ޚަބަރު
އަރަބިއްޔާއަށް އެހެން ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަގުތީ އަމުރެއް ނެރެފި
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު.
އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަކިކުރި މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި ހުރި ޝުޖާއު މިމަހު ކުރީކޮޅު ވަނީ އެ މަގާމުން ވަކިކޮށް، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކޮށްފަ އެވެ. އެެހެންވެ، އެ ސްކޫލް މިހާރު ވަގުތީ ގޮތުން ހިންގަވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދާ އެވެ.

އެކަމާ ގުޅިގެން ބެލެނިވެރިން ވަނީ ސުލްހަވަރި އިހްތިޖާޖުތަކެއް ވެސް ކޮށްފަ އެވެ.

އެ މައްސަލަ ޝުޖާއުގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމަށްފަހު ވަގުތީ އަމުރަކަށް އެދުމުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށާއި އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އެ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ ފަދަ އަމުރެއް ނެރެދޭން އެ މައްސަލާގައި އެދުނަސް ޓްރައިބިއުނަލުން ނިންމީ އެގޮތަށް އަމުރު ކުރެވެން ނެތް ކަމަށެވެ. ސަބަބަކީ އެ ނުކުތާއާ މެދު ގޮތް ނިންމޭނީ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހު ކަމަށްވާތީ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ކުރިން އެމަގާމުގައި ހުންނެވި ނަސްރުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖެނުއަރީ 8، 2018 ގަ އެވެ.

އަރަބިއްޔާ ސްކޫލަށް އެކަށީގެންވާ އިމާރާތެއް ސަރުކާރުން ހޯދައި ނުދެވޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެހެންވެ، އެ ކަމާ އެ ސްކޫލުގެ ބެލެނިވެރިން އިހުތިޖާޖު ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަރަބިއްޔާގެ ކުދިންނަށް ދާއިމީ ތަނެއްގެ ގޮތުގައި ހަމަޖެއްސީ ޖަމާލުއްދީން ސްކޫލުގެ ކުރީގެ ބިން ކަމަށް ވާއިރު، ޖޭއެސްގެ އެނެކްސްއެއް އެ ބިމަށް އިތުރު ކުރާތީ އަރަބިއްޔާ އަށް ލިބޭ ޖާގަ ކުޑަވުމަކީ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު