ޚަބަރު
ހަތް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ހޮވައިފި
ޖޭއެސްސީ --
މެޖިސްޓްރޭޓް ކޯޓުތަކަށް ހަތް ފަނޑިޔަރަކު އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"ން އިންޓަރވިއު ކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ފަރާތްތަކުގެ ތެރެއިން ހަތް ފަރާތެއް ފަނޑިޔާރުކަމަށް އައްުޔަން ކުރުމަށް ނިމްމާފައި އެވެ.

ކޮމިޓީން އިންޓަރވިއު ކުރުމަށްފަހު ހުށަހަޅާފައިވާ ރިޕޯޓުގައިވާ ފަރާތްތަކުގެ ތެރެއިން، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ނ.ކުޑަފަރި، ކުރެއިމާ، އަބާން އަބްދުﷲއެވެ. އަބާންއަކީ އިސްލާމިކް ޔުނިވާރސިޓީ އޮފް އަލް-މަދީނާއިން ބެޗްލަރ އޮފް ޝަރިޢާ އިސްލާމިކް ލޯ ޙާސިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ (ސްޕެޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2021 ވަނަ އަހަރުން ފެށިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ފަނޑިޔާރުކަމަށް ކުރިމަތިލެއްވިއިރު އަބާން ހުންނެވީ ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގަ އެވެ.

މީގެ އިތުރުން ރ.އުނގޫފާރު، ވީލްޑެން، ރިމާހު މުހައްމަދު ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމް އަދާ ކުރައްވަމުންދާ، ރިމާހް ވަނީ ޝަރުއީ ދާއިރާގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފަ އެވެ.

ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކުރެވުނު ޅ.ނައިފަރު، އަތަ، އުސްރަތު މުޙައްމަދު ވަނީ ޝަރުއީ ދާއިރާގައި 7 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. އަދި އުސްރަތު ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ބެޗްލަރސް އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އޮފް ލޯ ޙާސިލްކުރައްވާފައެވެ. އުސްރަތު އިސްމެޖިސްޓްރޭޓްކަމަށް އައްޔަނުކުރެވުނު އިރު ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގަ އެވެ.

ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރުމަށް ނިންމާފައިވާ ކ.މާލެ، ދަފްތަރު ނަންބަރު ރސ 14060، މަނާފް އިބްރާހީމް ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކުރަށްވާފައެވެ. އޭނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ލީގަލް އޮފިސަރ މަގާމާއި ބޭންކް އޮފް މޯލްޑިވްސްގެ އެންފޯސްމަންޓް މެނޭޖަރ އަދި ސީނިއަރ ލިޓިގޭޝަން ކައުންސެލްގެ މަގާމް އަދާކުރައްވާފައިވާއިރު، ޝަރުއީ ދާއިރާގައި 9 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިލައްވާފައިވެ ވެ.

ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ ފ.ނިލަންދޫ، އުނިމާގެ، މޫސާ އިސްމާއީލްއެވެ. މޫސާ އިސްމާއީލްވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (ވިތް އޮނަރސް) ހާސިލްކުރައްވާފަ އެވެ. ޝަރުއީ ދާއިރާގައި އަށް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު މެޖިސްޓްރޭޓްކަމަށް ކުރިމަތިލެއްވިއިރު ހުންނެވީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމްގަ އެވެ.

ސ.ހިތަދޫ، ދުބުހިމާގެ، ނަހުޝާ ރަޝީދު ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ބެޗްލަރސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާލިބިލައްވާފައިވާ ނަހުޝާ ރަޝީދު ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމްގަ އެވެ.

އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ ފ.ބިލެތްދޫ، ބަސީރީހިޔާ، ޖައިލަމް ތައުފީގެވެ. ޖައިލަމް ވަނީ ދިވެހިރާއްޖެގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް އަދި މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ޙހާސިލްކުރައްވާފަ އެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއަރ ލީގަލް އޮފިސަރގެ މަގާމުގައި ހުންނެވި ޖައިލަމް ވަނީ ޝަރުޢީ ދާއިރާގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފަ އެވެ.

ޖޭއެސްސީ ބުނީ މި ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ނިންމާފައިވަނީ ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަވިއުކުރުމަށް ފަހު ކަމަށެވެ.

އަދި އެ ކޯޓުތަކަށް ހަތް ފަނޑިޔާރުން އައްޔަން ކުރުމަށް ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު