ޚަބަރު
ރިސާލަތު ޕްރޮގްރާމު 2024 އިފްތިތާހުކޮށްފި
ދިވެހި ޒުވާނުން އިސްލާމް ދީނަށް އަހުލުވެރި ކުރުވައި ހަރުދަނާ ޖީލެއް ބިނާ ކުރުމުގެ އަމާޒުގައި "ރިސާލަތު" ޕްރޮގްރާމެއް ނަމުގައި ހާއްސަ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން އިފްތިތާހު ކޮށްފި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު އިސްލާމިކް މިނިސްޓްރީން އެކުލަވާލި ސްޓެރެޓެޖިކް ޕްލޭންގައި މި ޕްރޮގްރާމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް، ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.

ޕްރޮގްރާމު އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ މުޖުތަމައަށް އިސްލާމްދީނުގެ ސައްހަ މައުލޫމާތުދީ، ސައްހަ އަގީދާގެ މަތީގައި ތިބުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ މި ޕްރޮގްރާމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

"އިސްލާމް ދީނުގެ ސައްހަ އަގީދާ އަށް ހޭލުންތެރިކަން އިތުރުކޮށް، ސައްހަ މައުލޫމާތު ދޭން ޖެހޭ،" ޕްރޮގްރާމުގެ މުހިއްމުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވިވި އެވެ.

"ހަރުކަށި އުސޫލުތަކާއި ނޭއްގާނީ ވިސްނުންތަކާ، އަލްމާނީ ވިސްނުންތަކާ އަދި އިލްހާދީ ވިސްނުންތަކާ، މި ހުރިހާ ކަމެއްގެ ތެރެއަށް ޒުވާނުންނާއި އެހެން މީހުން ވެއްޓިގެންދަނީ އިސްލާމީ އުސޫލުގެ ތެރެއިން ކަންތައް ނޭނގޭތީ."

ޝަހީމް ވިދާޅުވީ ދިވެހި ގައުމު ތަރުބިއްޔަތު ކުރަން ޖެހިފައިވަނީ އިސްލާމީ އުސޫލުގެ ތެރެއިން ކަމަށާއި މިއީ އެންމެންނަށް ވެސް އެއްބަސް ވެވޭ ކަމެއް ކަމަށެވެ.

މި ޕްރޮގްރާމާއި ގުޅޭ ޕްލޭންގައި އަލިއަޅުވާނީ ޝަހާދަތުގެ ދެކަލިމަ، ނަމާދު، ޒަކާތް، ރޯދަ، ހައްޖު، މާތް ﷲ އަށް އީމާންވުން، މަލާއިކަތުންނަށް އިމާންވުން، ފޮތްތަކަށް އީމާންވުން، ރަސޫލު ބޭކަލުންނަށް އިމާންވުން، އާޚިރަތް ދުވަހަށް އީމާންވުން، މިންވަރަށް އީމާންވުން، އިހްސާންކަން އަދި އުންމަތަށް މުހިންމު ފިލާވަޅުތައް ހިމެނޭނެ ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

މި ޕްރޮގްރާމު މެދުވެރިކޮށް އިސްލާމްދީނަށް ލޯބިކުރާ ހަރުދަނާ ޖީލެއް އުފެއްދުމަށާއި ފަރުޟު ފަސް ނަމާދަށް ސަމާލުކަންދީ ޖަމާއަތުގައި ނަމާދުކުރާ މުޖުތަމައުއެއް ބިނާކުރުމާއި ހަރުދަނާ އަޤީދާއެއްގެ މަތީގައި ސާބިތުވެފައިވާ ޖީލެއް ބިނާކުރުމާއި މާތް ﷲ އަށްޓަކައި ލޯބިކޮށް މާތް ﷲ އަށް ޓަކައި ވަކިވެދާ ޖީލެއް އުފެއްދުމަކީ އަމާޒުކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ. މީގެއިތުރުން ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަހުލުބައިތުންނާއި އަސްހާބު ބޭކަލުންނަށް ލޯބިކުރާ މުޖުތަމައުއެއް އުފައްދާ، އިސްލާމްދީނުގެ ރުކުންތަކަށް އަމަލުކުރާ އީމާންކަމުގެ ރުކުންތައް ޤަބޫލުކުރާ ޖީލެއް ބިނާކުރުމާއެކު އެއްބައިވަންތަ މުޖުތަމައެއް އުފެއްދުމަކީ މި ޕްރޮގްރާމުގެ ތެރެއިން ހާސިލު ކުރަން ބޭނުންވާ ކަންތައްތައް ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

މި ޕްރޮގްރާމު އަމާޒު ކުރެވޭ ފަރާތްތަކަކީ އުމުރުން 4 އަހަރުން ފެށިގެން 18 އަހަރާ ދެމެދުގެ ދަރިވަރުންނާއި ޒުވާނުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން އަންހެނުންނާއި އާންމު ރައްޔިތުންނެވެ.

ރިސާލަތު ޕްރޮގްރާމުގެ ތެރެއިން ދީނުގެ ކޮންމެ ރުކުނަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި ކުޑަކުދިންނަށް ހާއްސަކޮށް، އެކުދިންގެ އުމުރާ ގުޅޭ ޕްރޮގްރާމުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު