ދުނިޔެ
ޔުކްރޭނަށް ރަޝިއާ އަރާ ހަނގުރާމަ ފެށީ ކީއްވެ؟

ޔުކްރޭނަށް ރަޝިއާ އަރާ ހަނގުރާމަ ފެށީ ކީއްވެ؟

ތާރީޚީ ގުޅުން: 

1991 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ސޯވިއެޓް ޔޫނިއަން ރޫޅުމުގެ ކުރިން، ޔޫކްރޭން، ބެލަރޫސް، ޖޯޖިއާ، އަރްމީނިއާ، އަޒަރުބައިޖާން، ކަޒަކިސްތާން، އުޒްބެކިސްތާން، ތުރުކްމެނިސްތާން، ކިރްގިސްތާން، ތަޖިކިސްތާން، މޮލްޑޯވާ، ލެޓްވިއާ، ލިތުއޭނިއާ، އަދި އެސްޓޯނިއާ ފަދަ ގައުމުތަކަކީ މޮސްކޯގެ ބާރުގެ ދަށުގައި ތިބި ބިންތަކެވެ. 

މި ޔޫނިއަންގެ ރޫޅުމުގެ މަރުހަލާގައި އެންމެ ފުރަތަމަ މިނިވަންކަން އިއުލާންކުރި ގައުމުތަކުގެ ތެރޭގައި ބޯލްޓިކް ސްޓޭޓްތައް ކަމަށްވާ އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާ ހިމެނެ އެވެ. އޭގެ 1 އަހަރު ނުވަނީސް ޑިސެމްބަރ 26، 1991 ގައި މިކަމުގެ ސަބަބުން، ޔޫކްރޭން، ބެލަރޫސް، އަދި އެހެނިހެން މިނިވަން ޤައުމުތައް އުފެދިގެން ދިޔައެވެ. ރަޝިއާގެ ވެރިރަށަކީ މޮސްކޯއެވެ.

ރަޝިޔާ އާއި ޔޫކްރޭންގެ ތާރީޚީ ގުޅުން މީގެ ޤަރުނުތަކެއް ކުރިން ފެށި ނަމަވެސް، ސޯވިއެޓް ޔޫނިއަން ރޫޅުމާއެކު މިދެންނެވި ގައުމުތައް މޮސްކޯގެ ކިބައިން މިނިވަންވުމުގެ ފަހަތުގައި 12 މެމްބަރު ގައުމާއެކު 1949 ވަނަ އަހަރު އެޕްރީލް 4 ގައި އުފެދުނު ނޭޓޯގެ ދައުރެއް އޮތް ކަމަކަށް ހުޅަނގުން ނުދެކެއެވެ. ހަގީގަތަކީ ސޯވިއެޓް ޔޫނިއަން ރޫޅުނުއިރު ނޭޓޯ މަޑުމަޑުން ފުޅާވެ 16 މެމްބަރު ގައުމަށް އިތުރުވެފައިވާ ކަމެވެ.

ކްރައިމިއާ ހިފުން (2014): 

ރަޝިޔާއިން ކްރައިމިއާ އަށް އަރައި އެތަން ހިފުމުން ދުނިޔޭގެ ކަންބޮޑުވުންތައް އިތުރުވި އެވެ. ރަޝިއާ ޔުކްރޭނަށް އަރައިގަތުމުގެ ފަހަތުގައިވާ ސަބަބުތައް: 

1. ނަސްލީ ކަންބޮޑުވުންތައް: 

ރަޝިޔާއިން ބުނަނީ ޔޫކްރޭންގައި ޚާއްސަކޮށް ޑޮނެޓްސްކް އާއި ލުހާންސްކްގައި ތިބީ ރަޝިޔާގެ ނަސްލުގެ މީހުން ކަމަށާއި އެމީހުންނާމެދު ޔުކްރޭނުން ހިންގާ ނަސްލީ ތަފާތުކުރުމުގެ މައްލާގައި އެމީހުން ހިމާޔަތް ކުރުމަކީ މޮސްކޯގެ ޒިންމާއެކެވެ. އެހެންކަމުން ރަޝިޔާ ބަހުން ވާހަކަ ދައްކާ މީހުންނާ މެދު ތަފާތުކުރުމާއި އަނިޔާވެރިކަމުގެ ސަބަބުން މޮސްކޯއިން އަސްކަރީ ގޮތުން ތަދައްޚުލް ވުމަށް ފުރުސަތު ލިބުނެވެ. 

2. ސްޓްރެޓެޖިކް އިންޓަރެސްޓްސް: 

ރަޝިޔާއިން ޔޫކްރޭނަކީ މުހިންމު ބަފަރެއްގެ ގޮތުގައި ދެކޭއިރު، ހުޅަނގުން ސިއްރިޔާތުގައި މިސްރާބު ޖަހާފައިހުރީ ރަޝިއާގެ ސަރަހައްދަށް ނޭޓޯ ފުޅާކުރުމަށެވެ. މިއީ އެމެރިކާގެ އިންޓެލިޖެންސުގައި މަސައްކަތްކުރި ބައެއް މީހުންގެ ފަރާތުންވެސް މޮސްކޯއާއި ހަމަޔަށް ފޯރާފައިވާ ޚަބަރުތަކެވެ. ރަޝިއާއާ ހަމަޔަށް ނޭޓޯ ފުޅާވެއްޖެނަމަ މޮސްކޯގެ ގައުމީ ސަލާމަތަށް ނުރައްކާވާނެއެވެ. އެކަމުގެ ބިރުތައް އޮތެވެ. ޔޫކްރޭން އެ އިއްތިހާދާ ގާތް ގުޅުން އޮތްކަން މޮސްކޯއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

3. ދިފާޢީ ސަބަބު: 

ކްރެމްލިން އިން އެ އަމަލުތައް ޖަސްޓިފައި ކުރަނީ ދިފާއީ އަމަލުތަކެއްގެ ގޮތުގައެވެ. އެގައުމުގެ މަސްލަހަތާއި ރައްޔިތުންނަށް އޮތް ނުރައްކާތަކުން ރައްކާތެރި ކުރަން ޖެހޭ ކަމަށް ކްރެމްލިން އިން ބުނެ އެވެ. 

ރަޝިއާ ޔުކްރޭނަށް އަރައިގަތުން: 

ބޯޑަރު ކައިރީގައި ތައްޔާރުވުން: 

2021 ވަނަ އަހަރު މާޗް މަހުން ފެށިގެން ބޯޑަރު ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ޓެންކުތަކާއި ސިފައިން އެއްވާން ފެށިއެވެ. މިކަމާއިގުޅިގެން ހުޅަނގުގެ ގައުމުތަކުން އޭރުވެސް ބުނީ ރަޝިއާއިން ހަނގުރާމައަކަށް ތައްޔާރުވަނީ ކަމަށާއި ޔުކްރޭން ހިފަން އުޅެނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް އޭރު މޮސްކޯއިން ބުނަމުން ދިޔައީ އެއީ ހަނގުރާމައަކަށް ތައްޔާރުވަނީ ނޫން ކަމަށާ އެއީ އަސްކަރީ އޮޕަރޭޝަނެކެވެ.

ޔުކްރޭނަށް އަރައިގަތުން: 

ރަޝިޔާއިން ރަސްމީކޮށް ޔުކްރޭނަށް އަރައިގަތީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުގައެވެ. މޮސްކޯއިން ބުނަމުން ދިޔައީ، އެއީ ހަމަޖެހުން އަލުން ގާއިމްކޮށް ރަޝިޔާ ބަހުން ވާހަކަ ދައްކާ ރަޝިއާގެ ނަސްލުގެ މީހުން ހިމާޔަތް ކުރުމުގެ ބޭނުމުގައެވެ.

ބައިނަލްއަޤްވާމީ ޖަވާބަކީ ކޮބާ؟

އެމެރިކާއާއި ހުޅަނގުގެ ބަސް!

ރަޝިއާއިން ޔުކްރޭނަށް އަރައިގަތުމަކީ ޔޫކްރޭންގެ އިސްތިގުލާލާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް މިގައުމުތަކުން ބުންޏެވެ. އަދި ހަރުކަށި ކަމާއެކު ރަޝިއާ ކުށްވެރިކުރި ކޮށް  ދަތިކުރުމުގެ ފިޔަވަޅުތައް ވަރަށް އަވަހަށް އަޅައި، ރަޝިޔާގެ ހާލަތު ގޯސްވުމަށް ޕްރެޝަރު ކުރި އެވެ. ރަޝިއާގެ ބިލިއަނަރުންގެ މުދާތައް ހިފަހައްޓައި ރަޝިއާ އެކަހެރިކޮށްލިއެވެ.

ރަޝިއާއާއި ދެކޮޅަށް ޔޫކްރޭނަށް ތާއީދުކުރާ ގައުމުތައް: 

އެމެރިކާ:

އެމެރިކާއިން ވަނީ ރަޝިއާއާ ހަނގުރާމަކުރުމަށް ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ދުވަހަކު ގައުމަކަށް ނުދޭހާ ގިނަ މިންވަރަށް ފައިސާއާއި ހަނގުރާމަވެރި ހަތިޔާރުތައް ޖެޓާއި ބޮން ހިމެނޭހެން ދިނެވެ. އަދި ރަޝިޔާއަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ރަޝިއާއަށް މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން ރަޝިއާގެ އުފެއްދުންތައް ބޮއިކޮޓްކޮށް ޚާއްސަކޮށް ރަޝިއާއިން ތެޔޮ ނުގަތުމަށް ގައުމުތަކަށް ގޮވާލިއެވެ.

ޔޫރަޕިއަން ޔޫނިއަން: 

އީޔޫގެ މެމްބަރު ގައުމުތަކުން ވަނީ އެމެރިކާ އެދުނު ފަދައިން ރަޝިއާ  ކުށްވެރިކޮށް ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކޮށްފަ އެވެ. ހަނގުރާމައަށް ދަރު އެޅުމުގެ ގޮތުން ޔޫރަޕްގެ އިގްތިސާދު ފުނޑިގެންދިޔަ އިރުވެސް ދެމިތިބެނީ ޔުކްރޭނަށް ފައިސާއާއި ހަތިޔާރު ދީގެން ރަޝިޔާ ބަލިކޮށްލުމަށެވެ.

ކެނެޑާ: 

ކެނެޑާއިން ވަނީ ރަޝިޔާގެ އަމަލުތައް ކުށްވެރިކޮށް، އަސްކަރީ އަދި މާލީ އެހީތެރިކަން ޔުކްރޭނަށް ފޯރުކޮށްދީފައެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ރަޝިޔާގެ އޮފިޝަލުންނާއި އަސްކަރިއްޔާގައި ބައިވެރިވާ ފަރާތްތަކަށެވެ.

އިނގިރޭސިވިލާތް: 

އިނގިރޭސިވިލާތުން ވަނީ އެ އަރައިގަތުން ކުށްވެރިކޮށް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އަދި އިންސާނީ އެހީތެރިކަމުގެ ނަމުގައި އެހީ ފޯރުކޮށްދީ ރަޝިއާއާއި ހަނގުރާމަކުރުމަށް އަސްކަރީ އެހީތެރިކަން ޔޫކްރޭނަށް ފޯރުކޮށްދިނެވެ. 

ޔޫކްރޭންގެ މިހާރުގެ ހަގީގަތް: 

އިންސާނީ ދަތިކަން: 

ރިޕޯޓްތަކުން ދައްކާ ގޮތުގައި ގިނަ ބަޔަކު ގެދޮރު ދޫކޮށް ދިއުމާއި، ރެފިއުޖީން އިތުރުވެ ޔުކްރޭނުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދަނީ އެހީ ފޯރުކޮށްދިނުމަށާއި ތަކުލީފުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޑިޕްލޮމެޓިކް މަސައްކަތާއި ނުފޮރުވުނު ސިއްރު!

ސުލްހަވެރި ގަރާރެއް ނެރުމަށް ދުނިޔޭގެ ލީޑަރުން މަސައްކަތް ކުރަނީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމުގެ ބޭނުންތެރިކަމަށް އަލިއަޅުވައި ހަނގުރާމަ ހުއްޓާލުމަށެވެ. އެހެންނަމަވެސް ފާހަގަކުރެވޭ ކަމަކީ ހަނގުރާމަ ހުއްޓާލުމަށް ވާހަކަދައްކަމުން އަނެއްކޮޅުން، މެދުނުކެނޑި ހުޅަނގާއި އެމެރިކާއިން ޔުކްރޭނަށް ހަޔިޔާރު އޮއްސާކަމެވެ. މި އަރައިގަތުން ހުއްޓުނަނުދީ ދަނޑިވަޅުގެ ބޭނުން ރަނގަޅަށް ހިފައި، ޔުކްރޭނު މީހުން ލައްވާ އެމެރިކާ އާއި ހުޅަނގުން ރަޝިއާއާ ހަނގުރާމަކޮށް ރަޝިއާގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަނީއެވެ. 

ޕޫޓިންގެ ވިސްނުން:

ސޯވިއެޓް ޔޫނިއަން ރޫޅާލީ ނޭޓޯ އިތުރަށް ފުޅާ ނުކުރާނެ ކަމަށް ބުނެ އެމެރިކާއިން ރަޝިއާއަށް ދޮގު ހަދައި އޮޅުވާލައިގެންނެވެ. ނަމަވެސް އޭގެފަހުން ނޭޓޯ ފުޅާވަމުން ގޮސް ރަޝިއާގެ ވަށައިގެންވާ ގައުމުތައް ނޭޓޯ އަށް ވައްދައި ރަޝިއާ އަށް ނުރައްކާ ކުރަން އެމެރިކާ މަސައްކަތް ކުރާކަން ޕުޓިން އަށް އެނގުނެވެ. އަދި ޔުކްރޭނު ނޭޓޯއާ ގުޅެން އުޅޭކަން ޔަހީންވުމާއެކު ޔުކްރޭނުގެ ދިފާޢީ އަދި އަސްކަރީ ބާރުތައް ނެތިކޮށްލުމަށް ރައީސް ޕުޓިން ނިންމެވިއެވެ. ނޭޓޯގެ މެމްބަރު ގައުމަކަށް ވާން ބޭނުންނަމަ އެގައުމެއްގައި ދިފާޢީ ގޮތުން ވަކި ޝަރުތުތަކެއް ހުރުންލާޒިމެވެ. އެހެންކަމުން ޕުޓިންގެ މި ފިޔަވަޅުގެ ސަބަބުން ނޭޓޯއާއި ޔުކްރޭނަކަށް ރަސްމީ ގޮތުން ޖޮއިން ވެވޭކަށް ނެތެވެ. ނަމަވެސް ހަގީގަތަކީ ޔުކްރޭނަށް އެރުމުގެ ސަބަބުން މިއަދު ރަޝިއާ އެހަނގުރާމަކުރަނީ އެމެރިކާ އަދި ނޭޓޯ އާއެވެ. ޕުޓިން ކުރިންވެސް ހީކުރި ގޮތަށް ޔުކްރޭނު އޮތީ ރަޝިއާއަށް ނުރައްކާ ކުރާނެ މަންޒިލެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު