ޚަބަރު
މުޅިރާއްޖެ ލާމަރުކަޒުވުމުން ގައުމު ކުރިއަރައިގެންދާނެ މަގު މިހާރު ވަނީ ފަހިވެފައި: ރައީސް
މުޅިރާއްޖެ ލާމަރުކަޒުކޮށް ރާއްޖެއަށް ގެނެސްދެއްވި ބޮޑުބަދަލާއެކު އެކި ދާއިރާތަކުން ގައުމު ކުރިއަރައިގެންދާނެ މަގުތައް މިހާރު ފަހިވެފައިވާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒުކުރުމަށް ޤާނޫނީގޮތުން ގެންނެވި ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ ބާރުތައް އެއްތާކަށް ޖަމާކޮށްގެން ޤައުމު ކުރި ނާރާނެކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ހިންގުން ލާމަރުކަޒުކޮށް ގެންނެވި ބަދަލުތަކަށް އަލިއަޅުވާލައްވަމުން، ފެންވަރު ރަނގަޅު ތަޢުލީމާއި ސިއްހީ ފަރުވާ ހޯދޭނެ މަގަކީ ލާމަރުކަޒީ ނިޒާމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަކާރުން ފަށައިގެން ކުރިޔަށްގެންދިޔަ ޓާރޝަރީ 5 ހޮސްޕިޓަލަކީ ޞިއްހީ ދާއިރާއިން ހޯދުނު ވަށާޖެހޭ ޙައްލެއްކަމަށާއި ނަފްސާނީ ދުޅަހެޔޮކަން މުޅި ރާއްޖެއަށް އާންމުކުރުމުގެ މަޝްރޫޢު ވެސް ސަރުކާރުން ފަށްޓަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވެސް ބައިނަލް އަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ހޯދިފައިވަނީ ވޭތުވެ ދިޔަ 5 އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވޭގޮތަށް ބަދަލުގެންނަވާފައިވާކަމާއި އެކި ކުޅިވަރުތައް ކުރިއެރުވުމަށް ވަކިވަކި ކުޅުންތެރިން ތަމްސީލުކުރާ ކުޅިވަރުތަކާއި އަދި ޓީމް ކުޅިވަރުތަކަށް އަމާޒުކޮށް ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވެސް ފަށްޓަވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިޖްތިމާޢީ ހިދުމަތް ލާމަރުކަޒުކޮށް ގެންނެވި ބަދަލުތައް ފާހަގަކުރައްވަމުން ، އިޖްތިމާޢީ ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަކޮށް ރާއްޖޭގެ 7 ސަރަޙައްދެއްގައި އަމާންވެށި ޤާއިމުކޮށްފައިވާކަމަށާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފަހިކޮށްދީ އެފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާއެކު ތަރައްގީ ހޯދުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު