މަރިޔަމް އަނާ
08 ސެޕްޓެމްބަރ 2021 - 13:39
0 comments
ރާއްޖޭގައި ކޮވިޑްގެ ހާލަތު މެނޭޖް ކުރާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރުން މަސްލަހަތު ހިމެނޭ ކްލިނިކްތަކުން ކޮވިޑަށް ޓެސްޓު ކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގަމުންދާ ކަަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފި އެވެ.
މެމްބަރު މިފަދަ ތުހުމަތުތަކެއް ކުރެއްވީ ހދ.ނޮޅިވަރަމްގައި ކޮވިޑް ބަލި މީހުން އުފުލާނެ އެމްބިއުލާންސެއް ނެތި ރަށު ޕިކަޕެއްގައި ބަލި މީހުން އުފުލަން ޖެހޭތީ އެކަމާއި ގުޅިގެން އެ ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.މެމްބަރު ވިދާޅުވީ ޓެކްނިކަލް އެޑްވައިޒަރީ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ޑޮކްޓަރުން ހިއްސާ އޮންނަ ކްލިނިކުތަކުން ޕީސީއާރް ޓެސްޓުގެ ނަމުގައި ރެޕިޑް ޓެސްޓު ދޫކުރަމުން ގެންދާ ކަމުގެ ވާހަކަތައް އާންމުން ދައްކާ ކަމަށެވެމިކަން ސީދާ ކަށަވަރު ނުވި ނަމަވެސް، އާންމުންގެ ތެރޭގައި މިފަދަ ވާހަކަތައް ދެކެވޭނީ ކަންތައްތަކެއް ހިނގަމުންދާތީ ކަމަށާއި ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއި އަދި ވަކިން ހާއްސަކޮށް ހެލްތު މިނިސްޓްރީން މިކަން ބަލަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ."ކޮންމެވެސް ވާހަކައެއް ދެކެވޭނީ ކޮންމެވެސް ކަމެއް ހިނގާތީ. އަޅުގަނޑުމެން މި ބުނަނީ ދުމެއް ނާރާނޭ އަލިފާން ނެތިއްޔާ. އެހެންވީމަ ވާހަކައެއް ނުއުފެދޭނެ ކަމެއް ނުކުރާނަމަ،" މެމްބަރު އަފީފް ވިދާޅުވިއެވެ.އަފީފް ވިދާޅުވީ ކޮވިޑް ހުރިތޯ ބަލަން މިހާރު ހަދާ ޕީސީއާރު ޓެސްޓުގެ ބަދަލުގައި ރެޕިޑް ޓެސްޓު ހެދުމަށް ފަހު އެއީ ޕީސީއާރު ޓެސްޓް ކަމަށް ބުނެ ނަތީޖާ ދޫކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"[އެ ނަތީޖާތައް] އެޗްއޯސީގެ ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ނިސްބަތްވާ ކްލިނިކްތަކުން ދޫކުރަމުންދާ ކަމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް. މިފަދަ ކަންކަން ކުރާ ކަމަށްވަންޏާ އަޅުގަނޑުމެންގެ ރާއްޖޭގައި މި ކޮންޓްރޯލް ކުރަން ކުރެވޭ މަސައްކަތް ދާނީ ބޭކާރު ގޮތެއްގައި. އެ ކަންތައްތައް ކޮންޓްރޯލްކޮށް ރަނގަޅު ސިސްޓަމަކަށް ގެންދަން ތިއްބަވާ ޑޮކްޓަރުން މަކަރު ހަދާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ކިހިނެއްތޯ މިކަންތައްތައް ހުއްޓުމަކަށް ގެނެވޭނީ" މެޑިކަލް ސާމާނު ސަޕްލައިކުރުމުގެ ވިޔަފާރިއެއްގައި މަސްލަހަތު އޮންނަ އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ މިފަދަ ވާހަކަތައް އާންމުންގެ ތެރޭގައި ދެކެވެނީ ކޮންމެ ވެސް ކަމެއް ހިނގާތީ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.