ޚަބަރު
ސޮވެރިން ފަންޑްގެ ހުރިހާ ބާރެއް މިނިސްޓަރަށް ވެސް ދޭން މަޖިލީހުން ފާސްކޮށްފި
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުމުގެ ހުރިހާ ބާރުތަކެއް ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތަށް އެ ފަންޑަށް ގާނޫނީ ބާރު ދޭން ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅި ގޮތަށް މަޖިލީހުން ވެސް ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މުހައްމަދު މުމްތާޒް ހުށަހެޅުއްވި އެ ބިލް ދިރާސާކޮށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރީ 43 މެމްބަރުންގެ ވޯޓާ އެކު އެވެ. އެއް މެމްބަރަކު އެ ބިލާ ދެކޮޅަށް ވޯޓު ދެއްވި އެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން އެސްޑީއެފަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.

މިހާރު އެސްޑީއެފް ބަލަހައްޓަމުން އަންނަނީ އެމްއެމްއޭއިންނެވެ. އެކަމަކު މިހާރު ވެސް އެ ފަންޑަށް ފައިސާ ޖަމާކުރުމާއި ހަރަދު ކުރުމާ ގުޅޭ ހުރިހާ ނިންމުމެއް ނިންމަނީ ފިނޭންސް މިނިސްޓަރާއި ރައީސް އެވެ. އެ ފަންޑުގައި ހުންނަ ބޭރު ފައިސާ ރުފިޔާއަށް މާރުކުރުން ފަދަ ކަންކަން ކުރާތީ އެކި ފަރާތްތަކުގެ ކަންބޮޑުވުން އޮވެ އެވެ.   

ބިލު ފާސްވުމާއެކު އެސްޑީއެފްއަކީ މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަންޖެހޭ ފަންޑެއްގެ ގޮތުގައި ހަމަޖެހިގެންދާނެ އެވެ. އަދި އެސްޑީއެފްގެ ފައިސާ ބަހައްޓަން ޖެހޭނީ އެމްއެމްއޭގައި ވަކި ހާއްސަ އެކައުންޓެއް ހުޅުވައިގެންނެވެ.

ޕަބްލިކް ބޭންކް އެކައުންޓާއި އެސްޑީއެފް އެއްކޮށްގެން ނުވާނެ ކަމަށާއި ސޮވަރިން ފަންޑް އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭނެ އެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހެނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

އެސްޑީއެފް ހިންގާނެ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި ލިޔެ، އޮޑިޓްކޮށް ހިސާބުތައް ތައްޔާރުކުރަން ޖެހޭނެ ކަމަށް ވެސް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު