައިމީހާއޭ... އެހެން ހަމަ އެއްޗެއް ބުނާއިރަށް އެގޮތަކަށް ހަދަންވާނެތަ؟...."

"މަންމާ!... އަހަރެން މަންމަދެކެ ލޯބިވޭ... އަހަންނަށް އެނގޭ މަންމަގެ ވާހަކަ ބުނިނަމަ، މަންމައާ އޮތް ގުޅުން ރަނގަޅުކުރުވަން ރިވާ މަސައްކަތް ކުރީސްކަން... އެކަމަކު، މަންމައަކީ ކޮންކަހަލަ މީހެއްކަން އެނގޭތީ، ރިވާއާ މަންމައާ ދޭތެރޭ އެއްވެސް ގުޅުމެއް އޮންނަން އަހަރެން ބޭނުންނުވީ... އަހަރެން ހުރިހާ ކަމެއް ސިއްރުކުރީ މަންމަ ރިވާއަށް ގެއްލުންދޭނެކަން އެނގޭތީ..." ނަހީކު ބުނި އަޑު އިވުނެވެ.

"ދަރިފުޅު މަންމައާ ދޭތެރޭ ހާދަ ނުބައިކޮށޭ ތި ވިސްނަނީ... ކިތަންމެ އިންޒާރެއް ދިނަސް، މަންމައަކީ މީހުން މަރާނެ މީހެއް ނޫންކަން ދަރިފުޅަށް ނޭނގޭތަ؟... ދަރިފުޅަށް ނޭނގުނަސް، ދަރިފުޅު މެޔޭޝިޔާގަ އެންމެ ބަލިވީއިރު، މަންމަ ދަރިފުޅުގެ ހާލު ނުބަލާ އެންމެ ދުވަހެއްވެސް ނުދާނެ... ދަރިފުޅު ހީކުރީ، ޖޭސްމީން ކަމަށްތަ ހޮސްޕިޓަލުގެ ހުރިހާ ޚަރަދެއް ހަމަޖެއްސީ؟... އާނ!... ޖޭސްމީން އަމިއްލައަށް އޭނަގެ ކިޑްނީ ދަރިފުޅަށް ދިނީ... އެކަމަކު ދަރިފުޅުގެ ކަންތައް މަންމައަށް އެނގުނު ހިސާބުން ފެށިގެން، މަންމައޭ ހުރިހާ ޚަރަދެއް ކުރީ..."

އަހަންނަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ނަހީކުވެސް އެއްޗެއް ބުނި އަޑެއް ނީވުނެވެ. ކުޑަ އިރުކޮޅެއްގެ ހިމޭންކަމަށްފަހު، ނަހީކު ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ.

"މަންމަ އަހަރެންދެކެ ލޯބިވަންޏާ، އަހަރެންގެ އަނބިމީހާއާ ދަރިފުޅުދެކެވެސް ހަމަ އެވަރަށް ލޯބިވާންވާނެ... އަހަރެން ވަރަށް ލޯބިވާ ދެމީހުން އެއީ..." ނަހީކު ބުންޏެވެ. "އަހަރެންގެ ހިތް މަންމައަށް ސާފު..."

ނަހީކުގެ ވާހަކަތައް އަޑުއަހަން މާމަ އާއި ކާފަވެސް ތިއްބެވެ. މައްސަލަ ހައްލުކުރުމަށް ބޭނުންވާފަދައިން މާމަ ކުރިއަށް ޖެހިލިއެވެ.

"މާމަމެންދެކެ ލޯތްބެއް ނުވޭތަ ދަރިފުޅާ..." ނަހީކުގެ ގައިގައި ޖަހައިލަމުން މާމަ ބުންޏެވެ. "މަންމައާ ރުޅިހަދާލިގޮތަށް ދަރިފުޅު މާމަމެންނާވެސް ދުރަށްދިޔައީވިއްޔަ..."

މާމަ ޝަކުވާކުރަމުން ގޮސް، ނަހީކުގެ ގައިގައި ތަޅައިގަތެވެ. ކާފަވެސް ގޮސް މާމަ އާއި ބައިވެރިވިއެވެ. މަންމަ އެ ދެމީހުން ދުރުކުރަން މަސައްކަތް ކުރިއެވެ. އެހެން އުޅެފައި، ނަހީކުގެ ގައިގައި މާމަ ބައްދައިލިއެވެ. މަންމަވެސް މާމަ އާއިއެކު ނަހީކުގެ ގައިގައި ހިފަހައްޓައިލިތަން ފެނުނެވެ. އަހަރެންގެ ދެލޯ ފުރުނީ، އުފާވެރިކަމުގެ ކަރުނައިންނެވެ. ނަހީކުގެ އާއިލާގެ ގުޅުން ރަނގަޅުވީތީ، ހިތުގެ އަޑިން ހަމްދުކުރެވުނެވެ.

އެންމެން ހަމައަކަށް އެޅުމުން، ދަރިފުޅު ގޮވައިގެން މާމަމެންނަށް ފެންނަ ހިސާބަށް ނުކުތީމެވެ. އަހަރެން ފެނުމުން، މާމަ ކުޑަކޮށް ސިހުނެވެ. އާހިލްގެ އަންހެނުންނޭ ބުނަން އުޅުނުހެން ހީވެގެން އަވަހަށް އަމިއްލަ ތައާރަފެއް ދިނީމެވެ. މާމަގެ ރަށުން ބައްދަލު ކުރިއިރުވެސް، އަހަންނަކީ ނަހީކުގެ އަނބިމީހާ ކަމުގައި ބުނުމުން، މާމަ އުފަލުން އަހަރެންގެ ގައިގައި ފިރުމާ ހެދިއެވެ. ނޯޔާ އުރާލައިގެން މާމަ އިނީ އެ ތުއްތު ކުއްޖާގެ މޫނަށް ބަލާށެވެ.

"މީ ހަމަ މާމަގެ ނަހީކު..." މާމަ ލޯބިން ބުންޏެވެ.

އެންމެން ނޯޔާއަށް ހީ ސަކަރާތްޖަހަން ތިއްބައި، ނަހީކުގެ މަންމަ އަހަންނަށް ސިއްރުން ގޮވައިލިއެވެ. އަހަރެން އެހެންމީހުންނާއި ދުރަށްޖެހުމުން، މަންމަ އަހަންނަށް ދެލޯ އަޅައިލިއެވެ.

"އަހަރެންގެ ހިތް އަދިވެސް ސާފެއްނުވޭ އިނގޭ... އެކަމަކު، ނަހީކު ކުރިން އުޅުންހެން، އަހަންނާ ގާތްގުޅުމެއް ބާއްވަންޔާ، އަހަރެން ތި ގުޅުމަށް ގަބޫލުވާނަން... ދެން ބުނަން، އަހަރެންގެ މާމަ ދަރިފުޅަށް އަހަރެންދޭ ހުރިހާ އެއްޗެއް ބޭނުންކުރާތި..." ރުޅި އައިސްފައި ހުރިގޮތް ދައްކަން މަސައްކަތްކުރި ނަމަވެސް، ނަހީކުގެ މަންމަގެ ޖުމްލަތަކުން، އަހަންނަށް ގޯސް މާނައެއް ނުނެގުނެވެ.

ބައެއް މީހުންނަކީ އެހެން މީހުންގެ ކުރިމަތީގައި، ރީތިކޮށް ވާހަކަ ދައްކައިފިނަމަ، އަމިއްލަ ނަފުސު ދަށްވާކަމަށް ގަބޫލުކުރާ މީހުންނެވެ. އެންމެން އެމީހުންގެ އިހުސާސްތައް އަނެކާގެ ކުރިމަތީގައި ހާމައެއް ނުކުރާނެއެވެ. އެ ހަގީގަތް އަހަރެން ގަބޫލު ކުރަމެވެ. ކޮންމެ ކަމެއް ނުބައިކޮށް ވިސްނައިފިނަމަ، ރަނގަޅު އެއްވެސް ކަމެއް ނުފެންނާނެއެވެ. އެހެނަސް، ރަނގަޅަށް ވިސްނައިފިނަމަ، ކުރިމަގު އާލާވެ، އުއްމީދު އާވެދެއެވެ. އަހަންނަށް ޔަގީނެވެ. ނަހީކުގެ މަންމަ ބަދަލުވެއްޖެއެވެ. ބަދަލުވާނެ މެދުވެރިވީވެސް، މަޔެއްގެ ހިތުގައި ދަރިއަކަށްޓަކައި އޮތް ކުލުނުގެ ސަބަބުންނެވެ. އަހަރެން ގަބޫލުކުރަމެވެ. އެއްވެސް މީހަކު އެމީހެއްގެ ދަރިއަކަށް ދެރަގޮތެއް ވާކަށް ނޭދޭނެއެވެ. އެކި މީހުން ދެރަގޮތް ދެކޭނީ އެކި ގޮތަށެވެ. ނަހީކުގެ މަންމަ އަހަރެމެން ދުރުކުރަން އުޅުނީވެސް، ނަހީކަށްޓަކައެވެ. ނަހީކުދެކެ ލޯބިވާތީއެވެ. ދެރަގޮތެއް ވާން ބޭނުން ނުވާތީއެވެ. ފަސްއިނގިލި ހަމަހަމަނުވާނޭ ފަދައިން، އިންސާނުންގެ ވިސްނުމާއި، އުޅުންވެސް ތަފާތު ވާނެއެވެ. މަޔަކަށްވުމުން، ހުދު އަހަންނަށް އެހުރިހާ ކަމެއް ވިސްނިއްޖެއެވެ.

ނަހީކުގެ މާމަ އާއި ކާފަގެ ފަރާތުން ލިބުނީ ނުފިލާނޭ ލޯތްބާއި އޯގާތެރިކަމެވެ. އެ ގެއިން ނުކުތްއިރު، އުފަލުން ނަހީކުގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ގެއިން ނުކުތްގޮތަށް ނަހީކު އޭނާގެ އަތުތެރެއަށް އަހަރެން ގެންދިޔައެވެ. އަހަރެންފަދަ އަންހެންކުއްޖަކު ނަހީކުގެ ހަޔާތަށް އައީތީ އުފާކުރާކަމަށް ބުންޏެވެ.

އަހަރެންގެ އަމަލުންނާއި ބަހުން، ބަޔާންކޮށްދިނީ ނަހީކުދެކެވާ ސާފު ތެދުވެރި ލޯތްބެވެ. އެ ލޯތްބަށް ދުވަހަކު ފަނޑުކަމެއް ނާންނާނެކަމުގެ ޔަގީންކަން ދިނީމެވެ. މިއަދު އަހަރެންގެ އާއިލާ ފުރިހަމަވެއްޖެއެވެ. އެކަކު އަނެކެއްގެ ހިތުގައި އޮތް ނުތަނަވަސްކަން ފިލުވައިލެވިއްޖެއެވެ. ކުރިއަށް އޮތީ، ގުޅުންތައް ރަނގަޅު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.

ގެއަށް އައިގޮތަށް ނަހީކު އަހަރެންގެ ގައިގައި ވަރަށް ލޯބިން ބައްދައިލިއެވެ. ތުންފަތުގައި ބޮސްދިނެވެ. ދުވަހަކު އެ އަތުގެ ތެރެއިން މިންޖުނުވެވޭނެކަމުގައި ބުންޏެވެ. އެއީ ހުދު އަހަރެންވެސް ބޭނުންވާގޮތެވެ. އުމުރު ދުވަހަށް ނަހީކުގެ ހިމާޔަތުގެ ދަށުގައި ހުރުމެވެ. ދިރިއުޅުމުގެ އެތައް ބާބަކުން ލިބުނު ފިލާވަޅުތައް، ކުރިމަގު އުޖާލާކުރުމަށް އަހަންނަށް ފުދެއެވެ.

"ލަވް ޔޫ ބޭބީ..." އެއްފަހަރު އަހަރެންގެ ތުންފަތުގައި އަނެއްފަހަރު، ނޯޔާގެ ކޮލުގައި ބޮސްދެމުން ނަހީކު ބުންޏެވެ.

އަހަރެން ހިނިތުންވެލީމެވެ. އުފާވެރި ޚަޔާތަކަށް މަރުހަބާ ކިޔަމުންނެވެ. އެކަމަކު، އަހަރެންގެ ހަނދާނުގައި އެއްކަމެއް ބެހެއްޓީމެވެ. މަރަކީ އަހަރެމެންނާއި އެންމެ ކައިރީގައިވާ އެއްޗެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ. އެއީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ކިތަންމެ ދެރަވިޔަސް، ކޮންމެވެސް ދުވަހަކުން އެ ހަގީގަތާއި ކުރިމަތިލާންޖެހޭނެއެވެ.

"ލަވް ޔޫ ޓޫ..." ނަހީކުގެ މޭގެ ތެރޭގައި ފޮރުވައިލަމުން ބުނީމެވެ.

އާނއެކެވެ. އަހަރެން މިއަދު ބަޔާން މި ކުރަނީ، ހިތުގެ އަޑެވެ. ލޯތްބާއި، އުފާވެރިކަމަށް ހިތް ހުޅުވައިލީމެވެ. ދުނިޔެ ދައްކާ ކުލަތަކަށްވުރެ ބޮޑަށް އަހަރެން އިސްކަން ދޭނީ، ހިތުގެ އަޑަށެވެ. މީގެފަހުން، ދިރިއުޅުމުގައި ދިމާވާ އަޑިގުޑަންތައް ހުރަސްކުރާނީ، ލޯބިވާ މީހުންގެ އެހީތެރިކަމާއި، ލަފަޔާއި އެކުގައެވެ. ކުރިމަގު އުޖާލާވާނީ އޭރުންނެވެ.

(ނިމުނީ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
3 އަހަރު ކުރިން
1
ކިޔުންތެރިންގެ ޝުއޫރު
56%
13%
17%
13%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު