ކޮލަމް
ރާއްޖެއަށް އިންޑިއާގެ ނުސީދާ އިންޒާރު...؟!
އިންޑިއާގެ ލަކްޝަޑްވީޕަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެން،
އިންޑިއާގެ ބޮޑުވަޒީރު މޯދީ، ދިވެހިންގެ ތެރޭގައި ކުރީގެ މަގްބޫލް މިނިކާރާއްޖެ ނުވަތަ ކުރީގެ މިނިކޯއި އަދި މިހާރުގެ ލަކްޝަދީބަށް ގޮސް އެތަނުގެ ޓުއަރިޒަމް ފާޅުގައި ޕްރޮމޯޓް ކުރުމަކީ، ރާއްޖޭގެ ރަންބިސް އަޅާ ކުކުޅަށް ދިން ވަރަށް ކުޑަ އެހެންނަމަވެސް ދިވެހިން މޯޅިކޮށްލާނެފަދަ އިންޒާރެއްގެ ގޮތުގައި ވަނީ މާނަކުރެވިފަ އެވެ. މިއީ ކިތަންމެ ކުޑަ އިންޒާރަކަށްވިޔަސް މިކަމުގެ ސަބަބުން އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބު އާކިޕެލަގޯ އަކީ މި ޖިއޮޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ފޯކަލް ޕޮއިންޓަކަށް ވެއްޖެ އެވެ.

ތާޖް ހޮޓެލްގެ ދައުރު:

މި ހާލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި 2022 ވަނަ އަހަރު މުޅި ދުނިޔޭގެ އެންމެ ވަރުގަދަ ހޮޓެލް ބްރޭންޑް ކަމަށްވާ ތާޖް ހޮޓެލްގެ ބައިވެރިވުމެވެ. ތާޖް ހޮޓެލްއަކީ އިންޑިއާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުން ގެނައުމުގައި އެންމެ ބޮޑު ހިއްސާދާރެވެ. ތާޖުގެ ދެ ރިސޯޓު ގާއިމްކުރާނީ ލަކްޝަދީބުގެ ސުހެލީ އާއި ކަދުމަތު ޖަޒީރާގައި ކަމަށްވާއިރު ސުހެލީގައި ހުންނަ ތާޖުގައި 110 ގެސްޓް ރޫމާއި 60 ބީޗްވިލާ އާއި 50 ވޯޓާ ވިލާ ހިމެނެ އެވެ. ރާއްޖޭގައި އިންވެސްޓް ކުރުމުގެ ބަދަލުގައި، ރާއްޖޭގެ ކޮންސެޕްޓްތަކާ އެއްގޮތަށް އަދި މާފުރިހަމަޔަށް ތާޖް ހޮޓަލުން ލަކްޝަދީބުގައި ދެ ހޮޓަލެއް ތަރައްގީ ކުރަމުން އަންނައިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅު ކެމްޕޭނުގެ ފަހަތުގައިވާ މަގުސަދުތަކާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ސުވާލު އުފެދެ އެވެ.

ހީނަރުވެފައިވާ ގުޅުންތަކާއި ސިޔާސީ ހަރަކާތްތައް:

"އިންޑިއާ އައުޓް" ކެމްޕޭނުގައި ވެރިކަމަށް ވަޑައިގެން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު އަންނަނީ އިންޑިއާ ސިފައިން  ބޭލުމަށް މަޝްވަރާ ކުރަމުންނެވެ. މި ސިޔާސީ ސްޓޭންޑާއި ފަތުރުވެރިކަމާ ދެކޮޅު ކެމްޕޭނާ ގުޅިގެން، ރާއްޖެއަށް އޭގެ އަސަރު ފޯރާނެ ފުޅާ ސްޓްރެޓެޖީއެއްގެ އިޝާރާތެއް މިކަމުގެ ސަބަބުން އެބަ ލިބެއެވެ. އޭގެތެރޭގައި؛

ރާއްޖެއަށް ކުރިމަތިވެދާނެ ގެއްލުންތައް:

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވެއްޖެނަމަ އެކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރާއްޖޭގެ އިޤްތިޞާދާއި ސަލާމަތާއި ބައިނަލްއަޤްވާމީ ފެންވަރުގެ އެކި ކަންކަމަށް އަސަރުކޮށްފާނެއެވެ. ތިރީގައި މިވަނީ އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ބައެއް ނަތީޖާތަކެވެ.

އިޤްތިޞާދީ އަސަރު:

  • ފަތުރުވެރިކަން ދަށަށް: 

ރާއްޖޭގެ މުޅި އިގްތިސޯދީ ލޭނާރު ކަމުގައިވާ ފަތުރުވެރިކަމަށް ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އިންޑިއާ އިން "އެންޓި" ވެއްޖެ ނަމަ ދިވެރާއްޖެއަށް އިގްތިސޯދީ ލޮޅުން އެރުން ގާތެވެ. ސަބަބަކީ މިދިޔަ 2023 ވަނަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދެއްކު މެވެ.

ޓުރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އިންޑިއާ އިން 209198 ފަތުރުވެރިން އައިސްފައިވެ އެވެ.

އޭގެ ކުރީ 2022 ވަނަ އަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެ އަހަރު 241369 ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ. ރާއްޖެ/އިންޑީއާ ގުޅުން ހީނަރުވެ، އިންޑިއާގެ ޓޫރިސްޓުން ގެނައުން ދަށްވެ، ރާއްޖޭގެ ޖީޑީޕީގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ.

  • އިންވެސްޓްމަންޓް މަޑުޖެހުން: 
ޑިޕްލޮމެޓިކް ގުޅުން ގޯސްވުމުގެ ސަބަބުން އިންޑިއާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކަށް ހުރަސް އެޅުމުގެ ސަބަބުން އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބުރޫ އަރާނެ އެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އިންވެސްޓް ކުރާ ޤައުމަކަށްވެފައި، ޗައިނާގެ ނުފޫޒު ހުއްޓުވުމަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ ރާއްޖޭގެ ޕްރޮޖެކްޓަކަށް ފައިސާ ދީފައިވާއިރު، އާ އިންވެސްޓްމަންޓުގެ ދަށުން ވެރިރަށް މާލެ އާއި ތިލަފުށި ގުޅުވައިދޭ ބްރިޖާއި ކޯޒްވޭ އެޅުމަށް ހަރަދު ކުރިކަން ފާހަގަކުރެވެ އެވެ.

"މި މަސައްކަތް ނިމުމުން މި މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއަށް،" އިންޑިއާއިން އެމްޑީޕީ ސަރުކާރުގައި އެއްބަސްވި 500 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަށް އިޝާރާތްކުރައްވައި އެދުވަސްވަރު އޭރުގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވި އެވެ.

  • ވިޔަފާރީގެ ހުރަސްތައް:
ދެގައުމުގެ ގުޅުން ހީނަރުވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުރިމަތިވެ، މުދަލާއި ހިދުމަތުގެއަގު ރާއްޖޭގައި ބޮޑުވެ، ހިދުމަތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް ބުރޫ އަރާނެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް މުހިންމު އިމްޕޯޓް އެކްސްޕޯޓްގެ މަސައްކަތްތަކަށް ބުރޫ އަރާނެއެވެ. މިކަމުގެ ފެންނަންހުރި ވަރަށް ކުޑަކުޑަ މިސާލަކަށް ބަލާއިރު 2017 ވަނަ އަހަރު ޔާމީންގެ ސަރުކާރުގައި އިންޑިއާއާއި ފޭއަށް ޖެހި ޗައިނާއާއި ގާތްވި ކްކޮޅުމަތީގައި ރާއްޖޭގެ ބާޒާރުގައި 350 އަށް ބިސްކޭހެއް އަރައިގެން ދިޔުމުން އާންމުން އޭގެ ޝަކުވާކުރިކަން މިއަދު ހަނދާން ނެތުނުއިރު، މިދޭތެރެއަކުން 900 ރުފިޔާ އަށް ބިސްކޭހުގެ އަގު އަރައިގެން ދިޔައެވެ.

ސަލާމަތީ ކަންބޮޑުވުންތައް:

ސްޓްރެޓެޖިކް ވަލްނަރަބިލިޓީސް:

އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވުމުގެ ސަބަބުން ސްޓްރެޓެޖިކް ގޮތުން ރާއްޖެ އިތުރަށް ނާޒުކުވެދާނެ ކަމީ އެއްވެސް ޝައްކެއް ނެތް ކަމެކެވެ. ހާއްސަކޮށް ކަނޑުމަތީގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުން ފަދަ ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ލިބޭ ސަލާމަތީ އެއްބާރުލުމާއި އެހީތެރިކަމަށް އޭގެ އަސަރު ނުކުރާނެއެކޭ ނުދެންނެވޭނެ އެވެ.

ޑިޕްލޮމެޓިކް އައިސޮލޭޝަން:

  • އިންޓަނޭޝަނަލް ސްޓޭންޑިން: 
އިންޑިއާއާ ގުޅުން ހީނަރުވުމަކީ ރާއްޖެއަށް ޑިޕްލޮމެޓިކް ގޮތުން އެކަހެރިވާން ޖެހިދާނެ ކަމެކެވެ. މި އެކަހެރިކަމުގެ ސަބަބުން ބައިނަލްއަގްވާމީ ފޯރަމްތަކުގައި ގައުމުގެ ދަރަޖަ އަށް އަސަރުކޮށް، ދުނިޔޭގެ މުހިންމު ކަންކަމުގައި ތާއީދު ހޯދުމުގެ ގާބިލުކަމަށް ބުރޫ އަރާނެ އެވެ.

ސިޔާސީ ހަމަނުޖެހުން:

  • އެތެރޭގެ ހަމަނުޖެހުން: 
އިންޑިއާއާއެކު ޑިޕްލޮމެޓިކް ނުތަނަވަސްކަން އުފެދި، ރާއްޖޭގެ އެތެރޭގެ ސިޔާސީ ބައިބައިވުންތައް އިތުރުވެދާނެ އެވެ. މި އެތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުން ސިޔާސީ ހަމަނުޖެހުން އުފެދި، ހަރުދަނާ ވެރިކަމެއް ހިންގުމަށް ހުރަސް އެޅިދާނެ އެވެ.

އިއްތިހާދުތަކަށް ބަދަލު:

  • އޯލްޓަނޭޓިވް ޕާޓްނަރޝިޕް ހޯދުން: 
އިންޑިޔާއާއެކު އޮތް ގުޅުން ހީނަރުވުމުގެ ސަބަބުން ރާއްޖެއިން ޗައިނާ ކަހަލަ ސަރަހައްދީ ބާރުވެރި ޤައުމުތަކާއެކު އޯލްޓަނޭޓިވް ޕާޓްނަރޝިޕް ހޯދުމަކީ އެކަށީގެންވާ ކަމެކެވެ. މި ޑައިވަރސިފިކޭޝަނުން އާ ފުރުޞަތުތަކެއް ތަނަވަސްވެގެން ދާއިރު، އޭގެ ސަބަބުން ޖިއޮޕޮލިޓިކަލް ކޮމްޕްލިކޭޝަންތައް ވެސް އުފެދިދާނެއެވެ.

ސަރަޙައްދީ އެއްބާރުލުމަށް ކުރާ އަސަރު:

  • ރީޖަނަލް ޑައިނަމިކްސް:
ގުޅުން ހީނަރުވުމަކީ ސަރަހައްދީ އެއްބާރުލުން ދިނުމުގެ މަސައްކަތަށް ހުރަސް އެޅިދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ދެކުނު އޭޝިއާގެ ފޯރަމްތަކާއި ޖަމްޢިއްޔާޖަމާޢަތްތަކުގައި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކަށް އަސަރުކޮށް، މި ސަރަޙައްދުގެ މުޅި ހަމަޖެހުމާއި ތަރައްޤީއަށް ބުރޫއަރާނެއެވެ.

އިންސާނީ ނަތީޖާ:

  • އިންޑިއާ ބިދޭސީންނަށް ކުރާ އަސަރު:
ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ބިދޭސީން އެބަތިއްބެވެ. ޓީޗަރުންނާއި ޑޮކަޓަރުން އަދި ނަރުހުން އެއް ގައުމަކުން އެންމެ ގިނައިން ރާއްޖޭގައި ތިބީ އިންޑިއާގެ ޚިދުތްތެރީންނެވެ. ގުޅުން ހީނަރުވެއްޖެނަމަ މިކަމުގެ ސަބަބުން މި ބިދޭސީންގެ ދިރިއުޅުމާއި ދުޅަހެޔޮކަމަށް ބުރޫ އަރާ، އިންސާނީ ކަންބޮޑުވުންތަކަށް މަގުފަހިވެގެންދާނެ އެވެ.

ލަކްޝަދީބްގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމުގައި އިންޑިއާ ސަރުކާރުން ފަށާފައިވާ ރާއްޖެއާ އިދިކޮޅު މި ކެމްޕޭނަކީ ހަމައެކަނި މާކެޓިން ސްޓްރެޓެޖީއެއް ނޫންކަމަށާއި، ދެ ގައުމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ސިޔާސީ ފިޔަވަޅެއް ކަމަށް އިޤްތިޞާދީ މާހިރުން އިއްތިފާގު ވެއެވެ. މި ޙާލަތު ހިނގަމުންދާއިރު، މި ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަސަރުކުރާނެ ގޮތާއި، އެއަށްވުރެ ވެސް މުހިންމު ކަމެއްގެ ގޮތުގައި އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ފުޅާ ޑިޕްލޮމެޓިކް ގުޅުމަށް އަސަރުކުރާނެ ގޮތުގެ މަންޒަރު ބަލަން ދުރުމީ އަޅައިގެން ތިބުމަކީ ހިތަށް ކެތްވާނެ ކަމެއް ނޫންކަމަށް ވާއިރު، ހިތަށް ލިބުނު ފަސޭހަ ކަމަކީ، ރާއްޖެއަކީ ވަކި ކޮޅަކަށް ބުރަނުވާނެ ޕްރޯ މޯލްޑިވްސް ކަމަށް ރައީސް މުއިއްޒު ވިދާޅުވުމެވެ.

އިންޑިއާއާއި ރާއްޖެ އަކީ ގާތް އެކުވެރި ބައެކެވެ. މިގުޅުން ކެނޑިގެން ދިޔުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއްކަމުގައި ވިޔަސް، ފަތުރުވެރިކަމުގެ ވާދަވެރިކަމުގައި ރާއްޖޭގެ ރަންބިސް އަޅާ ކުކުޅަށް މިދިނީ އިންޒާރެކެވެ. ރާއްޖޭގެ ރިސޯޓްތަކޭ އެއްގޮތަށް ލަކްޝަދީބުގަވެސް ރިސޯޓް ތަރައްގީކޮށް 2025 ވަނަ އަހަރު ލަކްޝަދީބަށް ޓޫރިޒަމްގެ އިންގިލާބެއް ގެނައުމުގެ ފެށުން ދުނިޔެއަށް ދެއްކުމުގެ ކުރިން، ރާއްޖެއަށް އޮތީ ފަތުރުވެރިކަމުގެ އިތުރު މާކެޓްތައް ހޯދުމަށް ބުރަކޮށް މަސައްކަތްކުރުމާއެކު، އައު އިގްތިސާސުތަކަށް ކުރި ޕްލޭންތައް އަވަހަށް  ތަންފީޒު ކުރުމެވެ. 

ލަކްޝަދީބްގެ ޓޫރިޒަމުން ރާއްޖެއަށް ނޭދެވޭ އަސަރު ކުރުމަކީ ވަރަށް ގާތް ކަމެކެވެ. ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެ މާކެޓް ކުރުމުގައި އަދިވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން އެބަ ޖެހެއެވެ. 2 މިލިއަން ފަތުރުވެރިން ގެނައުމަށް ޓާގެޓް ކުރުމަކީ ކޮސް ކަމެއް ކަމަށްވާއިރު، ފޯކަސް ބަހައްޓަންވީ އަދި ޓާގެޓް ކުރަންވީ އޭގެ 3 ގުނަ ނުވަތަ 4 ގުނަ އަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ވިސްނުންތެރިކަމާއެކު މިޖެއްސީ ޗައްކަރެއް ކަމަށާ، މިއީ ނުތަނަވަސްކަން އުފެދިފައިވާ ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުންތަކާއި ގުޅުވައި ދިން "ކުޑަކުޑަ އިންޒާރެއް" ކަމަށް ބެލެވެއެވެ. އހ

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
5 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު