ބައެއް ސިޔާސީ ފަރާތްތަކުން މެންދުރު ދައްކާ ވާހަކައާއި ރޭގަނޑު ދައްކާ ވާހަކަ ދިމާނުވާ: ރައީސް
އިސްމާއިލް ރިޒާ
13 އޯގަސްޓް 2023 - 02:12
2 comments
ނ. މަނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ ---
ބައެއް ސިޔާސީ ފަރާތްތަކުން މެންދުރު ދައްކާ ވާހަކައާއި ރޭގަނޑު ދައްކާ ވާހަކަ ދިމާނުވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެމަނިކުފާނު ސިޔާސީ ވާދަވެރިންނަށް ފާޑު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހާރު ގެންދަވަނީ ރިޔާސީ ކެމްޕެއިނަށް ނޫނު އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. މިރޭ މަނަދޫގައި ކެމްޕެއިން ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެ ޖަލްސާގައި އެމަނިކުފާނު ވަނީ ވާދަވެރީންނަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ.އެއްވެސް ކެންޑިޑޭޓަކާއި ޕާޓީއެއްގެ ނަން ވިދާޅުނުވި ނަމަވެސް ނުސީދާކޮށް ޕީޕީއެމާއި ޑިމޮކްރެޓްސްއަށް ފާޑު ވިދާޅުވި އެވެ. ރައީސް ނަޝީދާއި ޑިމޮކްރެޓްސްއަށް އަމާޒު ކުރައްވާ ވިދާޅުވީ އެ ކޭމްޕުން ފެންނަނީ ޒާތީ ގޮތުން ވާހަކަ ދެއްކުމުގައި އުޅޭ މަންޒަރު ކަމަށާ އެ ނޫން އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ފަދަ ސިޔާސީ ފަރާތްތަކުން މެންދުރު ދައްކާ ވާހަކައާއި ރޭގަނޑު ދައްކާ ވާހަކަ ދިމާނުވާ ކަމަށެވެ.މިހާރު ވެސް ބައެއް ކެންޑިޑޭޓުން، މި ސަރުކާރުން މިހާރު ވެސް ހިންގަމުން އަންނަ މަޝްރޫތައް ހިންގަން އަލުން ވައުދުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެ މަނިކުފާނުގެ ސިޔާސަތުތައް ބައްޓަންކުރައްވާނީ، އަސާސީ ހައްގުތަކުގެ މިނިވަންކަން ޔަގީންވާ މަގުންކަމަށެވެ.އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ހާމަކުރަމުން އަންނަ ފަދަ ފެންވަރުގެ އެއްވެސް ސިޔާސަތެއް އިތުރު އެހެން ކެންޑިޑޭޓަކަށް ހާމަނުކުރެވޭނެކަމަށެވެ."ސިޔާސަތުތައް ހާމަކުރަމުން ދާއިރުގައި ކޮންމެ ރަށަކަށް ތަރައްގީއަށް ބޭނުންވާ ލިސްޓެއް އެބަ ހާމަކުރަން. މިއީ ވެސް އެ ބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫން. ރައްޔިތުންނާ ބައްދަލުކޮށްގެން ނޫންތޯ އެ ކަން ކުރެވޭނީ،" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޝުއޫރު