ޚަބަރު
ބާޣީ ލުތުފީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގެ މުގުލުގައި ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ވައްޓާލުމަށް ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލި އެވެ. އެ ދުވަހުގެ ކަންތަކުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރީ ލުތުފީ އެވެ.

އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެހުކުމް ރައީސް މައުމޫން ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގަ އެވެ. އޭގެ ފަހުން ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގަ އެވެ. ނުވަ އަހަރު ފަހުން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮން ގޮއްވި ހާދިސާއާއި ގުޅިގެން ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފަ އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމުގެ މުއްދަތު އިތުރުވީ ފިލުމާއި ގުޅިގެންނެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ދައުވާ އުފުލުމުން ހަތް މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ޖަލު ބަންދުން ސަލާމަތްނުވެ ލުތުފީ ހުރީ އެ ސަބަބާއި ގުޅިގެންނެވެ. ނަމަވެސް ކުރިއަށް އޮތް ހަތް މަހާއި 18 ދުވަސް ފަހުން އޭނާ މިނިވަންވާނެ އެވެ.   

ލުތުފީއާއެކު އެ ހަމަލާގައި ބައިވެރިވި، ސަގަރު އަހުމަދު ނާސިރުގެ މައްޗަށް ވެސް 25 އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. އެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު