ޚަބަރު
އިންތިހާބުގެ ފުރަތަމަ ބުރުގެ މާލީ ބަޔާން ހުށަހަޅައިފި
ރޭ ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގެ ތެރެއިން -- ފޮޓޯ/ ވަގުތު
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަދުގެ ނިޔަލަށް މާލީ ބަޔާންތައް ހުށަހަޅަން ޖެހެނީ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުންނެވެ. 

ދެވަނަ ބުރުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ މި މަހުގެ 29، ގެ ކުރިންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން

  • އަމިއްލަ ގޮތުން؛ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  • އަމިއްލަ ގޮތުން؛ ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ ހަސަން ޒަމީލް
  • އެމްޑީޕީ؛ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  • ޕީއެންސީ؛ މާލޭގެ މޭޔަރު، މިހާރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
  • ޖޭޕީ؛ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  • އަމިއްލަ؛ އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން
  • ޑިމޮކްރެޓްސް؛ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  • އެމްއެންޕީ؛ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
މާލީ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލާއި، އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލުގެ އިތުރުން ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް ވެސް ހުށަހަޅަން ޖެހޭނެއެވެ. އަދި ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި، ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ސްލިޕްވެސް ހުށަހަޅަން ޖެހޭނެ އެވެ. 

އިލެކްޝަންސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމައަށް، މާލީ ބަޔާން ހުށަނާޅާނަމަ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރެވޭނެއެވެ. އިލެކްޝަންސްގެ ވިސްނުން މިހާރު ހުރީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމައަށް، އެ އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާނަމަ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރުމަށެވެ. އަދި ކެމްޕެއިން ހިންގުމުގައި ގޯހެއް އުޅޭނަމަ އެ ކަން ތަހުގީގު ކުރުމަށް، ކަމާ ބެހޭ އިދާރާތަކަށް ފޮނުވުމަށެވެ.

އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނަށް 2018 އަހަރު ގެނައި އިސްލާހުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިހާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި، 24،000ރުފިޔާއާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެގާނޫނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު