ޚަބަރު
ޝަރުތު ހަމަވާ މީހުންނަށް އަވަހަށް ފްލެޓު ދޭން ގޮވާލައި މަޖިލީހަށް މައްސަލައެއް
ގޯއްޗާއި ފްލެޓްގެ މައްސަލައިގައި މާލޭގެ ރައްޔިތުން ވާނުވާގައި ނުބޭތިއްބުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގޮވާލައްވައިފިއެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ.

ދަތި ހާލުގައި އާއިލާ ބިނާ ކުރަމުންދާ މީހުންގެ ތަކުލީފުތަކަށް ހައްލެއް ހޯދައި ދިނުމަށް ކުރަން އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ ޝަރުތު ހަމަވާ މީހުންނަށް ވީ އެންމެ އަވަހަކަށް ފްލެޓުތައް ދިނުމަށް އީވާ ހުށަހެޅި މައްސަލާގައި ގޮވާލާފައިވެ އެވެ.

މި މައްސަލަ ބަލައިގަތުމަށް ވޯޓުގައި ބައިވެރިވި 24 މެމްބަރުންގެ އިންތިފާގުން ފާސްވެ، މަޖިލީހުގައި މި ވަގުތު މި މައްސަލައަށް އަންނަނީ ބަހުސް ކުރަމުންނެވެ. މައްސަލަ ހުށަހަޅުއްވަމުން ފްލެޓުތަކަކީ ގިނަ ބަޔަކު އުޅެމުންދާ ދަތި ހާލަށް ލިބޭނެ ހައްލެއް ކަމަށް އީވާ ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައިވެސް ފެންނަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފަހަތަށް ޖައްސަމުންދާ މަންޒަރުކަމަށެވެ. ފްލެޓް ދޫކުރުމުގެ ކަންކަމުގައި މައްސަލައެއް އުޅޭނަމަ އެކަން ބަލަންޖެހޭނެކަން ފާހަގަ ކުރައްވާ އީވާ ވިދާޅުވީ މައްސަލަ ނެތް މީހުންނަށް އެމީހުންނަށް ހައްޤުވާ ފްލެޓްތަކާއި ބޯހިޔާވަހިކަން ވީހާވެސް އަވަހަކަށް ދޭންޖެހޭ ކަމަށެވެ. މާލޭގައި ދުވަހަކުވެސް ނޫޅޭ ބައެއް ފަރާތްތަކަށް ފްލެޓް ދޫކޮށްފައިވާކަމުގެ ވާހަކަތައް އަޑުއިވޭކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ އެފަރާތްތަކުގެ މައްސަލަތައް ބެލިނަމަވެސް ފްލެޓްތައް ހައްގުވާ މާލޭގެ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ފްލެޓްތައް ދޫކުރަންޖެހޭ ކަމަށެވެ.

"މިއީ ދިގުކުރަންޖެހޭ ވާހަކައެއް ނޫން. ރައީސް ޑރ. މުއިއްޒުއަށް އަޅުގަނޑުގެ އިލްތިމާސްއަކީ، ވާނުވާގައި ނުބައިތިއްބާށޭ. މާލޭ މީހުން އެގޮތަށް ތަޅުވަން ނަހަދާށޭ." އީވާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގެ "ދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބުނުކަން އިއުލާނުކުރި މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުންކަމަށް އޭސީސީން މިފަހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު