ޚަބަރު
ހަ މަސްތެރޭ ޑްރޯނުން ބޭސް އުފުލަން ފަށަނީ
ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުގެ ހިދުމަތް ހަ މަސްތެރޭ ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާ އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށެވެ.

މިނިސްޓްރީގެ އަމާޒަކީ ހަ މަސް ތެރޭ އެ ހިދުމަތް ފެށުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޑްރޯން ޑެލިވަރީ ސިސްޓަމް ތައާރަފް ކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ މަސައްކަތް ފަށައި، ޓެސްޓް ފްލައިޓުގެ ފުރަތަމަ ބުރު މިދިޔަ ޖެނުއަރީ 19 ވަނަ ދުވަހު ކާމިޔާބުކަމާ އެކީގައި ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

އަދި ވިޔަފާރި އުސޫލުން މި ހިދުމަތް ފެށުމުގެ ކުރިއަށް ޑްރޯން ރެގިއުލޭޝަން މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޑްރޯން ޑެލިވަރީ ސިސްޓަމާ ގުޅިގެން އަތޮޅުތެރެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމު މި އަހަރުގެ ތެރޭގައި ހަމަޖެއްސިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޑްރޯން ބޭނުންކޮށްގެން އެއް ލެބޯޓްރީން އަނެއް ލެބޯޓްރީ އަށް ސާމްޕަލް ގެންދިއުމަކީ ކުރީގެ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް ފަށަން އުޅުނު ކަމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު