ޚަބަރު
ޝަރުއީ ދާއިރާ މިނިވަންކަމަށް ރައީސް ވިދާޅުވުމުން އުޝާމް ރައްދު ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންނެވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލުނުކުރައްވައި، ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ދެއްކެވުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާ އަށް ލިބެމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން ކަމަށާ އެ އިތުބާރު އުފެއްދުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ އަދުލަށް ހުކުމް ކުރުމުން. އަދި އެ ހުކުމަކީ ކަމުގެ މުއާލާތް ނުކެނޑެނީސް ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ހުކުމަކަށްވެސް ވާން ޖެހޭނެ. މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން،" ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ކުރިން ތިބި ފަނޑިޔާރުން ބޭރުކޮށްފައި މި ސަރުކާރުން ބޭނުން ބަޔަކު ކޯޓުތަކަށް އައްޔަން ކުރުމަކީ ޝަރުއީ ދާއިރާ މިނިވަން ވުމެއް ނޫނެވެ. އަދި ހަތަރު އަހަރުވެގެން ދިޔައިރު ވައުދުވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކޮށްލަން މި ސަރުކާރަށް ކެރިވަޑައިނުގަތެވެ. އެފަދަ ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކެވިއްޔާ ކަަމަށް ވިދާޅުވި އެވެ.


މިހާރު ޖޭއެސްސީ އެކުލަވާލާފައިވާ ގޮތުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކޮށްފައިވެއެވެ. މިހާތަނަށް މިވެރިކަމުގައި ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތް ކޮށްފައިނުވާއިރު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ދެފަހަރެއްގެ މަތިން ޖޭއެސްސީ އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅި ބިލްވެސް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ޖޭއެސްސީ އެކުލަވާލާފައިވާއިރު، އޭގެ ސަބަބުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އެހެންވެ، މި ސަރުކާރު ވެސް ނޮވެމްބަރު 2018 ގައި ވެރިކަމަށް އައީ އެ ފޯމޭޝަން ބަދަލުކުރުމުގެ ވައުދާ އެކު އެވެ. ނަމަވެސް ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް ވީ ހިސާބެއް ސަރުކާރަށް ވެސް ސާފެއް ނޫނެވެ.

ނުވަ މެމްބަރުން ތިއްބަވާ ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ؛

- އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއް

- ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއް

- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް

- ބަންޑާރަ ނައިބު

- ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއް - ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލެއް

- ދަށު ކޯޓުތަކުގެ ފަނޑިޔާރެއް

- ހައި ކޯޓު ފަނޑިޔާރެއް

- ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް

ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު