ޚަބަރު
މިދިޔަ މަހު މާލޭގައި 114 ކައިވެނި، 76 ވަރި
މިދިޔަ މަހު ފެމިލީ ކޯޓުން 114 ކައިވެނިކޮށް ދިންއިރު 76 މީހަކު ވަރިކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު، އޭގެ ކުރީ މަހާ އަޅާބަލާއިރު ހުށަހެޅުނު ވަރީގެ މައްސަލަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު 76 ވަރީގެ މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ކުރިން، މާޗު މަހު ވަނީ، 115 ވަރީގެ މައްސަލަ ހުށަހަޅާފައެވެ.

ކައިވެނި ކުރި މީހުންގެ އަދަދަށް ބަލާއިރު މިދިޔަ މަހު 114 ކައިވެނި ކޮށްފައިވާއިރު، އޭގެ ކުރިން، މާޗު މަހު 245 ކައިވެނި ވަނީ ކޮށްފައެވެ. އަދި މާޗު މަހަކީ، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ކައިވެނި ކޮށްފައިވާ މަހެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ގެވެށި އަނިޔާގެ 12 މައްސަލައެއް ހުށަހެޅިފައިވާއިރު، ރައްކާތެރިކުރުމުގެ ފަސް އަވަސް އަމުރެއް ވަނީ ނެރެފައެވެ. އަދި ގެވެށި އަނިޔާއާ ގުޅޭ 10 މައްސަލަ ނުނިމޭ ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.

މިއަަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ފެމިލީ ކޯޓަށް ވަނީ ގެވެށި އަނިޔާގެ ޖުމްލަ 25 މައްސަލައެއް ހުށަހަޅާފަ އެވެ. އެ ކޯޓުން ވަނީ އޭގެ ތެރެއިން 17 މައްސަލައެއް ނިންމާފަ އެވެ.

ފެމިލީ ކޯޓުން ނިންމި އިތުރު މައްސަލަތަކަށް ބަލާލާއިރު, ބެލެނިވެރިކަމާއި ބަލަދުވެރިކަން, ވަލީ ހޯދުން, ސުލްހަ ކުރުން, މަރު ސާބިތު ކުރުން އަދި ހުކުމް ތަންފީޒު ކުރުން ހިމެނޭހެން ޖުމްލަ 63 މައްސަލައެއް މިއަހަރު ނިންމާފައި ވެއެވެ.

ހަރަދުގެ މައްސަލަތަކުގެ ތެރެއިން ދަރިންގެ ހަރަދު ހޯދުން, ސާބިތު ހަރަދު ހޯދުން އަދި ދަރިންގެ ހަރަދު ކެނޑުން ހިމެނޭހެން މިއަހަރު ޖުމްލަ 33 މައްސަލައެއް ނިންމި އެވެ.

އޭގެ އިތުރުން ފެމިލީ ކޯޓުން ވަނީ މިއަހަރު ކުޑަކުދިންނާ ގުޅުން ހުރި ޖުމްލަ 44 މައްސަލައެއް ނިންމާފަ އެވެ. އޭގެ ތެރޭގައި ހަޟާނާތުގެ މައްސަލަތަކާއި, ނަސަބު ތަފާތު ކުރުމުގެ މައްސަލަތަކާއި, ދަރިން ނުދެއްލުމުގެ މައްސަލަަތަކުގެ އިތުރުން ފޮސްޓާ ކުރުމާއި ދަރިއަކު ބަލައި ބޮޑުކުރުން އެހެން މީހަކާ ހަވާލުކުރުމުގެ މައްސަލަތައް ހިމެނެ އެވެ.

ފެމިލީ ކޯޓަކީ ހަމައެކަނި މާލެ ސަރަހައްދުގައި ކައިވެނިކޮށް ދިނުމާއި އާއިލީ މައްސަލަތައް ބަލާ ކޯޓެވެ. ރަށްރަށުގައި ވަރި ކައިވެނީގެ މައްސަލަތައް ބަލާނީ އެރަށެއްގެ ކޯޓުންނެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު ވަރި އެންމެ ގިނަ ގައުމުގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފަ އެވެ. ނަންބަރުތަކަށް ބެލުމުން ފެންނަނީ އާއިލީ ހީނަރު ގުޅުމެވެ. ނާކާމިޔާބު ކައިވެނިތަކަށް ފަހު ދިރިއުޅުން އަލުން އާރާސްތުކުރެވޭތޯ އަނެއްކާވެސް ކައިވެނިކުރާ މީހުންގެ އަދަދެވެ. މި ކައިވެނިތަކާއި ވަރިތަކާ އެކު އާއިލީ އެކި މައްސަލަތައް އުފަންވާނެ އެވެ. އިޖުތިމާއީ މި ބޮޑު މައްސަލައަށް އަމާޒުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ގިނަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު