މުސްތަޤްބަލެއް ބިނާކުރުމުގެ މަސައްކަތްތަކުގައި އަންހެނުންގެ ހިއްސާ އޮންނަން ޖެހޭ: މިނިސްޓަރު
އަންހެނުންނަކީ މުޖުތަމަޢުގެ ވިސްނުމާއި، ޚިޔާލުތަކާއި، ޙައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައްކަމުން ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމުގެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބްގައި މިނިސްޓަރު ވިދާޅުވީ މި ދުވަހުގެ މަގްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްގުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ހާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް އަޑުތައް އިއްވައިދިނުމަށް ލިބިގެންދާ އިތުރު ފުރުސަތެއް ކަމަށެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫއެންވިމެން އިން މިއަހަރުގެ ޝިއާރު ކަމުގައި ކަނޑައަޅާފައިވަނީ "ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު." މި ޝިއާރެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 ފުރަބަންދަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށައަޅާފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައްކަމަށެވެ. ރާއްޖޭގެ ނިޒާމުތައް މިހާރު ހުރިގޮތުން، އެފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާކަމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ ދިގު ދެމިގެންދާ އަސަރުތަކެއް އިޖްތިމާޢި ތަރައްޤީއަށާއި، އިޤްތިޞާދަށާއި އަދި އެހެނިހެން ދާއިރާތަކަށްވެސް ކުރާނެ މައްސަލައެއް. އަޅުގަނޑުމެންގެ ދޮންވެލި ބިމާއި، ޖަޒީރާ ރަށްތަކާއި، ނޫ ކަނޑުތަކާއި، ފަޅުތަކާއި، ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި އަމާނާތް ފޯރުކޮށްދިނުމަށްޓަކައި، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން އެބަ ޖެހޭ. މި ބަދަލަކީ ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ޚިޔާލާ، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަލުވިކޮށް ތަންފީޒުކުރުމަށްޓަކައި، ސިޓީ އަދި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ވަރަށް ވެސް މުހިންމު ކަމަށެވެ.

"މިދިޔަ އަހަރު، 33 ޕަސެންޓު ކޯޓާއާއެކު ކުރިއަށްގެންދެވުނު ތާރީހީ ލޯކަލް ކައުންސިލް އިންތިހާބުން 39 ޕަސެންޓަު ގޮނޑި އަންހެނުންވަނީ ކާމިޔާބުކޮށްފައި. މިއީ ދިވެހިރާއްޖޭގެ ރަށްތަކުގައި ކަންކަން ނިންމާ ފެންވަރުގައި މިހާ ގިނައިން އަންހެނުން ތަމްސީލުވެގެންދާ ފުރަތަމަ ދައުރު،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން، ރަށުގެ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގަ އާއި ރަށުގެ އަންހެނުންނާ ގުޅޭ މައުލޫމާތުތައް އެއްކޮށް، އަންހެނުންގެ ހާލަތު ދެނެގަނެ، އަންހެނުން އެކި ދާއިރާތަކުން ބާރުވެރިކުރުމަށް މަސައްކަތްކުރުމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލާޒިމުކުރާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ރަށުގައި ހިނގާ މުހިންމު ތަރައްޤީގެ މަޝްރޫއުތަކުގައި މިފަރާތްތަކުގެ ބައިވެރިވުން އަދި ހޯދައި، އެ ފުރުސަތުތައް ފަހިކުރުމަށް ރަށު ކައުންސިލުތަކަށް ވެސް ޒިންމާތަކެއް ހަވާލުކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން އެބަ ޖެހޭ ކަމަށާއި 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމި މުއާހަދާތަކަށް ރިޕޯޓުކުރުމުގައި، އަންހެނުންގެ ހާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު