ޚަބަރު
މި މަސް ނިމޭ އިރު ދެ ކޮމަންޑޫ އޮންނާނީ އެއް ރަށެއްގެ ގޮތުގައި: ރައީސް
ރައީސް ސޯލިހު ކޮމަންޑޫގައި ވާހަކަ ދައްކަވަނީ
ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ މި މަހުގެ ނިޔަލަށް ގުޅާލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުއަކީ މިދިޔަ އަހަރު ބޭއްވި މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިިއިލެކްޝަންގެ ތެރޭގައި ވައުދުވި މަޝްރޫއުއެކެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުގެ މަސައްކަތް އޭރު ފެށި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެ މަސައްކަތް މަޑުޖެހިފަ އެވެ.

ޖެނުއަރީ 12، 2022 ގައި ސަރުކާރު ކުންފުނި އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ ނަމަވެސް އެންމެ ބޮޑު މައްސަލައަކަށް ދިމާވީ މަޝްރޫއު ހިންގާ އެމްޓީސީސީގެ މައި ޑްރެޖަރު މަހާޖައްރާފު ހަލާކު ވުމެވެ. ނަމަވެސް، މަޝްރޫއު އިއުލާނުކުރެއްވިތާ ދޮޅު އަހަރު ފަހުން މި ރަށަށް ވަޑައިގެން ރައީސް މިއަދު ވިދާޅުވީ ދެ ކޮމަންޑޫގެ ވާހަކަ ދެން އަޑު އިވޭނީ އެއް ކޮމަންޑޫގެ ގޮތުގައި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލާ މަޝްރޫއަށް ބޭނުން ކުރާ ޑްރެޖަރު ހއ. އިހަވަންދޫ އަށް ވަނީ މިސްރާބު ޖަހައިފައެވެ. އަދި އެ ރަށުގެ ބިން 7-9 ހިއްކާ ނިންމުމަށް ފަހު، ދެން ޑްރެޖަރު ދަތުރު ކުރާނީ ކޮމަންޑޫ އަށް ކަމަށާއި މި މަހުގެ ފަހު 10 ގައި ޑްރެޖަރު އޮންނާނީ ކޮމަންޑޫގައި ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޮގަސްޓް މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއު ނިންމާލެވޭނެއެވެ.

ރައީސް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލައި އެއް ސަބަބަކީ ކޮމަންޑޫއަކީ ބިން ކުޑަ ރަށަކަށްވުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ކޮމަންޑުއަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، އެ ސަރަހައްދުގެ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަން ފާހަގަކުރައްވައި ވައުދުތަކެއް ވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު