ޚަބަރު
ދެވަނަ ބުރުގައި ކެނޑިޑޭޓަކަށް ތާއީދުކުރުމާއި ގުޅޭގޮތުން އުމަރުގެ ނިންމުން މިރޭ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެނޑިޑޭޓަކަށް ތާއީދުކުރެއްވުމާއި ގޮތުން ނިންމަވާ ނިންމެވުމުން މިރޭ އިއުލާންކުރައްވާނެކަމަށް ރިޔާސީ އިންތިހާބުގައި 4 ވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ކެނޑިޑޭޓް، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ވަނީ 6،343 ވޯޓު  ލިބިވަޑައިގެންފައެވެ. އެއީ ވޯޓްގެ 2.8 އިންސައްތައެވެ. މިފަހަރުގެ އިންތިހާބުގައި އުމަރު 4 ވަނަ ހޯއްދެވީ، ރާއްޖެގެ ވަރުގަދަ ސިޔާސީ ލީޑަރުންކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒް ވާދަކުރައްވާއިރު،  އުމަރު ނަސީރު ހުރީ ވަކި ކޮޅެއް ނުނަންގަވައެވެ. އޭގެ ބަދަލުގައި އޭނާ ވަނީ 2028 ވަނަ އަހަރުގެ  ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން އިއުލާން ކުރައްވާފައެވެ. 

އުމަރު ނަސީރު މިއަދު ވިދާޅުވީ  ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރާއި ގުޅޭގޮތުން އޭނާ ނިންމަވާ ނިންމެވުމުން މިރޭ 8:30ގައި އިއުލާންކުރައްވާނެކަމަށެވެ. އަދި އެ ނިންމުން ސްބުކް އަދި ޓިކްޓޮކް ލައިވްއިން.ވަގުތުން ގެނެސްދޭނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު މީގެކުރިން ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރަށް އޭނާ ނުދާނަމަ، އެހެން ކެނޑިޑޭޓަކަށް ތާއީދުކުރެއްވުމުގެ ވިސްނުމެއް ނެތްކަމަށާއި، އޭނާ ހުންނަވާނީ "ސައިލެންޓްކޮށް"ކަމަށެވެ. 

ލއުމަރު ނަސީރުގެ ސިޔާސީ ވިސްނުމާއި،  ގެންގުޅުއްވާ ސިޔާސަތުތަކަށް ބަލާއިރު  ކެންޑިޑޭޓަކަށް އެނާ ތާއީދުކުރައްވާނަމަ، ތާއީދު ކުރެއްވުން އެންމެ ގާތީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒުއަަށެވެ.

އުމަރާއި ޑރ. މުއިއްޒުއަކީ މީގެކުރިންވެސް ސަރުކާރުގައި އެކުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އުމަރު ހޯމް މިނިސްޓަރުކަން އަދި ޑރ.މުއިއްޒު ވަނީ ހައުސިންގ މިނިސްްޓަރގެ މަގާމު އަދާކުރައްވާފައެވެ. 

އަނެއްކޮޅުން އުމަރު ނަސީރުގެ  ތާއީދު ރައީސް  ސާލީހަށް  ދިނުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު