ވިޔަފާރި
ރާއްޖޭގެ އިގްތިސާދު 12.3 ޕަސެންޓަށް ކުރިއަރާނެ: އެމްއެމްއޭ
ރާއްޖޭގެ އިގުތިސާދު މިއަހަރުގެ ނިޔަލަށް 12.3 ޕަސެންޓަށް ކުރި އަރާނެ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އަލުން މުރާޖާ ކުރިއިރު މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު 12.3 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ބޭންކުން ބުނެ އެވެ.

އެވަރުގެ ބޮޑު ކުރިއެރުމެއް އިގުތިސާދަށް އަންނާނެ ކަމަށް އެ ބޭންކުން ލަފާ ކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް އެ ބޭންކުން އާންމު ކުރި ރިޕޯޓުގައިވެ އެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ރާއްޖެއިން ފަތުރުންވެރިންނަށް ވިއްކި އެނދުގެ ނިސްބަތް 33 އިންސައްތަ އިތުރުވެފައިވާ ކަން އެ ބޭންކުން ފާހަގަކޮށްފައިވެ އެވެ.

އެއާއެކު އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 7.6 އިންސައްތަ ކުރިއަރާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެއެވެ. މިއީ ކޮވިޑުގެ ކުރީގައި ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރި މިންވަރަށް ވުރެ އިތުރު އަދަދެކެވެ.

ފަތުރުވެރިކަން ރަނގަޅުވި ނަމަވެސް ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 18 ޕަސެންޓަށް މިއަހަރު އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ. 

"މި ކަންކަމުގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އަންނަ މާކެޓްތަކުން ޓޫރިސްޓުން އައުން މަދުވެ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑަށް އަސަރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ،" އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކުރި އެވެ.

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި މި އަހަރު ރާއްޖޭގެ އިންފްލޭޝަން މިހާރު ވަނީ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓާގައި އިންފްލޭޝަނަށް ދަށްވުމެއް އައިސްފައިވާކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އެގޮތުން އިންފްލޭޝަން ވަނީ %2.9 އިން %2.7އަށް ވެއްޓިފަ އެވެ. އަދި އެވްރެޖްކޮށް މި އަހަރުގެ އިންފްލޭޝަން އުޅޭނީ %2.2ގައި ކަމަށް ރިޕޯޓްގައިވެ އެވެ.

ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނީ %5.4ގައި ކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ވަނީ ލަފާކޮށްފަ އެވެ. ދުނިޔޭގައި ތަކެތީގެ އަގުތައް ބޮޑުވުމުގެ އިތުރަށް ރާއްޖޭގައި އިންފްލޭޝަން މައްޗަށް ދާނެ ސަބަބުތަކުގެ ގޮތުގައި ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ:

  • ޖެނެރަލް ޖީއެސްޓީ %8އަށް ބޮޑުވުމުން ތަކެތީގެ އަގުތަކަށް އަންނަ ބޮޑުވުން
  • ކަރަންޓް ސަބްސިޑީ ބޭނުން ޖެހިފައިވާ މީހުންނަށް ދޭން ފެށުމުން ކަރަންޓް ބިލްގެ އަގު ބޮޑުވުން
ނަމަވެސް ކޮވިޑާ ގުޅިގެން ޗައިނާއިން އަޅަމުން ދިޔަ ހަރުކަށި ބޯޑާ ޕޮލިސީ ލުއިކުރަމުން ދިޔުމުގެ ސަބަބުން ޗައިނާ އާއި އޭޝިޔާގެ ސަރަހައްދުންތަކުން ޓޫރިސްޓުން އަންނަވަރު އަންނަ އަހަރު އިތުރުވާނޭ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ. އެހެންވެއްޖެ ނަމަ، ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާ ބައި ފޫބެއްދޭނޭ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.

"މިހެއްވެއްޖެ ނަމަ ލަފާކުރާ އަދަދަށް ވުރެ ވެސް އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ރަނގަޅުވުމުގެ ފުރުސަތު އެބަ އޮތެވެ،" އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކުރި އެވެ.

ދުނިޔޭގެ އިގުތިސާދު ދަށަށް ދާއިރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މި ރިޕޯޓުގައި ލަފާކޮށްފައި އޮތް ނަމަވެސް ޔޫރަޕުގެ އިގުތިސާދަށް އަންނަ ހީނަރުކަމުގެ ސަބަބުން އެހެން ގައުމުތަކުގެ ދަރަނީގެ ހާލަތު ގޯސްވާނެ ކަމަށާއި ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިން މިހާރަށް ވުރެ މަދުވެދާނެ ކަމަށް އެ ބޭންކުން ލަފާކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން: ބޭންކުތަކަށް ޖަމާކުރި ބޭރު ފައިސާގެ އަދަދު ދަށަށް


ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު