ދުނިޔެ
ރަޝިޔާގައި އުފައްދާ ތެޔޮ އެމެރިކާގެ އެއްވެސް ބަނދަރަކުން ބަލައިނުގަންނާނެ: ބައިޑެން
ރަޝިޔާއިން ބޭރުކުރާ ތެޔޮ އެމެރިކާއަށް އެތެރެކުރުން ހުއްޓާލުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާ އިން މި ފިޔަވަޅު މިއެޅީ، ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓުވުމުގެ ގޮތުން، ރަޝިޔާ އަށް އިގްތިސާދީ ގޮތުން ދަތި ކުރުމަށެވެ. ރަޝިޔާގެ ތެލާއި ބޯޓުދެއްޔާއި ގޭހުގެ ބާވަތްތައް އެމެރިކާ އަށް އެތެރެ ކުރުން މަނާކުރި ކަން އިއުލާން ކުރައްވަމުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މި ނިންމުން އަމާޒުކޮށްފައިވަނީ ސީދާ ރަޝިޔާގެ އިގްތިސާދުގެ މައި ލޭނާރަށް ކަމަށެވެ.

"އަހަރެމެން މި ހުއްޓާލަނީ ރަޝިޔާގެ ތެލާއި ގޭހާއި ހަކަތަ އެމެރިކާ އަށް އެތެރެ ކުރުން. އޭގެ މާނައަކީ، މީގެ ފަހުން ރަޝިޔާގައި އުފައްދާ ތެޔޮ އެމެރިކާގެ އެއްވެސް ބަނދަރަކުން ބަލައިނުގަންނާނެޔޭ. މިއީ ޕުޓިން ގެންގުޅޭ ހަނގުރާމައިގެ މެޝިނުގައި، އެމެރިކާ ރައްޔިތުން ޖެހި ވަރުގަދަ ތަފާލެއް،" އެމެރިކާގެ ނިންމުން އިއުލާން ކުރައްވަމުން ރައީސް ޖޯ ބައިޑެން ވިދާޅުވިއެވެ.



ބައިޑެން ވިދާޅުވީ މި ނިންމުމުގެ ސަބަބުން އެމެރިކާއިން ރަޝިޔާއަށް ރަނގަޅު ފިލާވަޅެއް ދެވޭނެކަމަށެވެ. މި ނިންމުމަށް ޢަމަލުކުރުމަށް ވަގުތުން ފަށަން އިޢުލާންކޮށްފައިވާއިރު، މިހާރު ހުރި ވިޔަފާރި އެއްބަސްވުންތައް އުވާލުމަށް 45 ދުވަހުގެ މުހުލަތެއް ވިޔަފާރިވެރިންނަށް ދީފައިވެއެވެ.

ރަޝިޔާއިން އެމެރިކާއަށް އެތެރެކުރާ ހަކަތައިގެ މިންވަަރަށް ބަލާއިރު، 2021 ވަނަ އަހަރު މަހެއްގެ މައްޗަށް 20.4 މިލިއަނައަށްވުރެ ގިނަ ތެޔޮ ފީފާ އެތެރެކޮށްފައިވެއެވެ. އެއީ އެ ޤައުމަށް އެތެރެކުރާ ތެލުގެ ގާތްގަނޑަކަށް 8 އިންސައްތައެވެ. އެހެންކަމުން އިމްޕޯޓު މަނާކުރުމުން ތެލާއި ގޭހުގެ އަގު އުފުލޭނެކަމަށް ބެލި ނަމަވެސް، އެމެރިކާގެ ރައްޔިތުންނަށް އަގުތައް ހިފަހައްޓައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ބައިޑެން ވިދާޅުވެފައިވެއެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުން ވަނީ 2022 ނިމެންވާއިރަށް ރަޝިޔާއިން ތެލުގެ ބާވަތްތައް ގަތުން އެއްކޮށް ހުއްޓާލާނެކަމަށް ބުނެފައެވެ. ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވި އިތުރު ޤައުމަކުން މިގޮތަށް ނިންމާފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ. 

ޔުކްރޭނަށް ރާޝިއާ ސިފައިން އަރައިގަނެ ހިންގަމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް އޮތީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިގްތިސާދީ ހާއްސަ ފިޔަވަޅުތަކެއް އިއްޔެ ވަނީ އިއުލާންކުރައްވައިފަ އެވެ. 

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން، ރަޝިޔާގެ އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޅި އެއް ފިޔަވަޅަކީ، ރަޝިޔާ ސަރުކާރުން ރައްޔިތުންނަށް ދޭ ޕެންޝަން ފައިސާގެ މިންވަރު އިތުރު ކުރުމެވެ. ދެ ވަނަ ކަމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފައްދައި ހިންގުމުގެ ގަވާއިދު މިހާރަށް ވުރެ ފަސޭހަކޮށް، އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.

މީގެ އިތުރުން ރަޝިއާގެ ސެންޓްރަލް ބޭންކުން މިއަދު ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ދުވަހާ ހަމައަށް ބޭންކް އޮފް ރަޝިޔާއިން ބޭރު ފައިސާ ނެގުމުގައި ލިމިޓެއް ކަނޑައަޅައިފައެވެ.

އެގޮތުން ބޭރު ފައިސާގެ ގޮތުގައި 10،000 ޑޮލަރަށް ވުރެ އިތުރަށް ނުނެގޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

އިގްތިސާދީ ގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށް، ހަނގުރާމައިގެ މިހާ ކުރީކޮޅު ރަޝިޔާގައި ފިޔަވަޅުތަކެއް އެޅުމުން އެނގެނީ، އެ ގައުމަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ އަސަރު މިހާރު ވެސް ރަޝިޔާ އަށް ކުރަން ފަށާފައިވާ ކަމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު