ޚަބަރު
އަދީބާއި ޒިޔަތު މިނިވަންކުރުމުން އެޗްއާރްސީއެމް ކަންބޮޑުވެއްޖެ
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ މޭސްތިރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުއަށް މާފުދިން މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދީބާއި ޒިޔަތަށް އެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވުމުން، މިހާރު އެ ދެ ބޭފުޅުން ވަނީ މިނިވަންވެފަ އެވެ. މިކަމާ ގުޅިގެން ގާނޫނީ ބޭފުޅުންނާއި އާންމުންގެ ފާޑުކިޔުން ރައީސަށް ވަނީ އަމާޒުވެފަ އެވެ.

މިކަމާ ގުޅުވާ އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނީ ކޮރަޕްޝަންގެ މައްސަލަތައް ސާބިތުވެފައި ތިބޭ މީހުންގެ އަދަބުގެ ބޮޑު ބަޔެއް ތަންފީޒުކޮށް ނުނިމެނީސް އަދަބު ލުއިކޮށްދިނުމުގެ ސަބަބުން މިނިވަން ވެގެން ދިއުމަކީ ކޮރަޕްޝަން ހުއްޓުވައި މަނާކުރަން އަޅާފައިވާ ފިޔަވަޅުތަކަށް އެޅޭ ހުރަހެއް ކަމަށެވެ.

އެގޮތުން ސީދާ އެމްއެމްޕީއާރުސީ މައްސަލައިގެ ތެރެއިން އެކަނި ވެސް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެ، އެއިން އެއްވެސް ފައިސާއެއް ނުލިބިވާއިރު އޭގެ ގެއްލުން ބޮޑީ މުޖުތަމައުގައި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ފާހަގަކުރި އެވެ.

"މި ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މުޖުތަމައުގެ އެންމެ ނާޒުކު ހާލަތުގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަންހެނުންނާއި، ކުޑަކުދިންނާއި، ދައުލަތުން ހާއްސަ ރައްކާތެރިކަމެއް ފޯރުކޮށްދޭން ޖެހޭ ފަރާތްތައް ތިބިއިރު، ކޮރަޕްޝަނުގެ އަމަލުން ގެއްލިގެންދާ ފައިސާގެ ސަބަބުން މި ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ އިތުރު ރައްކާތެރިކަަމަށް ހުރަސްއެޅިގެން ދެ އެވެ." އެޗްއާރުސީއެމުގެ ބަޔާނުގައި ވެ އެވެ.

އަދީބާއި ޒިޔަތު މިނިވަން ކުރަން ނިންމި މައްސަލައިގައި ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަ އިރު، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ރިޔާސީ އިންތިހާބަށް ސަރުކާރު ކޯލިޝަނުގައި ތިބި ހަމައެކަނި ޕާޓީ އަދާލަތާއި ޓްރާންސްޕޭރެންސީ ފަދަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު