ދުނިޔެ
ރަޝިއާގެ ކޮންސަޓު ހޯލެއްގައި ބަޑިން ހަމަލާދީ 143 މީހަކު މަރާލައިފި
ރަޝިއާގެ ކްރޯކަސް ސިޓީ ހޯލު ކައިރީ ސަލާމަތީ ހިދުމަތުގެ އިތުރުން ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ
ރަޝިއާގެ ކޮންސަޓު ހޯލެއްގައި ބަޑިން ހަމަލާދީ 143 މީހަކު އިއްޔެ މަރާލައިފި އެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ މޮސްކޯގައި ގިނަ ބަޔަކު އެއްވެފައި ތިބި ކްރޯކަސް ސިޓީ ހޯލަށް ހަތިޔާރު އެޅި މީހުންތަކެއް ވަދެ، ދިން އެ ހަމަލާގައި 200 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

ހަމަލާގެ ޒިންމާ ނެގި އައިއެސްއައިއެލް އިން ވަނީ ހަމަލާދިން މީހުން ކަމަށް ބުނެ، ޓެލެގްރާމް ޗެނަލެއްގައި އެމީހުންގެ ފޮޓޯއެއް އާންމުކޮށްފައެވެ. އެ ޖަމާއަތުން ބުނީ މި ހަމަލާއަކީ އިސްލާމްދީނާ ދެކޮޅަށް ހަނގުރާމަކުރާ ގައުމުތަކާއި ދެކޮޅަށް އެ ޖަމާއަތުން ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ތެރެއިން ދިން ހަމަލާއެއް ކަމަށެވެ.

ރަޝިޔާގެ މީޑިއާތަކުން އާންމުކުރި ވީޑިއޯތަކުގައި ގިނަ އިރުތަކަކަށް ބަޑިޖަހާ އަޑު އިވޭއިރު، ރައިފަލް ހިފައިގެން ތިބި ބަޔަކު ހޯލް ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ތަން ފެނެއެވެ. ހަމަލާދިން މީހުން ވަނީ ގޮވާތަކެތި އުކައިފައި ކަމަށާއި އަލިފާން ރޯވެފައިވަނީ އެކަމުގެ ސަބަބުން ކަމަށްވެސް މީޑިއަތަކުން ރިޕޯޓުކުރެއެވެ.

ހަމަލާދިން މައްސަލައަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ، ރަޝިޔާ ސަރުކާރުން އަންނީ މައްސަލަ ތަހްގީގު ކުރަމުންނެވެ. އެ ހަމަލާއަކީ މި ފަހަކުން ރަޝިޔާގައި ދިން އެފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

ރަޝިއާއާއެކު ހަނގުރާމައިގައި އޮތް ޔޫކްރެއިން އިން ވަނީ މި ހަމަލާއާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މިކަމުގައި ޔޫކްރެއިންގެ ބަޔަކު ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ނެތް ބުނެފަ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ކްރަސްނޯގޯސްކްގައި ދިން ނުރައްކާތެރި އަދި ބިރުވެރި ނިރުބަވެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ރޭ ދިން ހަމަލާއާ ގުޅިގެން މާޗް މަހުގެ 24 ވަނަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އެ ޤައުމުގެ ރައީސް ރައީސް ވްލަޑިމިއާ ޕޫޓިން ހަމަޖައްސަވައިފަ އެވެ.

މިއަދު ޤައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވަނީ މި ހަމަލާއަކީ ނިރުބަވެރި އަނިޔާވެރި އަމަލެއް ކަމަށް ސިފަކުރައްވައި، އެކަން ކުރި މީހުންނަށް އަދަބު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ޔޫކްރެއިންއިން އެމީހުން ފިލަން އެހީވުމަށް "ވިންޑޯއެއް" ތައްޔާރުކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ޕޫޓިން ވަނީ މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި، މި ހަމަލާއާ ގުޅިގެން ރަޝިއާގެ އިމަޖެންސީ ސާވިސަސް އިން ދިން އިޖާބައަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު