ޚަބަރު
މާލީ ބަޔާނުގެ ޖޫރިމަނާ ފަސްކުރަން ޒަމީލް ކޯޓަށް ދިއުމުން އަމުރެއް ނުދިން
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލްގެ މާލީ ބަޔާން ފުރިހަމަ ނުވާތީ ޖޫރިމަނާ ކުރުމުން އެ ޖޫރިމަނާ ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޒަމީލުގެ މާލީ ބަޔާން ފުރިހަމަ ނުވާތީ އޭނާ 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު ޒަމީލުގެ އިންތިހާބީ އެޖެންޓް އަދި އޭނާގެ ދަރިފުޅު މަރްހާން ޒަމީލު ވަނީ 6.000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ސިވިލް ކޯޓަށް ޒަމީލު ހުށަހެޅި މައްސަލައިގައި ވަނީ މިކަމާ ގުޅިގެން ޖުޑީޝަލް ރިވިއުގެ މައްސަލައެއް އެ ކޯޓަށް ހުށަހެޅުމަށް ގަސްތުކުރާތީ އެ މައްސަލަ ހުށަހެޅުމުގެ ކުރިން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

އެ ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ މައުޟޫއީ މައްސަލަ ހުށަހެޅުމަކާ ނުލާ ހުށަހަޅާ ވަގުތީ އަމުރުގެ މައްސަލައެއް ގޮތުގައި އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އަނެއް ކަމަކީ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންސާފު ގާއިމް ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމެވެ. މި ދެކަމުން އެއްވެސް ކަމަކަށް މި މައްސަލަ ނުފެތޭ ކަމަށް ހުކުމުގައިވެ އެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ފުރިހަމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ،

ޒަމީލްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރާއި ފާރިސް މައުމޫނު އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވަނީ މާލީ ބަޔާން ފުރިހަމަ ނުވާތީ ޖޫރިމަނާކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު