ވާހަކަ
ކުރަމޭ ބަޔާން... 23

"ހަމަޖެހިލާ..." އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޑަކުޓަރު ބުންޏެވެ. "ޕޭޝަންޓުގެ ނަސީބު ވަރަށް ރަނގަޅު... އެންމެ ބޭނުންވި ވަގުތު ކިޑްނީއެއް ލިބޭގޮތްވީ... އޮޕަރޭޝަންވެސް ވަރަށް ކާމިޔާބު... ޕޭޝަންޓުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން... ދެތިން ދުވަހެއްތެރޭ ހޮސްޕިޓަލުން ދޫކޮށްލެވޭވަރުވާނެ..."

"ކީކޭތޯ؟... ކިޑްނީއެއް ލިބުނީއޭތޯ؟..." އަހަރެންގެ ދެލޯ ބޮޑުވިއެވެ.

********

"ލައްބަ... ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ވަރަށް ކާމިޔާބުކަމާއެކީ ނިންމާލެވުނީ... މިވަގުތު ޕޭޝަންޓަށް އެއްވެސް ރިސްކެއް ނެތް..." ޑަކުޓަރު ފަހުރުވެރިވެލާފައި ބުންޏެވެ.

އުއްމީދު ގެއްލިފައިވާ އަހަރެންގެ ހިތަށް ހީވީ، ބަހާރު މޫސުން އައި ހެންނެވެ. އުފަލުންގޮސް ދެލޮލުން އޮހިގަތް ކަރުނަތަކާއިއެކު މަޑު ގިސްލުމެއްގެ އަޑު ބޭރުވެއްޖެއެވެ. ހިތާއިހިތުން މާތްﷲއަށް ހަމްދުކުރެވުނެވެ. އަހަރެންގެ ދުޢާ އިޖާބަކުރެއްވީއެވެ. ކުއްލިއަކަށް ޑަކުޓަރުގެ ފައިދަށަށް ތިރިވެވުނެވެ. ހާސްފަށުން ޝުކުރު އަދާކުރީމެވެ. ޑަކުޓަރުގެ ކައިރީގައި ހުރި ނަރުސްކުއްޖާ އައިސް އަހަރެން ނެގިއެވެ.

"ޑޮކްޓަރ... އަޅުގަނޑުމެން އުޅޭހެން ނިކްއަށް އުޅެވޭނެތޯ ދެން؟..." އަހަންނަށް ސުވާލު ކުރެވުނެވެ. "އެއްކޮށް ރަނގަޅުވާނެތޯ؟..."

"ލައްބަ... އެކަމަކު، ވަރަށް ބަލައިގެން ދެން އުޅެންވާނީ... ޕޭޝަންޓް މިކޮޅުން ދޫކޮށްލުމުގެ ކުރިން އަޅުގަނޑުމެން އަދި އިތުރު ކަންކަން ކިޔާލަދޭނަން..." ޑަކުޓަރު ބުންޏެވެ.

"ޝުކުރިއްޔާ ޑޮކްޓަރ... ވަރަށް ބޮޑަށް ޝުކުރިއްޔާ..." އުފަލުންގޮސް އަހަންނަށް އުޅެފައި ނޫޅެވޭ ގޮތްވެސް ނޭނގުނެވެ.

"ހުރިހާ ޝުކުރެއް ހެއްދެވި ފަރާތަށް..." އަތް މައްޗަށް އުފުލައިލަމުން ޑަކުޓަރު ބުންޏެވެ. "އޭގެފަހުގަ، ކިޑްނީ ހަދިޔާކުރި ފަރާތަށް..."

"ޑޮކްޓަރ... އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ކިޑްނީ ހަދިޔާކުރި ފަރާތާ ބައްދަލުކޮށްލަން... އެކަން ވެދާނެތޯ؟... އަޅުގަނޑު ބޭނުން ޝުކުރުއަދާކުރަން... މުޅި އުމުރަށް އެމީހާގެ އިހުސާންތެރިކަން ހަނދާންކުރަން ބޭނުން..." އާދޭހުގެ ރާގަކަށް އަހަރެން ބުނީމެވެ.

ޑަކުޓަރު ބަލައިލީ ނަރުސްކުއްޖާގެ މޫނަށެވެ. ނަރުސްކުއްޖާ ބޭރަށް ނުކުމެފައި އެނބުރި އައީ ކަރުދާސްކޮޅެއް ހިފައިގެންނެވެ. އޭގައި، ކިޑްނީ ހަދިޔާކުރި މީހާގެ ނަމާއި ފޯނު ނަންބަރުގެ އިތުރުން އެޑްރެސް ލިޔެފައި އޮތެވެ. އަހަރެން ޝުކުރުއަދާކުރުމުން، ޑަކުޓަރާއިއެކު، ނަރުސްކުއްޖާ ނުކުމެގެން ދިޔައެވެ.

ފަސްއެނބުރި ނަހީކުގެ މޫނަށް ބަލައިލިއިރު، އަހަރެންގެ ހުރިހާ ހިތާމައެއް ފިލައިގޮސްފައިވާ ކަހަލައެވެ. އަމިއްލަ ނަފުސަށް ފަރުވާއެއް ލިބުނުކަމުގެ އިހުސާސް ކުރެވިގެން ދިޔައެވެ. ލޮޑުކަމާއި، ވަރުބަލިކަން އިހުސާސްވާންފެށީ ދެނެވެ. ދެފައިގައި ކޮޅަށް ހުންނާނޭ ހިއްވަރު ނެތްކަން އިހުސާސްވުމާއިއެކު، ގޮސް ގޮނޑީގައި އިށީނދެލީމެވެ. ނަހީކު އޮތް އެނދުގައި ބޯއަޅާލައިގެން އޮއްވައި އަހަންނަށް އޮތީ ނިދިފައެވެ. ހަސްފަތާލުން ނުކުންނަން އަހަރެން ބޭނުން ނުވީއެވެ. އެންމެ ހިނދުކޮޅަކަށްވެސް ނަހީކާއި ދުރަށްދާކަށް މިއަދު އަހަރެން ބޭނުމެއް ނޫނެވެ.

އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ ބޮލުގައި ފިރުމައިލުމުންނެވެ. ކުޑަކޮށް ސިހިފައި އެ މީހެއްގެ އަތުގައި ހިފެހެއްޓީމެވެ. އެންމެ ބީހިލުމަކުންވެސް އެއީ ކާކުގެ އަތެއްކަން އަހަންނަށް އެނގިއްޖެއެވެ. 

"ނިކް..." ނަހީކުގެ އަތުގައި ދެ އަތުން ހިފަހައްޓައިލަމުން އަހަންނަށް ގޮވައިލެވުނެވެ.

ނަހީކު އޮތީ އަހަންނަށް ބަލަހައްޓައިގެންނެވެ. ރަތްވެފައިވާ ދެލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގެއް ހެދިފައި ވިއެވެ. އަހަރެން ބަލައިލުމުން، ނަހީކު ހީނލީ އުނދަގުލުންނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި އެތައް އިހުސާސްތަކެއް ފޮރުވިފައިވާ ކަހަލައެވެ. ނަހީކުގެ ކައިރިއަށް ޖެހިލަމުން އެ މޫނުގައި އަތް ޖައްސައިލީމެވެ. ލޯބިވާ ފިރިމީހާގެ ދެލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލަދިނީމެވެ. ނަހީކުގެ ދެތުންފަތް ހަރަކާތްކޮށްލުމާއިއެކު، އަހަންނަށް އޭނާގެ ތުންފަތުގައި އަތް ޖައްސައިލެވުނެވެ. ލޯބިވާ ވާހަކަ އިސްވެ ބުނަމުންދިޔައީ ނަހީކެވެ. އެތައް ގޮތަކުން ނަހީކު އޭނާ ވާ ލޯބި ހާމަކޮށްދީފިއެވެ. އެކަމަކު، މިއަދު އެ ޖުމްލަ އެންމެ ފުރަތަމަ ބުނާ މީހަކަށް ވާން ބޭނުމީ އަހަންނެވެ.

"އައި މިސް ޔޫ... މިސް ޔޫ ސޯ މަޗް..." ނަހީކުގެ އަތް ނަގައި ތުންފަތުގައި ޖައްސައިލަމުން ބުނީމެވެ. "ލަވް ޔޫ... ލަވް ޔޫ ސޯ މަޗް..."

ކުޑަކޮށް ގުދުވެލައި ނަހީކުގެ މޭގައި ބޯ އަޅައިލީމެވެ. އަހަރެންގެ ބުރަކަށީގައި އަތް ޖައްސާލައިގެން ނަހީކު އޮތެވެ. އޭނާގެ ދުލުން އެއްޗެއް ނުބުނި ނަމަވެސް، އެތައް ވާހަކައެއްގެ އަޑު އަހަންނަށް އިވެމުންދިޔަ ކަހަލައެވެ. އަހަރެންގެ ހިތަށް އެތައް ހާސް އުފަލެއް ލިބިފައި ވިއެވެ. ނަހީކު ކުޑަކޮށް އެއް އަރިއަކަށް ޖެހިލައި، އެނދުން ތަންކޮޅެއް ހުސްކުރިއެވެ. އަތުގެ އިޝާރާތުން، އެ ޖާގައިގައި އޮށޯތުމަށް އަހަރެންގެ ކައިރިން އެދުނެވެ. އަހަރެން އޮށޯތުމުން، ގައިގައި ބައްދާލީ، އެކަމަށް ނުހަނު ބޭނުންވެފައިވާ މީހަކު ފަދައިންނެވެ. އެ މޭގެ ފުރިހަމަ ހިމާޔަތް ލިބުމުން، އަހަންނަށް ރޮވުނެވެ. ދުލުން ނުބުނި ނަމަވެސް، ހިތުގެ ޝަކުވާތައް ބޭރުވީ، އެ ކަރުނަތަކާއި އެކުގައެވެ.

އަހަރެން މިއަދު ޝަކުވާކުރާކަށް ބޭނުމެއް ނޫނެވެ. ދައްކަން ބޭނުންވަނީ، އުފާވެރި ވާހަކަތަކެވެ. ދުނިޔޭގައި އުޅެން ލިބިފައިވާ މަދު ދުވަސްކޮޅުގައި ހާމަކުރަންވީ، އެކަކު އަނެކަކުދެކެވާ ލޯތްބެވެ. ޝަކުވާ އާއި ޒުވާބުގެ ސަބަބުން، ގެއްލިގެން ދަނީ، ބޭކާރު ވަގުތުތަކެކެވެ. އެކަމާއި ފަހުން ހިތާމަކުރަންޖެހިދާނެކަން މިއަދު ގަބޫލު ކުރަމެވެ.

"ސޮރީ..." އެތައް އިރެއްގެ ހިމޭންކަމަށްފަހު، އިސްނެގީ ނަހީކެވެ. "ލަވް ދެރަވެދާނެތީ ނުބުނެވުނީ..."

އަހަންނަށް ކުރިއަށްވުރެ ބާރަށް ނަހީކުގެ ގައިގައި ބައްދައިލެވުނެވެ. ނަހީކު ކޮންމެ ނިންމުމެއް ނިންމަނީ އަހަންނާއި ދޭތެރޭގައި ވިސްނާފައި ކަން އެނގުމުން، އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ނަހީކު އަހަރެންދެކެ ލޯބިވާ މިންވަރަށް އަހަންނަށް ނަހީކުދެކެ ލޯބިވެވޭ ހެއްޔެވެ؟ ނޫނެކެވެ. އެކަމަކު، ކުރިއަށް އޮތްތަނުގައި އަހަރެން ސަމާލުވާނަމެވެ. ނަހީކަށްވުރެ ބޮޑަށް އަހަރެން ނަހީކަށް ލޯބި ދޭނަމެވެ.

"ނިކް!... އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ބުނަން..." އެއްއަތުން ބަނޑުގައި އަތް ޖައްސާލައިގެން އޮވެ އަހަރެން ބުނީމެވެ.

"އަވަހަށް ބުނޭ..." އަހަރެންގެ ނިތްކުރީގައި ބޮސްދެމުން ނަހީކު ބުންޏެވެ.

އަހަރެން ކުޑަކޮށް މޫނު އުފުލައި ނަހީކުގެ މޫނަށް ބަލައިލީމެވެ. ނަހީކު ހިނިތުންވެލިއެވެ. އަހަރެން އޮތީ ދެ ފިކުރެއްގައެވެ. ބަނޑުބޮޑު ވާހަކަ ނަހީކުގެ ކައިރީގައި ބުނާނީ ހެއްޔެވެ؟ ނޫނީ، ނަހީކު ހަސްފަތާލުން ދޫކޮށްލުމުން ބުނާނީ ހެއްޔެވެ؟ މަންމަ ބުނިގޮތުން އުފާވެރި ޚަބަރު ދިނުން ފަސްކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެކަމަކު، ނަހީކު އެފަދަ ހާލެއްގައި ވަނިކޮށް، އެ ވާހަކަ ބުނަން ހިތް ދެކޮޅު ހަދަމުން ދިޔައެވެ.

"އެއްޗެއް ބޭނުންވެގެންތަ މާ ވަރަކަށް ތި ބަލަނީ؟..." ލާނެތް ރާގަކަށް ނަހީކު އަހައިލިއެވެ.

"ނޫން..." އަހަރެން އަވަހަށް ނޫންކަމަށް ހަދައިލީމެވެ.

ނަހީކު ގެނައި ކުއްލި ހަރަކާތާއިއެކު، އަހަރެންގެ ދަތްދޮޅީގައި ހިފައި، އުފުލައިލިއެވެ. އެއަށްފަހު ތުންފަތުގައި ބޮސްދިނެވެ. އަހަންނަށް ދެލޯ މަރައިލެވުނެވެ. ނަހީކުގެ އެ ގާތްކަމުން އެތައް ހާސް އުފަލެއް ލިބިގެން ދިޔައެވެ. ބުނަން އުޅުނު ވާހަކައިގެ މަތީންވެސް ހަނދާން ނެތުނެވެ.

********

ނަހީކު ހަސްފަތާލުން ދޫކޮށްލުމާއިއެކު، އަހަރެން އިސްކަމެއް ދިނީ، ކިޑްނީ ހަދިޔާކުރި ފަރާތާއި ބައްދަލު ކުރުމަށެވެ. ހަސްފަތާލުން ދިން ފޯނު ނަންބަރަށް ގުޅުމުން، ފޯނު ނެގީ އަންހެނެކެވެ. އަހަންނަކީ ނަހީކުގެ ކާކު ކަމާއި، ބައްދަލުކޮށްލަން އެދުމުން، އޭނާ ފާޅުގައި ދެކޮޅުހެދިއެވެ. ނަހީކަށް ނޭނގޭނޭހެން، އަހަރެން އެ ގެއަށް ދިޔައީ، ޓެކްސީއެއްގައެވެ. އެ ގެ ހުރީ އަހަރެން ކުޑަކޮށްވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ. މުއްސަނދިކަމާއި، ހައިބަތު ދައްކުވައިދޭ ތަނަވަސް ރީތި ގެއެކެވެ. އެފަދަ މުއްސަނދި  ގެއެއްގައި އުޅޭ މީހަކު ނަހީކަށް ކިޑްނީ ހަދިޔާކުރީ ކީއްވެ ހެއްޔެވެ؟ އާއްމުގޮތެއްގައި މީހުން ކިޑްނީ ހަދިޔާކުރަނީ ފައިސާ އަށެވެ. ނުވަތަ އާއިލާގެ މީހަކަށެވެ. ނޫނީ ގާތް އެކުވެރިއަކަށެވެ.

ގޭގެ ބެލް ޖަހައިލުމުން ދޮރު ހުޅުވައިލީ އުމުރުން ދުވަސްވެފައި ހުރި އަންހެނެކެވެ. އަހަރެން ފެނުމުން ފައިން ފެށިގެން މޫނަށް ބަލައިލިއެވެ. އޭނާ އަހަންނަށް ބަލަން ހުރީ ބީރަށްޓެހި ގޮތަކަށެވެ.

"ނާނާ..." ގޭތެރެއިން އަންހެން ކުއްޖަކު ގޮވައިލި އަޑު އިވުނެވެ.

ދޮރުމަތީގައި ހުރި މީހާ ކޮންމެވެސް އެއްޗެއް ބުނުމުން، ގޭތެރެއިން އެ ކުއްޖަކު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ދޮރުމަތީގައި ހުއްޓުނެވެ. ކުރިމަތީގައި ހުރި އަންހެންކުއްޖާ ފެނުމާއިއެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ.

"ޖޭސްމީން!..." އަހަންނަށް ބުނެވުނެވެ.

(ނުނިމޭ)


ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
47%
29%
12%
12%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު