ޚަބަރު
ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މިއަދު ހެނދުނު ބަޔަކު ދިން ހަމަލާ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އެ މައްސަލާގައި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޝަމީމަށް ދިން ނުރައްކާތެެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ޓެރަރިސްޓް އަދި އަނިޔާވެރި މި ކަހަލަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާއި އިހުތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާ އެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ. މި ކަހަލަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ރައްކާތެރިކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާއި ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

"ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެން. އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެ ކަމަށް އުންމީދުކުރަން،" އެ ބަޔާނުގައިވެ އެވެ.

ޝަމީމަށް ދިން ހަމަލާއަށް ފަހު، ސިފައިން ވަނީ އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ. އަދި، ފުލުހުން މިހާރު އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ސިފަކުރައްވައިފަ އެވެ. އެހެންވެ، ފުލުހުންގެ ފަރާތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ހަމަލާގެ މައުލޫމާތު ހިއްސާ ކޮށްދެއްވަން އެ މަނިކުފާނުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިހަމަލާއާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކޮށްފައި ވަނިކޮށް ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން މާރާމާރީތައް އިތުރުވެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި އަނިޔާވެރި އަމަލުތައް ހިންގެނީ އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާ ހުރެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަމަށެވެ.

ބަޔާނުގައި ވަނީ ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި ޕީޖީ ޝަމީމަށް ހަމަލާ ދިން ބަޔަކު ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފަ އެވެ. އަދި ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން އެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށްވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު