ޚަބަރު
ޑިގްރީ ހާސިލްކުރުމާއެކު ޓީޗަރުންގެ ރޭންކް 7އަށް ބަދަލުވާނެ
ވަޒީފާގައި ތިބެ، ޑިގްރީ ނިންމި ޓީޗަރުންގެ ރޭންކް މަތިކޮށް މުސާރަ ބޮޑުކުރަން އެކަމާ ބެހޭ މިންގަނޑު، ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވައިފި އެވެ.

މިބަދަލަކީ ޓީޗަރުންގެ މިންކުރާ އޮނިގަނޑަށް ސިވިލް ސަރވިސް ކޮމިޝަނުން ގެންނެވި ބަދަލެކެވެ. ކޮމިޝަނުން ވިދާޅުވީ ވަޒީފާ އަދާކުރަމުންދާ، ޕަބްލިކް ސަރވިސް ރޭންކް 5ގައިވާ ޓީޗަރުން ޑިގްރީ ޙާސިލްކުރުމުން، އިތުރު ތަޖުރިބާގެ މުއްދަތާ ނުލާ ރޭންކް 7އަށް ބަދަލުވާނެކަމަށެވެ.

މިއާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ކުރިން އޮންނަ އުސޫލުގައި، ރޭންކް 7 އަށް ދެވެނީ ޑިޕްލޮމާ އަދި ޑިގްރީ ފުރިހަމަކުރުމަށްފަހު، ޚިދުމަތުގައި އިތުރު 2 އަހަރު މަސައްކަތް ކުރުމުންކަމަށެވެ. ނަމަވެސް މި ގެނައި ބަދަލާއެކު، ޑިގްރީ ފުރިހަމަކުރުމުން އިތުރަށް މަޑުކުރުމާއި ނުލައި، ވަޒީފާގެ ކުރިއެރުން މުދައްރިސުންނަށް ހަމަޖެހޭނެކަމަށެވެ.

މިއާއެކު މުދަރިސުންނަށް މުސާރައިގެ ކުރިއެރުންވެސް ލިބޭނެއެވެ. މިނިސްޓަރ ވިދާޅުވީ، މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި، ކޮންމެ މުދައްރިސަކީވެސް ދަށްވެގެން ބެޗްލަރސް ޑިގްރީ ފުރިހަމަކޮށްފައިވާ މުދައްރިސަކަށް ވުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަމަށެވެ. 

ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ފޮނުވި ސިޓީގައި ބުނީ ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކް 5 ގައިވާ ޓީޗަރުން ޑިގްރީ ހާސިލުކުރުމުން ޕަބްލިކް ސާވިސް 7 އަށް ބަދަލުކުރުމުގެ މިންގަނޑު އެ ސިޓީއާ އެކު ފޮނުވާފައިވާނެ ކަމަށެވެ. އެ މިންގަނޑާ އެއްގޮތަށް ސްކޫލްތަކުގެ ސްޓާފް ރިކުއާމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ ބަދަލުތައް ފާސްކުރަން، އެކޮމިޝަނަށް ހުށަހަޅަން ވެސް ސިޓީގައި އެދިފައި ވެ އެވެ.

"...އަދި ރިކުއާމަންޓް ފާސްވުމުން، މި މިންގަނޑުގެ ތެރެއިން އުފައްދަން ޖެހޭ މަގާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށަހަަޅައި، މަގާމުތައް އުދެއްދުމުން، މިހިނގަމުންދާ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިންޓާނަލީ އިއުލާނުކޮށް ، ޓީޗަރުންގެ މަގާމު ބަދަލުކުރުމުގެ މަސައްކަތް ސްކޫލްތަކާ ގުޅިގެން ތިޔަ މިނިސްޓްރީން ކުރިއަށް ގެންދިއުމަށް އެދި ދެންނެވީމެވެ،" ސިވިލް ސާވިސްކޮމިޝަނުން ފޮނުވި ސިޓީގައި ބުންޏެވެ.

ޑިޕްލޮމާއާ އެކު ސްކޫލްތަކަށް ނުކުތް ޓީޗަރުންގެ މިހާރުގެ ރޭންކް ކަމަށްވާ "ރޭންކް 5" އަށް މިހާރު މުސާރައިގެ ގޮތުގައި ދެނީ 13،266ރ. އެވެ. ޑިގްރީ ފުރިހަމަކޮށް، އެ ޓީޗަރުން ރޭންކް 7 އަށް ބަދަލުވުމުން މުސާރައިގެ ގޮތުގައި 19،467ރ. ލިބޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު